މީޑިއާތަކުން ވީހާ ވެސް ތެދު މައުލޫމާތު ފެތުރުމަށް ބާރު އަޅައި، މަސައްކަތްކޮށް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އެދިވަޑައިގެންފި އެވެ.

ރައީސް އެގޮތަށް އެދިވަޑައިގަތީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ލިބިވަޑައިގެންނެވި އައްބާސް އިބްރާހިމަށް އެ އެވޯޑް ހަވާލުކޮށް ދެއްވުމަށް މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

އެއްވެސް ކަމެއްގެ ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ފަތުރާ ނަމަ އިތުރު މައްސަލަތަކެއް ނިކުމެދާނެ ކަމަށާއި އެހެންވެ، ކޮންމެ ނޫސްވެރިއަކު ވެސް ނޫސްވެރިއެއްގެ ފުރިިހަމަ ޒިންމާ އަދާކުރުން މުހިންމު ކަމަށް ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ކޮވިޑް-19 ވައިރަސް ބާރަށް ފެތުރެމުން ދާއިރު ހާސްކަން އުފެދޭ ގޮތަށް ތެދު ނޫން މައުލޫމާތު އާންމު ކުރުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށާއި އަދި މީޑިއާތަކުން މައުލޫމާތު ފަތުރަމުންދާ ގޮތުން ބެލުމަށް އެމްއެމްސީން މިހާރު ކުރަމުންދާ މަސައްކަތް ވެސް ރައީސް ފާހަގަ ކުރައްވައިި، ޝުކުރު އަދާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އައްބާސް އިބްރާހިމަށް ނޫސްވެރިކަަމުގެ އަލިމަސް ގަލަން ރައީސް ހަވާލުކޮށް ދެއްވަނީ -- ފޮޓޯ/ރައީސް އޮފީސް
އައްބާސް އިބްރާހިމަށް ނޫސްވެރިކަަމުގެ އަލިމަސް ގަލަން ރައީސް ހަވާލުކޮށް ދެއްވަނީ -- ފޮޓޯ/ރައީސް އޮފީސް

މީގެ އިތުރުން ނޫސްވެރިކަމުގެ އަލިމަސް ޝަރަފުގެ ގަލަން ހާސިލް ކުރެއްވި އައްބާސް އަކީ ނޫސްވެރިކަމުގައި 50 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކުރެއްވި ބޭފުޅެއް ކަން ފާހަގަ ކުރައްވައި، ނޫސްވެރިކަން ކުރިއަރުވަން އެފަދަ ބޭފުޅުންގެ ތަޖްރިބާ މިހާރު ވެސް ބޭނުންވާ ކަމަށް ވެސް އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.