ފިލްމީ ތަރި އާމިނަތު ރިޝްފާ އަދި ޓިކްޓޮކްގައި މަގުބޫލު ކަން ހޯދި ހުނޭސާ އާދަމް ނަސީރަށް، މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރިކުރުމުގެ ތުހުމަތު ފުލުހުން ކޮށްފި އެވެ.

މާލެ އާއި ހުޅުމާލޭގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ 12 މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ 23-38 އަހަރާ ދެމެދުގެ ހަތަރު އަންހެނަކާއި އަށް ފިރިހެނުންނެވެ.

އޭގެ ތެރެއިން، ރިޝްފާ، 37، ގެ ބަންދު އަމުރުގައި ބުނީ ގިނަ ބަޔަކު ރާވައިގެން ކުރާ މަސްތުވާތަކެތީގެ ވިޔަފާރީގައި އޭނާ ބައިވެރިވާ ކަމަށް ފުލުހުން ތުހުމަތުކުރާ ކަމަށެވެ. އަދި ރިޝްފާ ހައްޔަރުކުރި ތަނުން މަސްތުވާތަކެތި ފެނިފައިވާ ކަމަށް، ކޯޓުގައި ފުލުހުން ބުނެފައިވެ އެވެ.

އެ މައްސަލަ ތަހުގީގުކުރަން ރިޝްފާގެ ބަންދަށް ވަނީ ފަސް ދުވަސް ދީފަ އެވެ.

ޑްރަގް ޓްރެފިކިންގެ އެހެން މައްސަލައެއްގައި ދައުވާކޮށް، ޝަރީއަތް ފަށާފައިވާ ހުނޭސާގެ ބަންދަށް ދީފައިވަނީ ހަތް ދުވަހެވެ.

ބަންދު އަމުރުގައި ބުނީ ހުނޭސާ، 26، މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރިކޯޑު އެބައޮތް ކަމަށެވެ. އަދި ތުހުމަތުކުރެވޭ މައްސަލައިގައި ގިނަ ބަޔަކު ބައިވެރިވާއިރު، އޭނާ ދޫކޮށްލައިފިނަމަ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުމާލު އޮތް ކަމަށް ބުންޏެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި ހުނޭސާ އެންމެ ފުރަތަމަ ހައްޔަރުކުރީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ. އެ ފަހަރު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް މިދިޔަ ޖޫން މަހު ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ.

އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރުމުން ކޯޓުން ވެސް ނިންމާފައިވަނީ އޭނާ ދޫކޮށްލީ ރަނގަޅަށް ކަމަށެވެ.