މޮޅުވީ އިންޑިއާ، އަފްގާނިސްތާނަށް ސާބަސް!

ސައުތުހެމްޓަން (ޖޫން 22) – ކްރިކެޓް ވޯލްޑް ކަޕުގައި މިރޭ ގަދަފަދަ އިންޑިއާ އަތުން އަފްގާނިސްތާން މޮޅުވުމާ ދާދި ގާތުގައި އޮއްވާ މުހައްމަދު ޝާމީ ހެދި ހެޓްރިކުން ނަތީޖާ އަނބުރާލައި އިންޑިއާ އިން 11 ލަނޑުން އަފްގާނިސްތާން ބަލިކޮށްފި އެވެ.


އިންޑިއާގެ އެހީގައި ކްރިކެޓުގައި ކުރިއަރައި، ޓެސްޓް ކުޅޭ ގައުމުތަކުގެ ފެންވަރަށް ދާދި ފަހުން އައި އަފްގާނިސްތާނުން މިރޭ އިންޑިއާ ބަލިކުރި ނަމަ މި މެޗު ވެގެންދިޔައީހީ ކްރިކެޓް ވޯލްޑް ކަޕުގެ އެންމެ ހައިރާންކުރުވަނިވި އެއް ނަތީޖާ ނުކުތް މެޗަށެވެ.

މި މޮޅާ އެކު އިންޑިއާ ވަނީ ފަސް މެޗުން ނުވަ ޕޮއިންޓް އެއްކޮށް ތާވަލުގެ ތިން ވަނަ އަށް އަރައިފަ އެވެ. ދެ ވަނައިގައި އޮތް ނިއު ޒީލެންޑަށް ވެސް ފަސް މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. އެކަމަކު ރަން ރޭޓުން ކުރި ލިބެނީ އެވެ. އެއް ވަނައިގައި އޮތީ ހަ މެޗުން 10 ޕޮއިންޓް ހޯދާފައިވާ އޮސްޓްރޭލިއާ އެވެ. ތާވަލުގެ ހަތަރު ވަނައިގައި އޮތީ ހަ މެޗުން އަށް ޕޮއިންޓް ހޯދާފައިވާ އިންގްލެންޑެވެ. ޖުމްލަ 10 ޓީމު ވާދަކުރާ މުބާރާތުގެ ސެމީ ފައިނަލަށް ހޮވޭނީ ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ.

އަފްގާނިސްތާން އޮތީ ފަސް މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ފުލުފަ އެވެ. އެކަމަކު މި މެޗުގައި އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދުމާ ދާދި ގާތަށް ޖެހިލައިފަ އެވެ. މުބާރާތުގެ ފޭވަރިޓް އިންޑިއާ އަށް މި މުބާރާތުގައި މިހާތަނަށް އެންމެ ރަނގަޅު ވާދައެއް ދީފައިވަނީ ވެސް މިރޭ އަފްގާނިސްތާނުންނެވެ.

ޓޮސް ދިމާވުމުން އިންޑިއާ ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 224 ލަނޑެވެ. އެންމެ ބޮޑު މައްސަލައަކަށްވީ އޯޕަނިން ބެޓްސްމަން ރާހުލް ޝަރްމާ އެންމެ ލަނޑެއް ހަދާފައިވަނިކޮށް ނުބައިވުމެވެ. ރޯހިތާ އެކު މެޗު ހުޅުވަން އަރާ ޝިކާރު ދަވަން އަނިޔާގެ ސަބަބުން ނެތީސް، ކުރީކޮޅު މުހިއްމު ކުޅުންތެރިޔާ ނުބައިވުމުގެ އަސަރު އިންޑިއާ ޓީމަށް ފޯރި އެވެ. އިންޑިއާ އިން އެންމެ ރަނގަޅަށް ކުޅުނީ 63 ބޯޅައިން 67 ލަނޑު ހެދި ކެޕްޓަން ވިރާތު ކޯލީ އާއި 68 ބޯޅައިން 52 ލަނޑު ހެދި ކެދާރު ޔާދަވް އެވެ.

އަފްގާނިސްތާން ކުޅެން އަރައި މަޑުމަޑުން ސްކޯ މަތިކުރަމުން ގޮސް، 29 އޯވަރު ހަމަވިއިރު އެ ޓީމު އޮތީ ދެ ކުޅުންތެރިން ނުބައިވެ 106 ލަނޑު ހަދައިފަ އެވެ. އެކަމަކު އިންޑިއާގެ ބާރު އުކުންތެރިޔާ އަދި ދުނިޔޭގެ ރޭންކިންގެ އެއް ވަނަ ޖަސްޕްރީތު ބުމްރާ އެއް އޯވަރުގެ ތެރޭގައި އަފްގާނިސްތާނުގެ ރަހްމަތު ޝާހާއި ހަޝްމަތުﷲ ޝާހިދީ ނުބައިކޮށްލުމުން އުނދަގޫތަކާ ކުރިމަތިވި އެވެ.

އޭގެ ފަހުން އެރި މުހައްމަދު ނަބީ އާއި ނަޖީބުﷲ ޒަދްރާން ރަނގަޅަށް ކުޅެމުން އަންނަނިކޮށް އިންޑިއާގެ ޔުޒްވެންދާ ޗަހާލާއި ހަރްދީކް ޕަންޑަޔާ ވެގެން، ޒަރްދާން ނުބައިކޮށްލީ އެވެ. އޭރު އަފްގާނިސްތާން އޮތީ 42 އޯވަރު ފުރިހަމަކޮށް ހަ ކުޅުންތެރިން ނުބައިވެ 166 ލަނޑު ހަދައިފަ އެވެ.

އެގޮތުގައި ގޮސް ފަހު އޯވަރާ ކުރިމަތިލިއިރު އަފްގާނިސްތާނަށް މެޗުން މޮޅުވާން ބޭނުންވީ 16 ލަނޑެވެ. ނަބީ ވަނީ އެ އޯވަރުގެ ފުރަތަމަ ބޯޅަ ހަތަރަކަށް ޖަހައި އަފްގާނިސްތާން މޮޅުވުމާ ގާތަށް ގެންގޮސްދީފަ އެވެ. އެކަމަކު އިންޑިއާގެ ޝާމީ އެއްލި ބޯޅަ ހަޔަކަށް ޖަހަން އަމާޒުކޮށް ނަބީ ފޮނުވާލުމުން ބައުންޑަރީ ކައިރިން ޕަންޑަޔާ ވަނީ ބޯޅަ ހިފައި ނަބީ ނުބައިކޮށްލައިފަ އެވެ.

ބާކީ އޭރު އޮތީ ހަތަރު ބޯޅަ އެވެ. އޭގެ ތެރެއިން ދެ ބޯޅަ ހަޔަކަށް ޖަހާލައިގެން ވެސް އަފްގާނިސްތާނަށް މޮޅުވުމުގެ ފުރުސަތު އޮތެވެ. އެކަމަކު ނަބީގެ ބަދަލުގައި ދެން އެރި އާފްތާބް އަލަމް ފުރަތަމަ ބޯޅައިން ހަޔަކަށް ޖަހަން މަސައްކަތްކުރި ނަމަވެސް ޝާމީ ވިކެޓް ދުއްވާލީ އެވެ. އެވެ. އަދި ޝާމީ ވަނީ އަފްގާނިސްތާނުން ދެން ކުޅެން އެރި މުޖީބުއްރަހްމާން ވެސް ފުރަތަމަ ބޯޅައިން ނުބައިކޮށްލައި އިންޑިއާ މޮޅުކޮށްދީފަ އެވެ. މިއީ ކްރިކެޓް ވޯލްޑް ކަޕެއްގައި އިންޑިއާ ކުޅުންތެރިޔަކު ހެދި ދެ ވަނަ ހެޓްރިކެވެ. މެޗުގައި ބާކީ އެންމެ ބޯޅައެއް އޮއްވާ ހުރިހާ ކުޅުންތެރިން ނުބައިވެގެން އަފްގާނިސްތާން ފައިބަން ޖެހުނުއިރު ހެދިފައިވަނީ 213 ލަނޑެވެ.

"އަހަރެމެން ވަރަށް ރަނގަޅަށް އުކިން. ބެޓިންގައި ވެސް އަހަރެމެން ރަނގަޅު. އެކަމަކު (އިންޑިއާގެ) ބުމްރާ އަށް ޝުކުރު ހައްގު، އޭނާ ފަހު ދޭއް ނުވަތަ ތިން އޯވަރުގައި އުކި އުކުމަށް،" އަފްގާނިސްތާނުގެ ކެޕްޓަން ގުލްބަދިން ނައިބް ބުންޏެވެ.

މެޗުން ބަލިވި ނަމަވެސް އަފްގާނިސްތާން ދެއްކި ވަރުގަދަ މޮޅު ކުޅުމަށް ސޯޝަލް މީޑިއާގައި އަންނަނީ ތައުރީފް އޮއްސަމުންނެވެ. ކްރިކެޓް ވޯލްޑް ކަޕުގައި ދެ ވަނަ ފަހަރަށް ވާދަކުރާ އަފްގާނިސްތާނާ މެދު ކުރެވޭ އުއްމީދުތައް މި މެޗާ އެކު ވަނީ ބޮޑުވެފަ އެވެ.