ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލާގައި ހައްޔަރުކުރި ނޭޕާލް ދެ މީހުން ކަމަށްވާ އީތްރާނީ ގަލެ އަދި ނިއްކަ ތަމަންގާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ތިން ދުވަސް ދީފަ އެވެ. 

މަސްތުވާތަކެތި އެތެރެކުރުމާއި ސްމަގްލްކޮށް އަދި ޓްރެފިކްކުރުމުގެ ތުހުމަތު އީތްރާނީ، 40 އަދި ނިއްކަ، 47، އަށް ކޮށްފައި ވާއިރު މި ދެ މީހުން ވެސް މިވަގުތު ތިބީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އެވެ. 

އެހެންވެ ކޯޓުގެ މިއަދުގެ އަޑުއެހުން ކުރިއަށް ގެންދިޔައީ އެ ދެ މީހުންގެ ޣައިރު ހާޒިރުގަ އެވެ.

ދިރުވާލި މަސްތުވާތަކެތީގެ އަދަދު ކޯޓު އަމުރުން އެނގެން ނެތް ނަމަވެސް އެއީ ގިނަ އަދަދެއްގެ ތަކެތި ކަމަށް ބުނެފައިވެ އެވެ.