މެސީ މައްސަލައިގައި އާޖެންޓީނާ ކޯޗުގެ ހިތްހަމަނުޖެހުން ބާސެލޯނާ އަށް

ބީނޯސް އޭރީޒް (ސެޕްޓެމްބަރު 23) - އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަނިޔާތަކުން ސަލާމަތްކުރުމަށް ބާސެލޯނާ އިން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ބުނެ އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.


ސްޕެނިޝް ލީގުގައި ބުދަ ދުވަހުގެރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅެނިކޮށް މެސީގެ އުކުޅުވަޅަށް އަނިޔާވެ އޭނާ ވަނީ ތިން ހަފުތާއަށް ކުޅުމާ ދުރަށް ދާން ޖެހިފަ އެވެ. އޭނާ އަށް އާޖެންޓީނާގެ މުހިއްމު ދެ މެޗެއް ގެއްލޭއިރު އެންމެ ފަހުގެ އިންޓަނޭޝަނަލް ބްރޭކުގައި ވެސް އޭނާ އަށް އަނިޔާވެ މުހިއްމު މެޗެއް ގެއްލުނެވެ.

"މެސީއާ މެދު ފަރުވާތެރި ވުމަށް އެދި ބާސެލޯނާ އިން އެބައޮތް އަހަރެމެންނަށް މެސެޖެއް ފޮނުވާފައި. އެކަމަކު ބާސެލޯނާ އިން ވެސް އޭނާއާ މެދު ފަރުވާތެރިނުވޭ. (އުކުޅުވަޅުގެ) އަނިޔާގެ މައްސަލަ ހުރެމެ އޭނާ ލައްވާ ބާސެލޯނާ އިން ކޮންމެ މެޗެއްގައި ކުޅުވާތީ އަހަރެން ހައިރާންވޭ،" ބައުޒާ ބުންޏެވެ.

ބައުޒާ ބުނީ މެސީ ރިކަވާން ތިން ހަފުތާ ނަގާނެ ކަމަށް ބާސެލޯނާ އިން ބުނި ނަމަވެސް، އެއަށް ވުރެ ދިގު މުއްދަތެއް ނަގާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އާޖެންޓީނާ އިން ގޮތެއް ނިންމާނީ ޓެސްޓްތަކުގެ ނަތީޖާ ލިބުމުން ޓީމުގެ ޑޮކްޓަރާ މަޝްވަރާކޮށްފައި ކަމަށް އޭނާ ބުންޏެވެ،

"މެސީގެ ބޭނުން ދެ މެޗުގައި ނުހިފޭނެ ކަމަށް މި ބަލަނީ. އެކަމަށް ތައްޔާރުވަމުން މި އަންނަނީ. ޓެކްޓިކަލީ މާބޮޑު ބަދަލެއް ނާންނާނެ. އެއީ ޓީމުގައި ބައިވަރު އޮޕްޝަންސްތައް ހުރުމުން،" ބައުޒާ ބުންޏެވެ.