މެޑްރިޑް (ޖެނުއަރީ 3) – ސެލްޓާ ވީގޯ 2-0 އިން ބަލިކޮށް ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.

އެކަމަކު އެ ޓީމަށް އެއް ވަނަ ލިބުނީ ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވުރެ އިތުރަށް ތިން މެޗު ކުޅެގެންނެވެ. ރެއާލް 17 މެޗުން 36 ޕޮއިންޓް ހޯދާފައިވާއިރު އެތުލެޓިކޯ އަށް 14 މެޗުން ލިބިފައިވަނީ 35 ޕޮއިންޓެވެ. އެހެންވެ އެތުލެޓިކޯ އަށް ބޮޑު އެޑްވާންޓޭޖެއް އެބައޮތެވެ. އަދި މިރޭ ޑިޕޯޓިވޯ އަލަވެސް އަތުން މޮޅުވެގެން އެ ޓީމަށް އެއް ވަނަ ހޯދުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ތާވަލުގެ ތިން ވަނައިގައި އޮތީ 17 މެޗުން 29 ޕޮއިންޓް ހޯދައިގެން ރެއާލް ސޮސިއެޑާޑެވެ. އެ ޓީމުން މިރޭ ނުކުންނާނީ އޮސަސޫނާއާ ދެކޮޅަށެވެ.

އަމިއްލަ ދަނޑުގައި ރެއާލް ކުޅުނު މެޗުގެ ހަ ވަނަ މިނެޓުގައި އެ ޓީމަށް ފުރަތަމަ ގޯލް ޖަހައިދިނީ މާކޯ އަސެންސިއޯ ނެގި ހުރަހަކުން ލޫކަސް ވަސްކުއޭޒެވެ. އަދި ދެ ވަނަ ގޯލް 53 ވަނަ މިނެޓުގައި އަސެންސިއޯ ޖެހީ ވަސްކުއޭޒް ދިން ބޯޅައަކުންނެވެ.

"އަހަރެމެން މެޗުގެ ކުރިން ވެސް ބުނިން ކައުންޓާ އެޓޭކްކޮށްފިއްޔާ އަހަރެމެންނަށް އިދިކޮޅު ޓީމަށް ގެއްލުން ދެވިދާނެޔޭ. ކަންވީ އެހެން،" އަސެންސިއޯ ބުންޏެވެ.

ރެއާލުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ ފުރަތަމަ މިނެޓުން ފެށިގެން ފަހު މިނެޓާ ހަމަޔަށް ކުޅުނީ ރަނގަޅަށް ކަމަށާއި ސީޒަނުގެ ބޮޑުބައި އަދި އޮތީ ކުރިއަށްކަމުން މި ގޮތުގައި ދަމަހައްޓަން ޖެހޭ ކަމަށެވެ.