ބާސާ އަނެއްކާ ވެސް އެއްވަރު، މެޑްރިޑަށް ފައިދާ ނުނެގުނު

މެޑްރިޑް (ސެޕްޓެމްބަރު 30) – ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކް ބިލްބާއޯއާ 1-1 އިން ބާސެލޯނާ އެއްވަރުވުމުގެ ފައިދާ ނަގަން ރެއާލް މެޑްރިޑަށް ލިބުނު ފުރުސަތު، ވާދަވެރި އެތުލެޓިކޯ މެޑްރިޑާ 0-0 އިން އެއްވަރުވެ ގެއްލިއްޖެ އެވެ.


މިއީ ބާސެލޯނާ މޮޅެއް ނުލިބި ޖެހިޖެހިގެން ނިންމާލި ތިން ވަނަ މެޗެވެ. އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުވެ އެއް މެޗުން ބަލިވީ އެވެ. މި ނަތީޖާތަކާ އެކު ވެސް އެ ޓީމަށް އަދިވެސް އެއް ވަނައިގައި އޮވެވެނީ މެޑްރިޑުގެ ނަތީޖާތައް ވެސް މި ދެ ދެ މެޗުގައި ދަށްވުމުންނެވެ.

ބާސެލޯނާ އާއި މެޑްރިޑް 14 ޕޮއިންޓް ހޯދާފައިވާއިރު ބާސެލޯނާ އެއް ވަނައިގައި އޮތީ ފައިދާ 10 ލަނޑާ އެކު އެވެ. މެޑްރިޑުގެ އޮތީ ފައިދާ ހަ ގޯލެވެ. އަނެއްކޮޅުން އެއިބާ 3-1 އިން ބަލިކޮށް ސެވިއްޔާ ވަނީ 13 ޕޮއިންޓް ހަމަކޮށް މި ދެ ޓީމާ ގާތްކޮށްފަ އެވެ. އެ ޓީމު އޮތީ ތިން ވަނައިގަ އެވެ. ހަތަރު ވަނައިގައި އޮތީ 12 ޕޮއިންޓާ އެކު އެތުލެޓިކޯ މެޑްރިޑެވެ.

ބާސެލޯނާ އާއި އެތުލެޓިކް ބިލްބާއީ، ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗުގައި ކުރި ހޯދީ ބިލްބާއޯ އިންނެވެ. މި ގޯލް 41 ވަނަ މިނެޓުގައި ޖެހީ ޑި މާކޮސް އެވެ. މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ބާސެލޯނާ ސަލާމަތްކޮށްދިނީ މުނީރް އަލް ހައްދާދީ އެވެ. ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ދެ ވަނަ ހާފުގައި އަރައި ގޯލް ޖެހުމާ ގާތަށް ދެ ފަހަރު ދިޔަ އެވެ.

ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް 0-0 އިން އެއްވަރުވިއިރު ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ފުރުސަތުތަކެއް ލިބިގެން ދިޔަ އެވެ. ހާފު ވަގުތު އަނިޔާގެ ސަބަބުން ބޭލި މެޑްރިޑުގެ ގަރެތު ބޭލް ފުރަތަމަ ހާފުގައި ލަނޑެއް ޖެހުމާ ވަރަށް ގާތަށް ދިޔަ އެވެ. އެތުލެޓިކޯގެ އެންޓޮއިން ގްރިޒްމަންގެ ހަމަލާ މެޑްރިޑުގެ ބެލްޖިއަމް ގޯލްކީޕަރު ތިބައޫ ކޯޓުއާ މަތަކުރި އެވެ.

ދެ ވަނަ ހާފުގައި މެޑްރިޑުން ރަނގަޅަށް ކުޅުނު ނަމަވެސް މާބޮޑު ނުރައްކަލެއް ނުކުރެވުނެވެ. މި ހާފުގައި މެޑްރިޑުގެ ބައެއް ސަޕޯޓަރުން ވަނީ އެ ޓީމު ދޫކޮށް މި ސީޒަނުގައި ޔުވެންޓަސް އަށް ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯގެ ނަން ގޮވައިފަ އެވެ.