ސްޕެއިނާއި އިޓަލީން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި

ޔެރެވާން، އާރްމީނިއާ (ސެޕްޓެމްބަރު 6) - ޔޫރޯ ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ އިޓަލީ އާއި ސްޕެއިން ކޮލިފައިންގައި މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.


ސްޕެއިނުން ރަށުން ބޭރުގައި ރުމޭނިއާ އަތުން 2-1 އިން މޮޅުވިއިރު، އިޓަލީ ވަނީ އާރްމީނިއާގައި އެ ގައުމާ ދެކޮޅަށް ކުޅުނު މެޗުން ފަހަތުން އަރައި 3-1 އިން މޮޅުވެފަ އެވެ. ޔޫރޯ 2012 ވަނަ އަހަރުގެ ފައިނަލުގައި ކުޅުނު އިޓަލީ އާއި ސްޕެއިން ކޮލިފައިންގައި އޮތީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އެވެ.

އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުގެ 11 ވަނަ މިނިޓްގައި އާރްމީނިއާ އަށް ލީޑުނަގައިދިނީ އަލެކްސަންޑްރޭ ކަރަޕެޓިއަން އެވެ. މެޗުގެ 28 ވަނަ މިނިޓްގައި އިޓަލީ އަށް އެއްވަރުކޮށްދިނީ ޓޮރިނޯގެ ފޯވާޑް އަންދްރެއާ ބެލޮއްޓީ އެވެ. މެޗުގެ ނަތީޖާ އެއްވަރުވެގެން ފުރަތަަމަ ހާފް ނިމިގެންދިޔައިރު، އެންމެ ބޮޑު މައްސަލައެއް ދިމާވީ އާރްމީނިއާ އަށެވެ. އެއީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އާރްމީނިއާގެ އަލެކްސަންޑްރޭ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ.

އެއް ކުޅުންތެރިޔަކު މަދުކޮށް ވެސް އާރްމީނިއާ އިން ވަނީ ދެ ވަނަ ހާފްގައި އިޓަލީ ކޮޅަށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު އިޓަލީން ވަނީ މެޗުގެ ފަހު 15 މިނިޓް ތެރޭ ގާތްގާތުގައި ދެ ގޯލު ޖަހައި އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. މެޗުގެ 77 ވަަނަ މިނިޓްގައި އިޓަލީ އަށް ލީޑުނަގައިދިނީ ލޮރެންޒޯ ޕެލެގްރީނީ އެވެ. އޭގެ ތިން މިނިޓް ފަހުން އިޓަލީ އަށް މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު ޖެހީ ބެލޮއްޓީ އެވެ.

މިދިޔަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ވޯލްޑް ކަޕަށް ކޮލިފައިނުވުމުގެ ހިތި ތަޖުރިބާ ފަހަތަށް ޖައްސާލައި އިޓަލީން އަމާޒުހިފާފައިވަނީ އަންނަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވެ މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ އަހަރު ކުޅުމަށެވެ. ޔޫރަޕްގެ 12 ސިޓީގައި ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ މެޗު އޮތީ އިޓަލީގެ ރޯމްގަ އެވެ.

އާރްމީނިއާގެ ކުޅުންތެރިއަކު ކައިިރިން އިޓަލީގެ ޖޯޖީނިއޯ (ކ) ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: އޭއެފްޕީ

"މިއީ ފަސޭހަ މޮޅެއް ކަމަށް ނުދެކެން. މިއީ އުނދަގުލުން ހޯދި މޮޅެއް. އާރްމީނިއާ އިން އެއް ކުޅުންތެރިޔަކު މަދުވުމުން ވަރަށް ވިސްނުންތެރިކަމާ އެކު ކުޅުނު،" އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުންޏެވެ.

ސްޕެއިނުގެ ކޯޗުކަމާ ކުރީގެ އެސިސްޓަންޓް ކޯޗު ރޮބާޓޯ މޮރޭނޯ ދާއިމީ އެއްބަސްވުމެއްގައި ހަވާލުވެ، ރުމޭނިއާ އަތުން އެ ޓީމަށް ލިބުނު މޮޅަކީ ތާރީހީ ކާމިޔާބީއެކެވެ. މިއީ ވާދަވެރި މެޗެއްގައި ރުމޭނިއާގައި ކުޅެ އެ ޓީމު އަތުން ސްޕެއިނަަށް ހޯދުނު ފުރަތަމަ މޮޅެވެ. މީގެ ކުރިން ރުމޭނިއާއާ ދެކޮޅަށް އެ ގައުމުގައި ސްޕެއިން ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން ބަލިވިއިރު، އަނެއް ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖެހީ ސްޕެއިނުންނެވެ. މެޗުގެ 29 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ސްޕެއިނަށް ލީޑުނަގައިދިނީ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. ޕެނަލްޓީ ކާމިޔާބުކޮށް އުފާފާޅުކުރިގޮތުން މެޗުގެ ރެފްރީ ވަނީ އޭނާ އަށް ރީނދޫ ކާޑެއް ދައްކައިފަ އެވެ. ލީޑުފުޅާކުރަން ސްޕެއިނުގެ ރޮޑްރީގޯ މޮރޭނޯ އާއި ޕަކޯ އަލްކަސޭރަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. އެކަމަކު ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭގައި އަލްކަސޭރު ވަނީ ސްޕެއިނުގެ ލީޑުފުޅާކޮށްދީފަ އެވެ. އޭނާ މި ލަނޑު ޖެހީ ޑެނީ ސަބާޔޯސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖޯޑީ އަލްބާ ދިން ބޯޅައަކުންނެވެ.

ކުޅެން އެރިތާ ތިން މިނިޓް ތެރޭގައި ރުމޭނިއާގެ ފޯވާޑް ފްލޮރިން އެންޑޯނޭ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް އުއްމީދެއް ގެނެސްދީފަ އެވެ. މެޗުގެ ފަހު ދިހަ މިނިޓް ސްޕެއިނުން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ 79 ވަނަ މިނިޓްގައި ސްޕެއިނުގެ ޑިފެންޑަރު ޑިއޭގޯ ލޮރެންޓޭ އަށް ރަތް ކާޑު ދެއްކުމުންނެވެ. މެޗުގެ އިތުރު ވަގުތުގައި ރުމޭނިއާގެ ޖޯޖް ޕުސްކަސް ހުސްކޮށްހުރެފައި ޖެހި ބޯޅަ ސްޕެއިނުގެ ގޯލުގައި ހުރި ކީޕަރު ކެޕާ އަރިއްޒަބަލާގާ ވަނީ މަތަކޮށްފަ އެވެ.

ކޮލިފައިންގެ އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު އަޔަލެންޑާއި ސްވިޒަލެންޑްގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ނޯވިޗް ސިޓީގެ ޓީމޫ ޕޫކީގެ ގޯލުން ފިންލެންޑް ވަނީ 1-0 އިން ގްރީސް ބަލިކޮށްފަ އެވެ. އަދި ކްރިސްޓިއަން އެރިކްސަންގެ ދެ ގޯލާ އެކު ޑެންމާކުން ވަނީ 6-0 އިން ގިބްރޯލްޓާ ބަލިކޮށްފަ އެވެ.