ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު ފޯރިގަދަ މެޗުތަކުން އެމެރިކާ އާއި މޮރޮކޯ މުހިންމު މޮޅެއް ހޯދައިފިއެވެ.

ގްރޫޕް ޑީގައި ހިމެނޭ އެމެރިކާ އިން އޮސްޓްރޭލިއާގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދިއިރު، ގްރޫޕް ސީގައި ހިމެނޭ މޮރޮކޯ އިން ވަނީ 1-0 އިން ސްކޮޓްލޭންޑް ބަލިކޮށްފަ އެވެ. މި ދެ ޓީމުން ވެސް ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކައި، ބައިކޮޅަށް ލަނޑެއް ވަނިޔަނުދީ ހިފަހައްޓާފަ އެވެ.

އެމެރިކާގެ މުހިންމު ކުޅުންތެރިޔާ އަދި ކެޕްޓަން ކްރިސްޓިއަން ޕުލިސިޗް ކެާފް އިންޖަރީއެއްގެ ސަބަބުން މި މެޗުގައި ނުކުޅެ އެވެ. 

ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން އެމެރިކާ އިން ވަނީ މެޗު ޑޮމިނޭޓްކޮށްފަ އެވެ. އެމެރިކާގެ ފުރަތަމަ ލަނޑަކީ އޮސްޓްރޭލިއާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޮގުން ނެގި ހުރަހެއް އޮސްޓްރޭލިއާގެ ކެމަރަން ބާޖަސްގެ ގައިގައި ޖެހި ގޯލް ވަނީ ބައިކޮޅަށެވެ.. މި ލަނޑާ އެކު އެމެރިކާ ވެގެންގޮސްފައިވަނީ ވޯލްޑް ކަޕް ތާރީހުގައި ވިދިވިދގެން ދެ މެޗުގައި އިދިކޮޅު ޓީމުގެ އަތުން ބައިކޮޅަށް ވަން ލަނޑުތަކުން، ދެ މެޗު ފުރިހަމަ ކުރި ފުރަތަމަ ޓީމަށެވެ. 

އެމެރިކާގެ ދެވަނަ ލަނޑު ފުރަތަމަ ހާފު ނިމުގެ ކުރިން ޖެހީ އެލެކްސް ފްރީމަން އެވެ. މޮޅާއެކު ހަ ޕޮއިންޓް ހޯދައިގެން އެމެރިކާ އޮތީ ގްރޫޕުގެ އެއްވަނައިގައި ހަމަޖެހިލައިފަ އެވެ. ގްރޫޕް ސްޓޭޖުގެ އެ ޓީމުގެ ފަހު މެޗުގައި އަންނަ ބުރާސްފަތި ދުވަހު ނުކުންނާނީ ތުރުކީއާ ދެކޮޅަށެވެ.

މޮރޮކޯ އާއި ސްކޮޓްލޭންޑް ބައްދަލުކުރި މެޗު އެ ޓީމުން ކާމިޔާބުކުރީ މެޗު ފެށިގެން އެންމެ 70 ސިކުންތުގެ ތެރޭގައި ޖެހި ލަނޑުންނެވެ.

ބްރަހީމް ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު މޮރޮކޯއަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އިސްމާއިލް ސައިބަރީއެވެ. މޮރޮކޯގެ ހަލުވި ކުޅުމުގެ ސަބަބުން ސްކޮޓްލޭންޑްގެ ޑިފެންސަށް ބޮޑެތި ބާރު ބޮޑު ކުރި އެވެ. 

މި ހަނި މޮޅާއެކު މޮރޮކޯ އިން ވަނީ މުބާރާތުގެ ކުރިއަށްދިއުމަށް މުހިންމު ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.