ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސިއްދީގަށް ހަމަލާދިން ކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްްޓް އަލީ ހާޝިމް (ސްމިތު) ފުލުހުންގެ ބަންދުން ދެންމެ ދޫކޮށްލައިފި އެވެ.

އޭނާ ހައްޔަރުކުރުމަށް ފަހު އެ މައްސަލަ ތަހުގީގުކުރުމަށްޓަކައި ހަތް ދުވަސް ވަންދެން ބަންދުކޮށްފައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ މުއްދަތު އިތުރު ކޮށްދީފަ އެވެ. ނަމަވެސް ބަންދުން ދޫކޮށްލި ސަބަބެއް ސާފެއް ނުވެ އެވެ.

ސްމިތު ދޫކޮށްލާފައި ވަނީ އޭނާ ހައްޔަރުކުރުމުން ސަރުކާރަށް ބޮޑު ޕްރެޝަރެއް ކުރިމަތިވެފައި ވަނިކޮށެވެ. އަދި އޭނާ ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީ އޮފީސް ހިމެނޭ ސަރަހައްދުގައި މުޒާހަރާ ވެސް ކޮށްފައި ވަނިކޮންނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ސްމިތު ދޫކޮށްލުމަށް ގޮވާލައި ޓްވީޓު ކުރައްވައިފަ އެވެ. އަދި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވެސް ސްމިތު ދޫކޮށްލަން ގޮވާލައި ޓުވީޓް ކުރައްވައިފަ އެވެ.

ސިއްދީގު ބުނެފައި ވަނީ "ޖަޒީރާ ރާއްޖެ" ޖަހާފައިވާ ޓީ ޝާޓެއް ލައިގެން ހުރި މީހަކު ކްރިމިނަލް ކޯޓު ކުރިމަތިން އޭނާ އަށް އިއްޔެ ހަމަލާދީ ގައިން "ލޭ ދުއްވާލާފައިވާ" ކަމަށެވެ. އަދި، އިތުރަށް ހަމަލާދޭނެ ކަމަށް ބުނެ ފުލުހުންގެ ކުރިމަތީގައި ވެސް އޭނާއަށް އިންޒާރު ދީފައިވާ ކަމަށް ސިއްދީގު ބުނެފައިވެ އެވެ.