ފުޓްބޯޅަ ތާރީހުގައި ބައިނަލްއަގްވާމީ މެޗު 200 ހަމަކުރި މަދު ކުޅުންތެރިންގެ ލިސްޓުން ކްރޮއޭޝިއާގެ ކެޕްޓަން ލުކާ މޮޑްރިޗް ޖާގަ ހޯދައިފި އެވެ.
ވޯލްޑް ކަޕްގެ ގުރޫޕް އެލްގައި ޕެނަމާ އަތުން 1-0 އިން ކްރޮއޭޝިއާ މޮޅުވި މެޗުގެ އުފާވެރިކަން ކޮރެއޭޝިއާ ޓީމުން ފާހަގަ ކުރީ އެ ގައުމުގެ ތާރީހުގައި އުފެއްދި އެންމެ މޮޅު ކުޅުންތެރިޔާ، އެ ހާއްސަ އަދަދަށް ވާސިލުވުމުގެ އުފަލާ ވެސް އެކުގަ އެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދާފައިވާ މޮޑްރިޗް، 40، ވަނީ އެ ހާއްސަ އަދަދުގައި މަޝްހޫރު ދެ ކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ، ލިއޮނަލް މެސީގެ ލިސްޓުން ޖާގަ ހޯދައިފަ އެވެ. ދެ މި ލިސްޓްގައި ހިމެނެނީ ކުވެއިތުގެ ބާދަރް އަލް މުތައްވަގެ އެވެ.
ޕޯޗުގަލްއާއެކު ރެކޯޑް ހަވަނަ ވޯލްޑް ކަޕެއް ކުޅެމުންދާ ރޮނާލްޑޯ އަކީ 230 އަށްވުރެ ގިނަ މެޗާއެކު މި ރެކޯޑް އެންމެ ކުރީގައި އޮތް ކުޅުންތެރިޔާ އެވެ.
ރާއްޖޭ ގަޑިން އަންގާރަ ދުވަހުގެ ރޭ ދަންވަރުޓޮރޮންޓޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ހަމައެކަނި ލަނޑު 54 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެންޓޭ ބުޑިމިއަރ އެވެ. މި ނަތީޖާއާއެކު ގްރޫޕް އެލް ގައި ހިމެނޭ ކްރޮއޭޝިއާ އިން ފުރަތަމަ ތިން ޕޮއިންޓް ހޯދިއިރު، ކުޅުނު ދެ މެޗުން ވެސް ބަލިވި ޕެނަމާ ވަނީ މުބާރާތުން ކަޓާފަ އެވެ.
މެޗުގެ 57 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ ލީޑު ފުޅާކުރުމަށް މޮޑްރިޗް ފުރުސަތެއް ތަނަވަސްކޮށްދިނެވެ. ނަމަވެސް، މާރިއޯ ޕަސަލިޗް ފޮނުވާލި ހަމަލާ ޕެނަމާގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ. މެޗުގެ 81 ވަނަ މިނެޓުގައި މޮޑްރިޗް ބަދަލުކުރި ވަގުތު ދަނޑުގައި ތިބި 43,036 ސަޕޯޓަރުން ވަނީ ކޮޅަށް ތެދުވެ އޭނާއަށް މަރްހަބާކިޔާފަ އެވެ.
ވޯލްޑް ކަޕްގައި ދެވަނަ ފަހަރަށް ވާދަކުރާ ޕެނަމާ ބަލިވި ނަމަވެސް، އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ކްރޮއޭޝިއާ އަށް އުފެއްދުނީ ހަ ހަމަލާ އެވެ. ޕެނަމާއިން އަށް ހަމަލާ އުފެއްދި އެވެ. ޕެނަމާގެ ހެޑަރެއް މެޗުގެ 23 ވަނަ މިނެޓުގައި ގޯލުގެ ހުރަސް ދަނޑިއަށް ވެސް އަމާޒުވި އެވެ. އެ ޓީމުގެ ފަހު މެޗުގައި ހޮނިހިރު ދުވަހު ނުކުންނާނީ އިންގްލޭންޑާ ދެކޮޅަށެވެ.
ގާތްގަނޑަކަށް ހަތަރު މިލިއަން މީހުންގެ އާބާދީއެއް އޮންނަ ކްރޮއޭޝިއާ އިން ދަނީ ވޯލްޑް ކަޕްގައި އަބަދުވެސް ތާރީޚީ ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން ފްރާންސްގައި 1998 ވަނަ އަހަރު، ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވެ، ތިންވަނަ ހޯދި އެވެ. އަދި ރަޝިއާގައި 2018 ވަނަ އަހަރު ރަނަރަޕް އަދި ގަތަރު 2022 ވަނަ އަހަރު ވެސް އެ ޓީމުން ވަނީ ތިންވަނަ ހޯދާފަ އެވެ.
ގްރޫޕްގެ ފަހު މެޗުގައި ހޮނިހިރު ދުވަހު ގާނާއާ ދެކޮޅަށް ކްރޮއޭޝިއާ ނުކުންނާ އެވެ. އެ މެޗުން މޮޅުވެގެން ދެވަނަ ބުރަށް ދެވޭނެ އެވެ.