ޔުވެންޓަސްއާ ދެކޮޅަށް ފޯވާޑުންގެ ލަޝްކަރެއް!

ބާސެލޯނާ (އޭޕްރިލް 17) – ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި ބުދަ ދުވަހުގެރޭ ޔުވެންޓަސްއާ ދެކޮޅަށް ކުޅޭއިރު އަށް ފޯވާޑުން ނެރެފާނެ ކަމަށް ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.


ފުރަތަމަ ލެގުން 3-0 އިން ޔުވެންޓަސް މޮޅުވެފައިވާތީ މާދަމާރޭ ބާސެލޯނާ އަށް ކުރިއަށް ދެވޭނީ މަދުވެގެން ތިން ލަނޑު ޖަހައިގެންނެވެ. އަނެއްކޮޅުން ރަށުން ބޭރުގައި ޔުވެންޓަސް އިން ޖަހާ ކޮންމެ ގޯލަކާ އެކު ބާސެލޯނާ އިން ކުރަން ޖެހޭ މަސައްކަތް އިތުރުވާނެ އެވެ.

ބާސެލޯނާ އަށް އޮތް ހިތްހަމަޖެހުމަކީ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުން ޕީއެސްޖީ އަތުން 4-0 އިން ބަލިވެފައިވަނިކޮށް ދެ ވަނަ ލެގު 6-1 އިން ކާމިޔާބުކޮށްފައިވުމެވެ.

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ރެއާލް ސޮސެއިޑާޑް އަތުން 3-2 އިން މޮޅުވި މެޗަށް ފަހު އެންރިކޭ ބުނީ ޔުވެންޓަސްއާ ދެކޮޅަށް ނުކުންނައިރު އެ ޓީމު އަތުން ގެއްލޭނެ އެއްޗެއް ނެތް ކަމަށެވެ.

"އަހަރެމެން އަދިވެސް މިއޮތީ ދިރިދިރި. ހާއްސަކޮށް މި މޮޅާ އެކު އަހަރެމެން އިތުރަށް ހޭލައްވާލައިފި. ޔަގީނުން ވެސް ޔުވެންޓަސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކޮންމެވެސް ހިސާބަކުން އަހަރެމެން އޮންނާނީ މެޗު އަނބުރާ އަތުލެވޭނެ ހިސާބެއްގައި. އަހަރެމެން މިތިބީ ކޮންމެ ފަދަ ރިސްކެއް ވެސް ނަގަން ތައްޔާރަށް އެގޮތުން އަށް ފޯވާޑުން ލައިގެން ކުޅެން ވެސް ޖެހިދާނެ. އެއީ އަހަރެމެން އަތުން ގެއްލޭނެ އެއްޗެއް ނެތީމާ،" އެންރީކޭ ބުންޏެވެ.

އެންރީކޭ ބުނީ ބާސެލޯނާގައި އޮތީ ޗެމްޕިއަނުންގެ ޓީމެއް ކަމަށާއި އެ ޓީމުގެ ކުޅުންތެރިން ވަނީ ހުރިހާ ކާމިޔާބެއް ހޯދާފައި ކަމަށެވެ. އެހެންކަމުން ކުޅުންތެރިންނާ މެދު ސަޕޯޓަރުންގެ އިތުބާރު އޮންނަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.