މެޑްރިޑް (ފެބްރުއަރީ 15) - ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާ އަތުން 2-0 އިން މޮޅުވެ ރެއާލް މެޑްރިޑް އަލުން ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
ރެއާލް ރޭގެ މެޗަށް ނުކުތްއިރު އޮތީ ތިން ވަނައިގަ އެވެ. އެއީ ހޮނިހިރު ދުވަހުގެރޭ ޑިޕޯޓިވޯ އަލަވޭސް އަތުން ހޯދި ބޮޑު މޮޅާ އެކު ބާސެލޯނާ ދެ ވަނަ އަށް ޖެހިލުމުންނެވެ. ރެއާލް ދެ ވަނަ އަށް އެރީ 23 މެޗުން 49 ޕޮއިންޓް ހޯދައިގެންނެވެ. ބާސެލޯނާ ތިން ވަނައިގައި އޮތީ 22 މެޗުން 46 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވަނީ 21 މެޗުން 54 ޕޮއިންޓް ލިބިފަ އެވެ.
މެޗު ފަށައިގެން 12 ވަނަ މިނިޓްގައި ރެއާލަށް ލީޑުނަގައިދިނީ ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ އެވެ. ޓޯނީ ކްރޫސް ދިން ބޯޅައަކުން ބެންޒެމާ މި ގޯލު ޖެހީ އޭރިއާބޭރުން ފޮނުވާލި ޝޮޓަކުންނެވެ. މިއީ މި ފަހަރު ލީގުގައި ބެންޒެމާ ޖެހި 12 ވަނަ ގޯލެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ރެއާލްގެ ދެ ވަނަ ގޯލު ޖެހީ ކްރޫސް އެވެ. މިއީ ލޫކަސް ވަޒްކޭޒް ދިން ބޯޅައަކުން ކްރޫސް ކާމިޔާބުކުރި ގޯލެކެވެ.
ވެލެންސިއާ އަށް ރެއާލް ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވުނީ ދެ ވަނަ ހާފުގަ އެވެ. މެކްސީ ގޯމޭޒް ޖެހި ބޯޅަ ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.
ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ އޭނާ ބޭނުންވާ ލެވަލަށް ޓީމުގެ ކުޅުން ރަނގަޅުވަމުން އަންނަ ކަމަށާއި ބޭނުންވަނީ ސީޒަނުގެ މުހިއްމު މެޗުތަކާ ކުރިމަތިލާއިރު، މުޅި ޓީމު ރަނގަޅު ފޯމެއްގައި ބޭއްވުމަށް ކަމަށެވެ.
ލީގުގެ ރޭހުގައި މި ވަގުތު ފަހަތުގައި އޮތްކަމުގައި ވިޔަސް ޒިދާން ބުނީ އެންމެ ފަހު މެޗާ ހަމައަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި ޗެމްޕިއަންސް ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރެން ބޭނުންވާ ކަމަށް ޒިދާން ބުންޏެވެ.