ފިލްމީ ތަރި މަރިޔަމް އައްޒަގެ އިންސްޓަގްރާމްގައި 100،000 ފޮލޯވާސް ހަމަވުމުގެ އުފަލުގައި، އައިފޯން 13 ޕްރޯ މެކްސްއެއް ލިބޭ ގިވްއަވޭއެއް އިއްޔެ ފަށައިފި އެވެ.

އައްޒަގެ އިންސްޓަގްރާމްގައި 100،000 ފޮލޯވާސް ހަމަވިއިރު، އޭނާ އަކީ މިހާރު ރާއްޖޭގައި ދެވަނަ އަށް އެންމެ ގިނަ އަދަދެއްގެ ފޮލޯވާސް ތިބޭ ސެލެބްރިޓީ އެވެ. އަދިވެސް ލިސްޓުގެ އެންމެ ކުރީގައި އޮތީ 138،000 ފޮލޯވާސްއާ އެކު، މަޝްހޫރު މޮޑެލް ކައިޒީން އެވެ.

"އެންމެންގެ ފަރާތުން ތި ލިބޭ ލޯތްބާއި ސަފޯޓަށް ޝުކުރު އަދާކުރާނެ މިންވަރު ވެސް ނޭނގޭ،" އެ ކާމިޔާބީ ފާހަގަކޮށް އައްޒަ ބުންޏެވެ.

އެ އުފަލުގައި އައްޒަ ފެށީ ގިވްއަވޭއެކެވެ. އެ ގިވްއަވޭ ކާމިޔާބުކުރާ މީހަކަށް ލިބެނީ އައިފޯން 13 ޕްރޯ މެކްސްގެ 256ޖީބީގެ ހުދު ކުލައިގެ ފޯނެކެވެ.

އެ ގިވްއަވޭގައި ބައިވެރިވުމަށް ހަދަން ޖެހޭ ގޮތަކީ؛

- އައްޒަގެ އިންސްޓަގްރާމަށް ފޮލޯކުރުން.

- އެ ޕޯސްޓަށް ލައިކެއް ދިނުން.

- އެ ޕޯސްޓުގައި، އައްޒަ އަށް ފޮލޯކުރާ ތިން ރައްޓެހިން ޓެގްކުރުން.

- އެ ޕޯސްޓް އައްޒަ ޓެގްކޮށް، އިންސްޓަ ސްޓޯރީގައި ޝެއާކުރުން.

އެ ގިވްއަވޭ ކުރިއަށް ދާނީ އަންނަ އާދިއްތަ ދުވަހުގެރޭ ދަންވަރު 12 ޖަހަންދެންނެވެ. ނަސީބުވެރިޔާ އިއުލާންކުރަނީ އަންނަ ހަފުތާގެ ހޯމަ ދުވަހުގެރޭ 10 ޖަހާއިރު އެވެ.

އެ ޕޯސްޓަށް އަދި 12 ގަޑިއިރު ވެސް ނުވާއިރު، 2،500 އަށް ވުރެ ގިނަ މީހުން މިހާރު ވެސް އެ ގިވްއަވޭގައި ބައިވެރިވުމަށް ކޮމެންޓް ކޮށްފަ އެވެ.

ރާއްޖޭގެ ބައެއް ސެލެބްރިޓީން މީގެ ކުރިން ވެސް އިންސްޓަގްރާމްގައި ބޮޑެތި ގިވްއަވޭތައް ބާއްވާފައިވެ އެވެ. ކައިޒީން ވެސް 100،000 ފޮލޯވާސް ހަމަވުމުގެ އުފަލުގައި 3،000 ޑޮލަރު ލިބޭ ގިވްއަވޭއެއް ބޭއްވި އެވެ. އަދި ފިޓްނެސް މޮޑެލް ފިޓްފާޒިލް ވެސް ބޮޑު ގިވްއަވޭއެއް ބޭއްވި އެވެ. އެ ގިވްއަވޭގެ ނަސީބުވެރިޔާ ހޮވި ގޮތުން، އެ ދުވަސްވަރު ވަރަށް ބޮޑަށް މައްސަލަ ހޫނުވި އެވެ.