ހުކުރު ދުވަހުގެ ރޭ، އެމެރިކާއާ ދެކޮޅަށް ކުޅުނު އޮސްޓްރޭލިއާ ޓީމުގެ ކުޅުންތެރިންގެ އިސްޓާކީނުތަކުގައި ހުރީ ލޯވަޅު އަޅައި، ބާގަނޑު ހަދައިފަ އެވެ. އިންގްލެންޑްގެ ޖޫޑް ބެލިންހަމްގެ އިސްޓާކީނުގައި ވެސް އަދި ރޭ އައިވަރީކޯސްޓާ ދެކޮޅަށް ކުޅުނު ޖަރުމަނުގެ ޓީމުގެ ގިނަ ކުޅުންތެރިންގެ އިސްޓާކީން ވެސް ކަތުރުން ކޮށާލައިގެން ހުރީ ބާގަނޑު ހަދައިފަ އެވެ.
އެ ބާގަނޑުތަކުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟
ކުޅުންތެރިންގެ އިސްޓާކީނުގައި ލޯވަޅު އަޅައިގެން، މެޗުތަކަށް ނުކުތުމަކީ މީގެ އަށެއްކަ އަހަރު ކުރިން ފެށިގެން ޕްރޮފެޝަނަލް ލީގުތަކާއި މުބާރާތްތަކުގައި ގިނަ އަދަދެއްގެ ކުޅުންތެރިން ކުރަމުން އަންނަ ކަމެކެވެ.
އެކަމަކު މިފަދަ މަންޒަރުތައް ގިނަ ބަޔަކަށް ފެންނަނީ، ގިނަ ބަޔަކު ބަލާ މުބާރާތްތަކުގަ އެވެ. ވޯލްޑް ކަޕާއި ޔޫރޯ ފުޓްބޯޅަ މުބާރާތްތައް ފަދަ، ކޮންމެ ހަތަރު އަހަރަކުން ބައްދަލުވާ ފުޓްބޯޅައިގެ އީދުތަކުގައި މި މަންޒަރު ގިނަބަޔަކަށް އަޅައިގަނެވެ.
ކުޅުންތެރިން މިހެން ހަދަނީ ކީއްވެ ހެއްޔެވެ؟ މިކަމުގައި ސިއްހީގޮތުން އެއްވެސް ފައިދާއެއް އެބައޮތް ހެއްޔެވެ؟
ފަސޭހައަކަށް ކުރާކަމެއް
ޒަމާނީ ފުޓްބޯޅަ އިސްޓާކީނުތައް ތައްޔާރުކުރަނީ ޕޮލިއެސްޓާ އިންނެވެ. މިއީ އޭގެ ބައްޓަން ހިފެހެއްޓުމަށާއި ފެން ހަރުނުލާނެ ގޮތަށް ހެދުމަށް ރަނގަޅު މާއްދާއެކެވެ. ނަމަވެސް، މީގެ ސަބަބުން އިސްޓާކީނު މާ ބާރުވެ، ފަޔަށް ފިތޭގޮތް ދިމާވާކަމަށް ބައެއް ކުޅުންތެރިން ބުނެ އެވެ.
ބައެއް ކުޅުންތެރިން ގަބޫލުކުރާ ގޮތުގައި، އިސްޓާކީނުން ބައެއް ތަންތަން ކަތުރަކުން ނުވަތަ ތޫނު އެއްޗަކުން ކޮށާލައި ލޯވަޅު އެޅުމުން ފައިގެ ފަލަމަސްގަނޑުގެ ތިރީބައިގެ މަސްތަކަށް ކުރާ ބާރު ކުޑަކޮށްދެ އެވެ. އަދި އެ ތަނުގެ ލޭ ދައުރުވުން އިތުރުކޮށްދީ، މަސްގުޅަކެވުމާއި އަނިޔާވުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ. އޭގެ ސަބަބުން ހަރަކާތްތެރިވުމުގައި އިތުރު ފަސޭހަ ކަމެއް ކުޅުންތެރިންނަށް ލިބޭކަމަށް، ބައެއް ކުޅުންތެރިން ބުނެ އެވެ.
އެކަމަކު މިކަމާ ބެހޭގޮތުން ރަސްމީކޮށް ސައިންސްގެ އަލީގައި ދިރާސާތަކެއް ހެދިފައެއް ނުވެ އެވެ. މިކަމަށް އޮތީ އެކަން އެގޮތަށް ކުރާ ކުޅުންތެރިން ދައްކާ ވާހަކަ އެވެ. އޭގެ ފައިދާ އަމަލީގޮތުން ތަޖުރިބާކުރި އެއް ކުޅުންތެރިޔަކީ ވެސްޓްހޭމް ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ފްރޭންކް ނޫބްލް އެވެ. އޭނާ ބުނިގޮތުގައި އިސްޓާކީނުގައި ލޯވަޅު ކެނޑުމުން، އޭގެ ފައިދާ ވަރަށް ބޮޑެވެ.
"ތިމާ ފެންނަގޮތް ރަނގަޅުނަމަ، ހިތްހަމަޖެހުން ލިބޭނެ. އަދި ހިތްހަމަޖެހުން ލިބޭނަމަ، ކުޅުންވެސް ރަނގަޅުވާނެ. މީގެ މުޅި އަސްލަކީ ދަނޑުމަތީގައި ވީހާވެސް ފަސޭހަ އަދި އަރާމުކޮށް ހުރުން،" 2023 ގައި އޭނާ ބުންޏެވެ.
އެހެން ކުޅިވަރުތަކުގައި އުޅޭ އެތުލީޓުން ވެސް މިފަދަ ކަންކަން ކުރެ އެވެ. އެގޮތުން ކްރިކެޓްގައި އުކުންތެރިން، ބޫޓުގެ ކުރީކޮޅުން ތަންކޮޅެއް ކަނޑާލައި ލޯވަޅުއަޅަ އެވެ. އޭގެ ބޭނުމަކީ ބޯޅަ އުކާއިރު ދަނޑުމަތީގައި ބޫޓުގެ ކުރީކޮޅު ޖެހި ފައިގެ އިނގިލިތައް ފިތުން ސަލާމަތްކުރުމަށްޓަކައި ހަދާގޮތެކެވެ.
އެހެން އެއްވެސް ކުޅިވަރަކަށްވުރެ ފުޓްބޯޅައިގައި މިކަން މިހާރު މާ ބޮޑަށް ވަނީ އާންމުވެފަ އެވެ.
ސިއްހީ މާހިރުން ބުނަނީ ކީކޭ؟
ސްޕޯޓްސް ސައިންސާއި އެތުލެޓިކް ޑިވެލޮޕްމެންޓާއި ފިޒިކަލް ތެރަޕީއަށް ހާއްސަކޮށް އެމެރިކާގެ ކެލިފޯނިއާގައި ހުޅުވާފައިވާ ކްލިނިކް "ތުރީ ސީބީ ޕާފޯމަންސް" ގެ ފައުންޑަރު ޑރ. ރާއްޖް ބްރާރް ބުނި ގޮތުގައި އިސްޓާކީނުގައި ލޯވަޅު އެޅުމުގައި ސައިންޓިފިކް އެއްވެސް ހެއްކެއް ނެތެވެ.
"ސިއްހީ ގޮތުން ފައިގެ ފަލަމަސްގަނޑަށް ކުރާ ބާރު ކުޑަކުރުމަށް އޮތް އެއް ގޮތަކީ އިސްޓާކީނު ކޮށާލުމުގެ ބަދަލުގައި، މީގެ ދިމާ އިދިކޮޅަށް ކަންތައް ކުރުން. އެއީ މެޗުތަކުގެ މެދުތެރެއިން ވަރުބަލިކަން ފިލުވުމުގެގޮތުން، ފަޔަށް ބާރުކޮށް ހުންނަ ކޮމްޕްރެޝަން އިސްޓާކީނު ބޭނުންކުރުން،" އޭނާ ވިދާޅުވި އެވެ.
"އޭގެ ސަބަބުން، އިސްޓާކީނުގެ ބާރުމިނަށް ބަލައި ފައިގެ ލޭ ދައުރުވުން އިތުރުކޮށްދީ އަދި ފައި ދުޅަވުން އެކި މިންވަރަށް ކުޑަކޮށްދޭނެ. ފުޓްބޯޅަ ކުޅުންތެރިންގެ ފަލަމަސްގަނޑަށް ކުޅުމުގެ ތެރެއިން އެކަށީގެންވާ ވަރަށްވުރެ ވެސް ގިނައިން ހަރަކާތްކުރާތީ ލޭ ދައުރުވުމުގެ މައްސަލަތަކާއި ނުވަތަ ލޭ ދައުރުވުން މަޑުޖެހި ފައި ދުޅަވެދާނެތީ ވިސްނާކަށް ނުޖެހޭނެ."
އިސްޓާކީނުގައި ލޯވަޅު ނުކަނޑައި އިސްޓާކީނު ފަސޭހައިން ބޭނުން ކުރެވޭނެ ޓެކްނޮލޮޖީ މިހާރު އެބަހުރި
އިންގްލަންޑާއި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ޑިފެންޑަރު ގޭރީ ނެވިލް ވެސް ވަނީ، ކުޅުންތެރިން އިސްޓާކީނު ކޮށަންޖެހޭ ސަބަބަކާ މެދު ސުވާލު އުފައްދައިފަ އެވެ.
"އެމީހުންގެ އަތުގައި ގާތްގަނޑަކަށް 400 އެއްހާ ބޫޓު ހުރޭ، އަދި އެމީހުންގެ ހުރިހާ އެއްޗަކީވެސް އެމީހުންގެ ސައިޒަށް ހާއްސަކޮށްގެން ފަހާފައި ހުންނަ ތަކެތި،" އޭނާ ބުންޏެވެ.
"ނައިކީ ނުވަތަ ކިޓް ސްޕޮންސަރުން އެމީހުންނަށް ކުޑަކޮށް ދޫ އިސްޓާކީނު ކޮޅެއް ތައްޔާރުކޮށް ނުދޭނެ ކަމަށް ބުނާ ވާހަކަ އަހަރެން ގަބޫލެއް ނުކުރާނަން."
ކުޅިވަރު ސާމާނު އުފައްދާ ހަމްލް ކުންފުނީގެ ކުރީގެ ސީއީއޯ އެލަން ވަޑް ނީލްސަން ބުނީ ބައެއް ބްރޭންޑްތަކުން އެމީހުންގެ ލޯގޯތައް ރީތިކޮށް ދެއްކުމަށްޓަކައި އިސްޓާކީނުތައް ވާންކޮށް ބާރުކޮށް ވިޔާ ކަމަށެވެ.
މީގެ ސަބަބުން އިސްޓާކީނު މާބޮޑަށް ފަޔަށް ބާރުވެ، ބައެއް ކުޅުންތެރިންނަށް އުނދަގޫތަކާ ކުރިމަތިވާނެކަމަށް އޭނާ ބުންޏެވެ.
"ނަމަވެސް ޕޮލިޕްރޮޕިލީން މާއްދާތައް ބޭނުންކުރުމުން އިސްޓާކީނުގެ ފެންވަރު އެއްވަރެއްގައި ހިފެހެއްޓުމަށާއި ގިނަދުވަހު ހަލާކުނުވެ ހުރުމަށް އެހީވެދޭނެ،."
"އާ ޓެކްނޮލޮޖީގެ އެހީގައި ލޭ ދައުރުވުން ރަނގަޅުކޮށްދޭ ޓެކްނިކްތައް ބޭނުންކޮށްގެން އިސްޓާކީންތައް ހެދޭނެ އެވެ. މީގެ ސަބަބުން އަނިޔާވުމުގެ ފުރުސަތު ކުޑަކޮށްދޭނެ އެވެ. މީގެ އިތުރުން، ހޫނު ހިފެހެއްޓުމާއި ވައި ދައުރުކުރުވުމަށްޓަކައި އިސްޓާކީނު ރޭނދާ ޑިޒައިންތަކުގެ ފޮތިން ތައްޔާރު ކުރެ އެވެ. މިއީ ފިނިކޮށް ބެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ."