މިއަދުގެ މެޗަށް ރޮނާލްޑޯ ފިޓް: ޒިދާން

މެޑްރިޑް (ޑިސެމްބަރު 23) – ސްޕެނިޝް ލީގުގައި މިއަދު ހަވީރު ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗަށް ރެއާލް މެޑްރިޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ 100 ޕަސެންޓް ފިޓް ކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.


ފީފާ ކްލަބް ވޯލްޑް ކަޕް ފައިނަލުގައި ކުޑަކަޅުވާ އަށް ލިބުނު އަނިޔާއަކާ ގުޅިގެން ރޮނާލްޑޯ މިދިޔަ ހަފުތާގައި ޓްރެއިނިން ހެދީ ވަކިންނެވެ. އެކަމަކު އޭނާ ވަނީ އިއްޔެ ޓީމާ އެކު ޓްރެއިނިންގައި ބައިވެރިވެފަ އެވެ.

"ކްރިސްޓިއާނޯ ރޮނާލްޑޯ 100 ޕަސެންޓް ފިޓް. އޭނާ ހުރީ ތައްޔާރަށް،" ޒިދާން ބުންޏެވެ. "އޭނާ ވަރަށް ބުރަކޮށް ތަމްރީން ހަދައިފި. މި މެޗަށް ތައްޔާރުވުމަށްޓަކައި އޭނާ ކުރަން ޖެހުނު ކޮންމެ ކަމެއް ވަރަށް ރަނގަޅަކުރި."

ޒިދާން ބުނީ ކުޅުންތެރިން ވެސް ތައްޔާރު ކަމަށާއި މިފަދަ މެޗުތަކަށް އަބަދުވެސް ތިބޭނީ ތައްޔާރުގައި ކަމަށެވެ. ޒިދާން ބުނީ މި މެޗާ މެދު އެންމެން ވެސް ވިސްނާ ކަމަށާއި އަދި މިއީ ސީޒަނުގެ މުހިއްމު މެޗެއް ކަމަށެވެ. އެކަމަކު މި މެޗުގައި ވެސް މަސައްކަތްކުރަން ޖެހޭނީ އާއްމު މެޗެއްގެ ވިސްނުމުގައި ކަމަށާއި މިއީ ވެސް ހަމަ މުހިއްމު ތިން ޕޮއިންޓް ކަމަށް ދެކިގެން ކަމަށް އޭނާ ބުންޏެވެ.

"ލީގުގެ ހާލަތުން މި މެޗު މުހިއްމު. ލީގު އޮތްގޮތުން އަހަރެމެން ތަންކޮޅެއް ފަހަތުގައި އޮތީމާ މި މެޗުން (ބަލިވެއްޖެ ނަމަ) އަހަރެމެން އަތުން ގެއްލޭ ބައި ބޮޑުވާނެ. މި ސީޒަނުގައި މިހާތަނަށް ކުޅޭ އެންމެ މުހިއްމު މެޗަކީ މިއީ. އަދި އެލް ކްލަސިކޯ މެޗުން މޮޅުވުމަކީ އަބަދުވެސް އުފަލެއް،" ކުރިން ރެއާލް މެޑްރިޑަށް ކުޅުނު ޒިދާން ބުންޏެވެ.

ޒިދާން ބުނީ ބާސެލޯނާ އަކީ ވަރުގަދަ ޓީމެއް ކަމަށާއި ލީގުގެ ޕޮއިންޓް ތާވަލުން ވެސް އެކަން ފެންނަ ކަމަށެވެ. އެކަމަކު އާއްމު އުސޫލުގެ މަތިން މި މެޗުން މޮޅުވާނެ ކަމުގެ އިތުބާރު ރެއާލް މެޑްރިޑަށް އެބައޮތް ކަމަށް ޒިދާން ބުންޏެވެ.

ރެއާލް މެޑްރިޑުގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގައި ކުޅޭ މި މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު ހަވީރު 5 ޖަހާއިރެވެ.