ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި، އާޖެންޓީނާއާ ދެކޮޅަށް ކޭޕް ވާޑޭ އަށް 1-0 ން މޮޅުވެވިދާނެ ކަމަށް އެ ގައުމުގެ ރައީސް ޖޯސޭ މާރިއާ ނޭވިޝް ވިދާޅުވެއްޖެ އެވެ. 

 ރާއްޖޭގެ އާބާދީއާ އެއްވަރުގެ ކުޑަ އާބާދީއެއް އޮތް ޖަޒީރާ ގައުމު ކޭޕް ވާޑޭ، ވޯލްޑް ކަޕަށް ކޮލިފައިވީ މުޅިން އަލަށެވެ. 

އެ މުބާރާތުގެ ގުރޫޕް ސްޓޭޖް ފަހަނައަޅައި، އެ ޓީމުން ދިޔައީ ދުނިޔޭގެ ކުރީގެ ދެ ޗެމްޕިއަނުން ކަމަށްވާ ސްޕެއިން އާއި އުރުގުިއޭ ހުއްޓުވުމަށް ފަހު އެވެ.

ރާއްޖޭ ގަޑިން ހުކުރު ދުވަހުގެ ރޭ އެ ގައުމުން ނުކުންނާނީ ދުނިޔެގެ މިހާރުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށެވެ. 

ބީބީސީއަށް ދިން އިންޓަވިއުގެ ނޭވިޝް ވިދާޅުވީ ކޭޕް ވާޑޭ، މޮޅު ނުވާނެ ކަމަށް ގިނަ ބަޔަކު ހީކޮށްފާނެ ކަމަށެވެ. އެ ޓީމާ މެދު މީހުން ކުރާ އުއްމީދު ކުޑަވިޔަސް ވަރުގަދަ އަޒުމެއް ހުރިނަމަ، މޮޅުވުމަކީ ނުކުރެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

"އަހަންނަށް ހީވަނީ ކޭޕް ވާޑޭއަށް 1-0 އިން އާޖެންޓީނާ ބަލިކުރެވިދާނެ ހެން،" ނޭވިޝް ވިދާޅުވި އެވެ.

"އަހަރެމެން މި ކުޅެނީ މޮޅުވާން... ޓީމަކާ މެދު ކުރެވޭ އުންމީދުތައް ކުޑަވެފައި އޮތަސް އެ ޓީމެއްގެ ކިބައިގައި މޮޅުވުމުގެ ވަރުގަދަ އަޒުމެއް ހުރިނަމަ އެއީ ވެދާނެ ކަމެއް."

އެ ގައުމުގެ ބޮޑުވަޒީރުކަން ވެސް ކުރިން ކުރެއްވި ނޭވިޝް ވިދާޅުވީ ކޭޕް ވާޑޭ ފަދަ ކުޑަކުޑަ ގައުމަކުން އަބަދުވެސް އެހެން މީހުންނަށް ހައިރާންކަން ގެންނަން ޖެހޭނެ ކަމަށެވެ.

ވޯލްޑް ކަޕަށް ދިޔައީ ވެސް އެ ހައިރާންކަން ގެނެސްދީފަ އެވެ. އުރުގުއޭ އާއި ސްޕެއިން ހިފަހައްޓައި، އެންމެންނަށް ކޭޕް ވާޑޭން ސިހުން ގެނެ އެވެ. މިފަހަރު މިއޮތީ އާޖެންޓީނާ އެވެ.

"އާޖެންޓީނާ އަތުން މޮޅުވުމުގެ ސައްތައިން ސައްތަ ފުރުސަތު އަހަރެމެންނަށް އެބައޮތް،" ނޭވިޝް ވިދާޅުވި އެވެ.

"އަހަރެމެން މި ވޯލްޑް ކަޕަށް ދިޔައީ އަހަރެމެންގެ އަމިއްލަ ތަގުދީރު ލިޔަން. އެއީ ޗެމްޕިއަނުންނާ ކުރިމަތިލުން. އެހެންވީމާ އަހަރެމެން އާޖެންޓީނާ އާއި [ލިއޮނަލް] މެސީއާ ކުރިމަތިލާނީ ހަމަ އެއް އަޒުމެއްގައި. ހަމައެއް އުއްމީދެއްގައި އަދި މޮޅުވެ، (އަނެއް) ބުރަށް ދިއުމުގެ އަޒުމާ އެކު."