މިދިޔަ ހަތަރު، ފަސް އަހަރުތެރޭ ކްލަބްތަކުން ހުށަހެޅި ފުރުސަތުތަކަށް ނޫނެކޭ ބުނީ ފްރާންސްގެ މަގާމަށްޓަކައި ކަމަށް، އެ ޓީމުގެ އާ ކޯޗު ޒިނެދީން ޒިދާން ބުނެފި އެވެ.
ވޯލްޑް ކަޕަށް ފަހު، އެ ޓީމުގެ ކުރީގެ ކޯޗު ޑިޑިއޭ ޑެޝޯމްޕް ވަނީ، 14 އަހަރުވަންދެން ކާމިޔާބުކަމާ އެކު އޭނާ ހޭދަކުރި މަގާމު ދޫކޮށްލާފަ އެވެ. ވޯލްޑް ކަޕަށް ފަހު އެ މަގާމު ދޫކޮށްލާނެކަން އޭނާ އިއުލާން ކުރީ މީގެ އެއް އަހަރު ކުރިންނެވެ.
ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ކޯޗުކަމަށް ހަމަޖެއްސީ ޒިދާނެވެ. ވޯލްޑް ކަޕްތެރޭގައި އެފްއެފްއެފުން ވަނީ އުމުރުން 54 އަހަރުގެ ޒިދާނާ އެކު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ.
ރެއާލް މެޑްރިޑްގެ ކޯޗުކަން 2021 ގައި ދޫކޮށްލުމަށް ފަހު، މިދިޔަ ފަސް އަހަރުތެރޭ ފުޓްބޯޅައިގެ އެއްވެސް ވަޒީފާއެއް އޭނާ އަދާނުކުރެ އެވެ. ފްރާންސްގެ މަގާމަކީ ފަސް އަހަރަށް ފަހު ފުޓްބޯޅައިގައި އޭނާ ހަވާލުވި ފުރަތަމަ ވަޒީފާ އެވެ.
މަގާމާ ހަވާލުވުމަށް ފަހު ފްރާންސްގެ ލެޖެންޑް ބުނީ މިދިޔަ ފަސް އަހަރުތެރޭ ކްލަބްތަކުން އޭނާ އަށް ހުށަހެޅުންތައް ލިބުނު ކަމަށެވެ. ނަމަވެސް އެ ހުރިހާ ފުރުސަތަކަށް ނޫނެކޭ ބުނީ ފްރާންސްގެ ކޯޗުގެ މަގާމަށްޓަކައި ކަމަށް އެ ގައުމުގެ ތާރީހުގައި އުފެއްދި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުރީގެ މިޑްފީލްޑަރު ބުންޏެވެ.
"ފާއިތުވި ހަތަރު ފަސް އަހަރުގެ ތެރޭގައި ކްލަބްތަކުން އެކި ހުށަހެޅުންތައް ލިބުނު. ނަމަވެސް ފްރާންސަށްޓަކައި އެ ހުރިހާ އެއްޗަކަށް އަހަރެން ދެކޮޅު ހެދިން،" ފްރާންސްގެ ކޯޗުގެ ގޮތުގައި އޭނާ ތައާރަފު ކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ޒިދާން ބުންޏެވެ.
އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ވެސް 2023 ގައި ޒިދާން އަށް ހުށަހެޅި އެވެ. އަދި ބްރެޒިލުން ވެސް އޭނާ ކޯޗުކަން ހުށަހެޅިކަމަށް ކުރިން އަޑުތައް ފެތުރުނެވެ.
މެންޗެސްޓާ ޔުނައިޓެޑާއި ޕީއެސްޖީ އަދި ބެޔާން މިޔުނިކާއި ޔުވެންޓަސް އާއި މެދުއިރުމަތީގެ ކްލަބްތަކާއި އެ ސަރަހައްދުގެ ބައެއް ގައުމުތަކުގެ ގައުމީ ޓީމުތަކުން ވެސް ޒިދާން އަށް ކޯޗުގެ މަގާމު ހުށަހެޅި ކަމަށް ޓްރާންސްފާ ރިޕޯޓްތައް މިދިޔަ ހަތަރު އަހަރުތެރޭ އެކި ފަހަރުމަތިން ފެތުރުނެވެ.
ފަސް އަހަރު ފަހުން އަލުން ކޯޗުކަމުގެ ވަޒީފާގައި މަސައްކަތް ފެށިޔަސް، މިއީ އާ ފެށުމެއް ކަމަކަށް ޒިދާން ނުދެކެ އެވެ. އެއަށް ވުރެ ބޮޑަށް މިއަދަކީ އޭނާގެ ހަޔާތުގައި އެންމެ ބޮޑު އުއްމީދު ހާސިލުވުން ކަމަށް އޭނާ ސިފަ ކުރި އެވެ.
"އަހަންނަށް މިއަދަކީ ކުރިއެރުމެއް. އަދި ހުވަފެނެއް ހަގީގަތަކަށްވުން. މިއީ އަހަރެން ކުރަން ބޭނުންވި ހަމައެކަނި ކަންތައް. އުމުރުން ހަގު އިރުންފެށިގެން އަހަރެން އޮތީ މިކަމުގައި ބައިވެރިވެފައި. (ފްރާންސްގެ) 15 އަހަރުން ދަށުގެ ޓީމުން ފެށިގެން ސީނިއާ ސްކޮޑާ ހަމައަށް ކޮންމެ ފަންތިއެއްގައިވެސް އަހަރެން ހޭދަކުރިން."
ޒިދާން ބުނި ގޮތުގައި ކުރީގެ ކޯޗު ޑިޑެއޭ ޑޭޝޯމްޕް މަސައްކަތް ކުރިގޮތާ. އޭނާ މަސައްކަތް ކުރާ ގޮތް ތަފާތު ވާނެ އެވެ.
"ޑިޑިއޭއަކީ ޑިޑިއޭ. ލޮރެން ބްލޮންކްއަކީ ލޮރެން ބްލޮންކް. ޒިޒޫއަކީ ޒިޒޫ. އަހަންނަށް ދަސްވެފައިވާ ކަންތައްތައް ކުރުމަށް އަހަރެން މަސައްކަތްކުރާނަން. މާޒީއާ އެއްވެސް ދުރަށްދިއުމެއް ނެތް،" ރެއާލް މެޑްރިޑަށް ސްޕެނިޝް ލީގާއި ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ދިން ކޯޗު ބުންޏެވެ.
ފްރަންސްގެ ކޯޗުކަމުގެ ރަސްމީ މަސައްކަތްތައް ޒިދާން ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެންނެވެ. އަދި އޭނާގެ ދަށުން މަސައްކަތް ކުރާ ކޯޗިން ޓީމު އައްޔަން ކުރާނީ ސެޕްޓެމްބަރު މަހު އެވެ.
އޭނާގެ ކޯޗުކަމުގެދަށުން ފްރާންސަށް ފުރަތަމަ އޮތީ ޔޫއެފާ ނޭޝަން ލީގުގެ މެޗުތަކެވެ. ސެޕްޓެމްބަރު މަހު ކުޅޭ އެ މެޗުތަކުގައި ފްރާންސުން ނުކުންނާނީ ތުރުކީ އަދި ބެލްޖިއަމްއާ ދެކޮޅަށެވެ. އަދި އޮކްޓޯބަރު ދެވަނަ ދުވަހު އިޓަލީއާ ދެކޮލަށް ވެސް ކުޅޭނެ އެވެ.