މިލާނުގެ އިބްރަހިމޮވިޗް ރޭގެ މެޗުގެ ތެރެއިން.- ފޮޓޯ: އޭއެފްޕީ
24 ޖެނުއަރީ 2021 - 09:38
މިލާން (ޖެނުއަަރީ 24) - އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް އޭސީ މިލާން ރޭ އަމިއްލަ ދަނޑުގައި 3-0 އިން އެޓަލަންޓާ އަތުން ބަލިވިއިރު، ދެ ވަނައިގައި އޮތް އިންޓަ ކުޅުނު މެޗުން ލަނޑެއް ނުޖެހި އުދިނޭޒީއާ އެއްވަަރުވެ، މިލާނާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.
ލީގުގެ އެއް ވަނައިގައި މި ވަގުތު މިލާން އޮތީ 19 މެޗުން 43 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އިންޓަ އަށް 19 މެޗުން ވަނީ 41 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތީ ރޭ ފޯރިގަދަ މެޗަކަށް ފަހު 4-3 އިން ސްޕެޒިއާ ބަލިކުރި ރޯމާ އެވެ. ރޯމާ އަށް ވަނީ 19 މެޗުން 37 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް އެޓަލަންޓާ އަށް 19 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ނަޕޯލީ އަށް 17 މެޗުން ވަނީ 34 ޕޮއިންޓް ލިބިފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ހަ ވަނައިގައި އޮތީ 17 މެޗުން 33 ޕޮއިންޓް ހޯދައިގެންނެވެ.
މިލާން ކޮޅަށް އެޓަލަންޓާ އަށް ލީޑުނަަގައިދިނީ 26 ވަނަ މިނިޓްގައި ރޮބިން ގޮސެން ނަގައިދިން ކޯނަރަކުން ކްރިސްޓިއަން ރޮމޭރޯ އެވެ. ދެ ވަނަ ހާފްގެ ކުރީކޮޅުގައި އެޓަލަންޓާ އަށް ލީޑުފުޅާކޮށްދިނީ ޕެނަލްޓީ އަކުން ޔޮސިޕް އިލިޗިޗް އެވެ. މިއީ އިލިޗިޗަށް މިލާނުގެ ފްރޭންކް ކެސީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. އެޓަލަންޓާގެ ފަހު ގޯލު ޖެހީ ޑުވާން ޒަޕާޓާ އެވެ.
ރޭގެ މެޗުގައި މިލާނުން ލަނޑުޖަހަން ކުރި މަސައްކަތްތައް ކާމިޔާބުނުވެ ދިޔައިރު، ދާދި ފަހުން އެ ޓީމާ ގުޅުނު ކްރޮއޭޝިއާގެ ތަޖުރިބާކާރު ފޯވާޑް މާރިއޯ މަންޒުކިޗް ވަނީ ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފަ އެވެ. ފުރަތަމަ ހާފުގައި ޒަލަޓަން އިބްރަހިމޮވިޗަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ.
އުދިނޭޒީ ކައިރިން ބޯޅަ ހިފަހައްޓައިގެން އިންޓަ އިން ރަނގަޅު ކުޅުމެއް ދެއްކި ނަމަަވެސް ގޯލު ޖަހަން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބެއްނުވި އެވެ. އިންޓަގެ ލަޓާރޯ މާޓިނޭޒް ޖެހި ގޯލެއް އޮފްސައިޑްކަމަށް ނިންމިއިރު، ނިކޯލޯ ބަރޭލާ ޖެހި ޝޮޓް ދިޔައީ ބޭރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy