ޕީއެސްޖީން ބުފޮން އަށް އާ ކޮންޓްރެކްޓެއް

ޕެރިސް (މެއި 16) – ޕީއެސްޖީން އޭނާ އަށް އާ ކޮންޓްރެކްޓެއް ހުށަހެޅި ކަމަށާއި، އެކަމަކު ކުރިއަށް ދިއުމަކީ ދެ ފަރާތަށް ވެސް ފައިދާ ހުރި ގޮތެއްތޯ ބެލުމަށް މަޝްވަރާކުރާނެ ކަމަށް އިޓަލީގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ބުނެފި އެވެ.


އުމުރުން 41 އަހަރުގެ ގޯލްކީޕަރު މިދިޔަ ސީޒަނަށް ފަހު ޔުވެންޓަސް ދޫކޮށްލައި ރިޓަޔާކުރާނެ ކަމަށް ބެލެވުނަސް ބޭނުންވީ އާ ޗެލެންޖެއް ނަގާށެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި ޕީއެސްޖީން ވަނީ އެންމެ ސީޒަނަކަށް ފަހު ބުފޮން ދޫކޮށްލަން ނިންމައިފަ އެވެ. އެ ޓީމުގައި ފްރާންސްގެ ޒުވާން ގޯލްކީޕަރު އަލްފޮންސޭ އަރެއޯލާ ވެސް ހުރުމުންނެވެ. އެކަން ބުފޮން ދޮގުކުރެ އެވެ.

"ކްލަބުން އަހަންނަށް ކޮންޓްރެކްޓް އާކުރަން ހުށަހެޅި. އެއީ އަހަރެން ވަރަށް އުފާވި ކަމެއް. އެކަމަކު ކުރިއަށް އޮތް ދުވަސްތަކުގައި އަހަރެމެން ބައްދަލުކުރާނަން މި ޕްރޮޖެކްޓާ މެދު މަޝްވަރާކުރައި، އަދި ކުރިއަށް ދިއުމަކީ ދެ ފަރާތުން ވެސް ބޭނުންވާ ގޮތްތޯ ބަލަން،" ބުފޮން ބުންޏެވެ.

ބުފޮން ބުނީ ޕެރިހުގައި ދިރިއުޅެމުން އަންނަނީ އުފަލުގައި ކަމަށާއި އުމުރުން 40 އަހަރުގައި ވެސް ކުރަމުން އަންނަނީ ތަފާތު ތަޖުރިބާއެއް ކަމަށެވެ. އަދި ފްރާންސް ލީގާ މެދު އިޓަލީގައި އޮތީ ގޯސް ތަސައްވުރެއް ކަމަށާއި އެ ލީގުގެ ޓީމުތައް ވަރުގަދަވެފައި ލީގު ވެސް ވާދަވެރި ކަމަށް ވެސް ބުފޮން ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޕީއެސްޖީގެ ކޮންޓްރެކްޓް އާނުކުރަން ނިންމިޔަސް އަދިވެސް ކުޅުން ހުއްޓާލަން ބުފޮން ބޭނުން ނުވެ އެވެ. އޭނާ ބޭނުންވަނީ ޗެމްޕިއަންސް ލީގުގައި ވާދަކުރާ ޓީމަކަށް ދިއުމަށެވެ.

ޕާމާ އިން 1995 ވަނަ އަހަރު ކެރިއަރު ފެށި ބުފޮން ކެރިއަރުގެ ބޮޑުބައި ހޭދަކުރީ ޔުވެންޓަސްގަ އެވެ. އެ ކްލަބަށް 656 މެޗު ކުޅެދީ އެތައް ކާމިޔާބެއް ހޯދި އެވެ. އޭނާ ވަނީ އިޓަލީ ގައުމީ ޓީމަށް 1997 އިން މިދިޔަ އަހަރުގެ ނިޔަލަށް ކުޅެ 2006ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.