ޕެރަގުއޭގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކުރި ހޯދައި އެމެރިކާއިން ވޯލްޑް ކަޕްގައި އެ ގައުމުގެ ފެށުން ވަރުގަދަކޮށްފިއެވެ.

ލޮސް އެންޖެލިސްގައި ހުކުރު ދުވަހު ރޭ (ރާއްޖެ އަށް ހޮނިހިރު ދުވަހުގެ ހެނދުނު) ކުޅުނު މެޗުގެ ކުރީކޮޅު އެމެރިކާގެ ފަރާތުން ފެނުނީ ވަރަށް ވަރުގަދަ ކުޅުމެކެވެ.

މުބާރާތް ބާއްވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެމެރިކާއިން ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހާފަ އެވެ. މެޗު ފެށުނީއްސުރެ އެމެރިކާއިން ދިޔައީ ޕެރަގުއޭގެ ގޯލަށް ބާރުބޮޑުކުރަމުންނެވެ.  މެޗުގެ ހަތްވަނަ މިނެޓުގައި ޕެރަގުއޭގެ ޑާމިއަން ބޮބަޑިއްލާ އަތުން ބައިކޮޅަށް ވަން ލަނޑާއެކު އެމެރިކާއިން ކުރިހޯދި އެވެ.

މަޝްހޫރު ކޯޗު މައުރީސިއޯ ޕޮޗެޓިނޯގެ އިރުޝާދުގެދަށުން ކުޅެމުން އަންނަ އެމެރިކާއިން މެޗު ޑޮމިނޭޓް ކުރި އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ފޮލަކިން ބަލޮގުން ވަނީ އެމެރިކާއަށް ދެ ލަނޑު ޖަހައިދީފަ އެވެ. އޭގެ ތެރެއިން އޭނާގެ ދެވަނަ ލަނޑަކީ ގޯލުގެ މަތީ ކަނަށް ފޮނުވާލި ބާރުގަދަ ހަމަލާއެކެވެ. މި ލަނޑުތަކާ އެކު އެމެރިކާއިން މެޗުގެ ފުރިހަމަ ކޮންޓްރޯލް ހޯދިއެވެ.

މިދިޔަ ސީޒަނުގައި އޭސީ މިލާނުގައި ދެއްކި އާދައިގެ ކުޅުމުގެ ސަބަބުން ގިނަބައެއްގެ ފާޑުކިޔުން އަމާޒުވި ކްރިސްޓިއަން ޕުލިސިޗް ވަނީ ފުރަތަމަ 45 މިނެޓުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. ޕެރަގުއޭއަށް ޖެހުނު ހަމައެކަނި ލަނޑު މެޗުގެ ދެވަނަ ހާފުގައި  ޖަހައި ދިނީ މައުރީސިއޯ އެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖިއޯ ރޭނާ ފޮނުވާލި ފާހަގަކޮށްލެވޭ ރީތި ހަމަލާއަކުން އެމެރިކާއަށް ވަނީ ހަތަރުވަނަ ލަނޑު ޖަހައިފަ އެވެ. އެ ހަމަލާއާ އެކު އެމެރިކާއިން ވަނީ ބޮޑު މޮޅަކާއެކު މެޗު ނިންމާލާފައެވެ.