މައްސަލައެއްގެ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން އަތުލި ފޯނުގައި ހުރި ފޮޓޯ އާއި ވީޑިއޯ ފުލުހުން ލީކުކޮށްލި ކަަމަށް ފިލްމީ ބަތަލާ އާމިނަތު ރިޝްފާ ކުރި ތުހުމަތު ފުލުހުން ދޮގުކޮށްފި އެވެ.

ރިޝްފާގެ ޒާތީ ފޮޓޯތަކެއް އާއްމުވަމުން ދަނިކޮށް އެ މައްސަލައިގެ ތުހުމަތު އޭނާ ކުރީ ފުލުހުންނަށެވެ. އެ ފޮޓޯތަކަކީ ތަހުގީގަށް އަތުލި ފޯނުގައި ހުރި ފޮޓޯތަކެއް ކަމަށާއި ޓެލެގްރާމް ގްރޫޕަކަށް ފުލުހުން އެ ފޮޓޯތައް ވިއްކީ ކަމަށް އޭނާ ބުންޏެވެ.

ރިޝްފާ ބުނި ގޮތުގައި އިންވެސްޓިގޭޝަން އޮފިސަރު ހިމެނޭ ގޮތުން ތިން ފުލުހަކަށް ފޯނުގެ ޕާސްވޯޑު ދިނީ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ. މީގެ ދެ ދުވަސްކުރިން ފޮޓޯތައް ލީކުވުމުން، ބެލިއިރު އެކަން ކޮށްފައި ވަނީ އެ ފުލުހުންގެ ބައިވެރިވުން އޮވެގެން ކަމަށް އޭނާ ތުހުމަތު ކުރެ އެވެ.

އެކަމަކު ތަހުގީގަށް ފަހު މީގެ ދެ މަސް ކުރިން ފުލުހުން ވަނީ ރިޝްފާއާ ފޯނު ހަވާލުކޮށްފަ އެވެ.

"އަހަރެންގެ ފޯނަށް އަހަރެން ނޫން މީހަކަށް އެކްސެސްއެއް ނުވެވޭނެ. ސަތޭކަ ޕަސެންޓް ޔަގީންކަން އެބައޮތް އެއީ ފުލުހުން ކުރި ކަމެއް ކަމަށް. ދެ ދުވަސް ކުރިން އެނގިގެން ބެލިއިރު ހުރީ ޓެލެގްރާމް ގްރޫޕަކަށް ފޮޓޯތައް ވިއްކާފައި،" ރިޝްފާ ބުންޏެވެ.

"މިއީ އަހަރެންނަށް އެކަނި ހެދި ގޮތެއް ނޫން. ތަހުގީގަށް ފޯނު އަތުލާފައި އެތައް ބައެއްގެ ފޮޓޯ ލީކުކޮށްލާފައި އެބަހުރި. މިހެން ހެދުމުގެ ހައްގެއް ފުލުހުންނަކަށް ނޯންނާނެ."

ރިޝްފާ ބުނި ގޮތުގައި ފުލުހުންގެ މި އަމަލު ބަލައިދޭން މުއައްސަސާތަކަށް ހުށަހަޅަން އޭނާގެ ވަކީލުން އަންނަނީ ތައްޔާރުވަމުންނެވެ.

ފުލުހުން ބުނީ ހެކީގެ ގޮތުގައި ގެންނަ ތަކެތި ގެންގުޅުމާއި ބެލެހެއްޓުމުގައި އަމަލުކުރަނީ ގާނޫނުގައިވާ ގޮތުގެ މަތިން، ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކަމަށެވެ.

"ފޮރެންސިކްގެ ބެލުމުގެ ދަށަށް ގެނެވޭ ހެއްކެއްގައި ހުންނަ އެއްވެސް މައުލޫމާތެއް ލީކު ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މި ޚިދުމަތަށް އޮވޭ،" ފުލުހުން ބުންޏެވެ.

އެ މުއައްސަސާ އިން ބުނި ގޮތުގައި ފޮރެންސިކް ލެބޯޓްރީގެ މަސައްކަތްތައް ތަރުތީބުކޮށްފައި ވާނީ ޕްރައިވެސީ ރައްކާތެރިކޮށްދެވޭ ގޮތަށެވެ.

ރިޝްފާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރުމަށް ފަހު އެވެ. ސޯޝަލް މީޑިއާގައި މަޝްހޫރު ބަޔަކު ވެސް ހިމެނޭ ގޮތަށް ރިޝްފާ ހައްޔަރުކުރީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ފުލުހަކު މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް އޭނާއާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ.