އުމުރުން 40 އަހަރުގައި ބުފޮން ޕީއެސްޖީ އަށް!

ޕެރިސް (ޖުލައި 6) – ސަތާރަ އަހަރަށް ފަހު މިދިޔަ މޭ މަހު ޔުވެންޓަސް ދޫކޮށްލި އުމުރުން 40 އަހަރުގެ އިޓަލީ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ފްރާންސްގެ ގަދަބާރު ޕީއެސްޖީ އަށް ސޮއިކޮށްފި އެވެ.


މިދިޔަ ސީޒަނަށް ފަހު ބުފޮން ރިޓަޔާކޮށް ޔުވެންޓަސްގެ ޑިރެކްޓަރުގެ މަގާމާ ހަވާލުވާނެ ކަމަށް ބެލެވިފައި އޮތް ނަމަވެސް އޭރު އޭނާ ހަމައެކަނި އިއުލާންކުރީ ޔުވެންޓަސް ދޫކޮށްލި ކަމެވެ. އޭރު ބުނަމުން އައީ ކުޅުމާ މެދު ވަކި ގޮތެއް ވަރަށް އަވަހަށް ނިންމާނެ ކަމަށެވެ.

ޕީއެސްޖީން ބުފޮން ގެނައި ބެލެވޭ ގޮތުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ޓީމު ވަރުގަދަ ކުރުމަށެވެ. ގަތަރުގެ ބިލިއަނަރުން ހަވާލުވެ ބޮޑު ހަރަދުކޮށް ފްރާންސްގައި ރަސްކަންކުރަމުން އައި ނަމަވެސް ޔޫރަޕުގައި ފެންނަނީ ވަނދުކޮށެވެ. އަނެއްކޮޅުން ބުފޮން ވެސް މި ފުރުސަތުގެ ބޭނުން ހިފީ ޗެމްޕިއަންސް ލީގު ހާސިލްކުރުމަށް ކަމަށް ލަފާކުރެވެ އެވެ. ޔުވެންޓަސްއާ އެކު ޗެމްޕިއަންސް ލީގުގެ ތިން ފައިނަލުން ބުފޮން އަށް ވަނީ ނާކާމިޔާބުވެފަ އެވެ.

އިޓަލީއާ އެކު 2006 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ބުފޮން ޕީއެސްޖީއާ އެކު ހެދީ އެއް އަހަރުގެ އެއްބަސްވުމެވެ. އެކަމަކު އިތުރު އެއް އަހަރަށް އާކުރުމުގެ ފުރުސަތު މިހާރުގެ ކޮންޓްރެކްޓުން ލިބިދެ އެވެ. އޭނާ އަކީ ފަހަކަށް އައިސް މި އުމުރުގައި ޔޫރަޕުގެ ބޮޑު ކްލަބަކާ ގުޅުނު ފުރަތަމަ ކުޅުންތެރިއާ އެވެ. އެހެން ކުޅުންތެރިން ކެރިއަރުގެ ފަހުކޮޅު މިސްރާބު ޖަހަނީ ޗައިނާ، މެދުއިރުމަތި ނުވަތަ އެމެރިކާ އަށެވެ.

"އަހަންނަށް އެނގޭ ޕީއެސްޖީ އާއި އެ ޓީމުގެ ސަޕޯޓަރުންގެ ހިތުގައި އޮތީ ކޮން ހުވަފެނެއްކަން. އަހަރެންގެ އާ ކްލަބުން މުސްތަގުބަލުގައި ހޯދަން އަޒުމް ކަނޑައަޅާފައިވާ ބޮޑެތި އަމާޒުތައް ހާސިލްކުރުމަށް އެހީވާށާއި ކާމިޔާބު ހޯދުމަށް އަހަރެންގެ ގައިގައި ހުރިއްޔާ ހުރި ހުރިހާ ހަކަތަކައަކާއި ތަޖުރިބާ އާއި ކަރުހިއްކުމުގެ ބޭނުން ހިފާނަން،" ބުފޮން ބުންޏެވެ.

ބުފޮން ބުނީ އޭނާގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް ގައުމުން ބޭރަށް ދާއިރު، އެފަދަ ނިންމުމެއް ނިންމަން އޭނާ އަށް ހިތްވަރު ލިބޭނީ ޕީއެސްޖީގައި އޮތް ފަދަ އުއްމީދީ ޕްރޮޖެކްޓަކުން އެކަނި ކަމަށެވެ.

ޕާމާ އިން 1995 ވަނަ އަހަރު ކެރިއަރު ފެށި ބުފޮން 2001 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް އަގަކަށް ޔުވެންޓަސް އަށް ބަދަލުވީ ޕާމާ އެކު ޔުއެފާ ކަޕާއި އިޓާލިއަން ކަޕް ކާމިޔާބުކުރުމަށް ފަހު އެވެ.

ޔުވެންޓަސްއާ ގުޅި އެ ޓީމާ އެކު އިޓާލިއަން ލީގު ނުވަ ފަހަރު އުފުލާލި އެވެ. އޭގެ ތެރެއިން ހަތް ފަހަރު ހޯދީ ޖެހިޖެހިގެންނެވެ. އަދި މިދިޔަ ހަތަރު ފަހަރު އިޓާލިއަން ކަޕް ޖެހިޖެހިގެން ހާސިލްކުރި އެވެ. އޭނާ އަށް ނުހޯދެނީ ޔޫރަޕުގެ ތަށްޓެކެވެ. ތިން ފަހަރު ފައިނަލުގައި ކުޅެ ބަލިވީ އެވެ.

ޔުވެންޓަސް އަށް ބުފޮންގެ ހިތުގައި އޮތް ވަފާތެރިކަން އެންމެ ބޮޑަށް ހާމަވީ 2006/2007 ގެ ސީޒަނުގައި އެ ޓީމު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްކުރުމުން ވެސް ޓީމުގައި މަޑުކުރުމުންނެވެ. އެ ފަހަރު އެ ޓީމާ އެކު ދެ ވަނަ ޑިވިޝަން ކާމިޔާބުކޮށް ޖެހިގެން އައި ސީޒަނުގައި އަލުން އިޓާލިއަން ލީގަށް ޕްރޮމޯޓްވި އެވެ.

އޭނާ ޔުވެންޓަސް އަށް ކުޅެދިން ވާދަވެރި 655 މެޗުގެ ތެރެއިން 300 މެޗު ފުރިހަމަކުރީ ލަނޑެއް ވައްދާނުލަ އެވެ. އަދި އިޓާލިއަން ލީގުގައި ލަނޑެއް ވައްދާނުލާ 974 މިނެޓު ފުރިހަމަކޮށް ރެކޯޑެއް ހަދާފައިވެ އެވެ.