05 ޖުލައި 2020 - 12:36
ލަންޑަން (ޖުލައި 5) - ޔޫރަޕްގެ މުބާރާތްތަކުން ކުރިއަށް އޮތް ދެ ސީޒަނަށް ސަސްޕެންޑްކޮށްފައިވާ މެންޗެސްޓާ ސިޓީގެ މައްސަލަ މި ވަގުތު ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އިން ބަލަމުން އަންނައިރު، އެ މައްސަލައިގައި ސިޓީ އަދަބުން ސަލާމަތްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ޔުއެފާ އިން ކުރި ބޮޑު ތަހުގީގަށް ފަހު، މިދިޔަ ފެބްރުއަރީ މަހު އިއުލާނުކުރީ ކުރިއަށް ދެ ސީޒަނަށް ޔޫރަޕްގެ މުބާރާތްތަކުން ސިޓީ ސަސްޕެންޑްކުރުމުގެ އިތުރުން 30 މިލިއަން ޔޫރޯ އިން ޖޫރިމަނާކުރާށެވެ. ސިޓީ އަށް އަދަބު ދޭން ނިންމީ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)ގެ އުސޫލުތަކާ ހިލާފުވެފައި ވާތީ އާއި ޔުއެފާ ކްލަބް ލައިސަންސިންގައި މަކަރު ހަދާފައި ވާތީ އެވެ. ސިޓީން މި ތުހުމަތުތަށް ދޮގުކޮށް މައްސަލަ ވަގުތުން ސީއޭއެސް އަށް ހުށަހެޅި އެވެ.
ކޮވިޑް-19 ގެ ސަބަބުން އަންނަ ސީޒަން ފެށުމުގެ ކުރިން ސިޓީގެ މައްސަަލަ ސީއޭއެސްގައި ނުބޭއްވޭނެ ކަމަށް ކުރިން ބެލެވުނެވެ. އެކަމަކު މައްސަލައިގެ ބާވަތުން ސީއޭއެސް އިން މިދިޔަ މަހު އެ އެކަން ބަލަން ފަށައި އަޑުއެހުންތަކެއް ބޭއްވި އެވެ. އަދި މި މަހު ގޮތެއް ނިންމައި އިއުލާނުކުރަން ނިންމި އެވެ.
ގާޑިއޯލާ ބުނީ ސިޓީ އެކަތިގަނޑެއްގެ ގޮތުގައި ތިބީ ރަނގަޅު ގޮތެއްގެ އިންތިޒާރުގައި ކަމަށާއި އަދަބެއް ނުލިބޭނެ ކަމުގެ ޔަގީންކަން އޭނާ އަށް އެބައޮތް ކަމަށެވެ. އެއީ ސިޓީން އެއްވެސް ކަމެއް ގޯސްކޮށް ކޮށްފައިނުވާކަމަށް ކްލަބްގެ ވެރިން އޭނާ އަށް ޔަގީންކަން ދެމުން އަންނަ ކަމަށެވެ.
"ޖުލައި 13 ވަނަ ދުވަހު މީގެ ނިންމުން އެނގޭނެ. އަހަރެން ޔަގީންކުރަނީ އަންނަ ސީޒަނުގައި ވެސް އަހަރެމެންނަށް ޗެމްޕިއަންސް ލީގުގައި ކުޅެވޭނެ ކަމަށް،" ސިޓީއާ އެކު އަންނަ ސީޒަނުގެ ނިޔަލަށް ކޮންޓްރެކްޓްގައި ހުރި ގާޑިއޯލާ ބުންޏެވެ.
ސީއޭއެސްގެ އޮފިޝަލަކާ ހަވާލާދީ ބީޓީ ސްޕޯޓްސް އިން ދާދި ފަހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސީއޭއެސް އިން އިން ނިންމާނީ އަންނަ ސީޒަނުގައި ސިޓީ އަށް ޔޫރަޕްގައި ކުޅެވޭ ގޮތަށް އެއް އަހަރަށް ވަގުތީ ހުއްދައެއް ދިނުމަށް ފަހު އިތުރަށް މައްސަލަ ތަހުގީގުކުރާށެވެ. ސިޓީން މި މައްސަލައިގައި ސީއޭއެސް އަށް ހުށަހަޅާފައިވާ ކަންތައްތަކަށް ބަލާއިރު ކޮވިޑް-19 ގެ ސަބަބުން އެ ޓީމުން މި މައްސަލައިގެ ކަންތައްތަކަށް ތައްޔާރުވާން ވެސް އުނދަގޫ ހާލަތެކެވެ. އަދި އަދަބު ދީފައިވަނީ ޖަވާބުދާރީވާން ވެސް އެކަށީގެންވާ މުއްދަތެއް ނެތްގޮތަށް ކަމަށް ސިޓީން ގަބޫލުކުރެ އެވެ.
ސިޓީގެ ސަސްޕެންޝަން ދަމަހައްޓައިފިނަމަ ޕްރިމިއާ ލީގުގައި މި ފަހަރު ފަސް ވަނައިގައި ނިންމާ ޓީމަކަށް ވެސް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭނެ އެވެ. މި ވަގުތު ޓޭބަލް އޮތްގޮތުން އެ ހިތްހަމަ ޖެހުން ލިބޭނެ ޓީމަކީ ފަސް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށެވެ.
މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ސިޓީ އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެ ޓީމަކީ އޮގަސްޓް މަހު ލިޒްބަންގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ މުބާރާތުގެ އެއް ފޭވަރިޓެވެ. ސިޓީ ވަނީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރަށުންބޭރުގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑް 2-1 އިން ބަލިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީފް
05 July 2020
ތިހެންވީޔާ ހާދަހީވެއޭ ރިސްވަތުދީފިހެން