ފައިނަލުގައި، ކުރީގެ މުބާރާތުގެ ޗެމްޕިއަން އާޖެންޓީނާގެ މައްޗަށް 1-0 ގެ ނަތިޖާއަކުން ކާމިޔާބު ހޯދައި، ދުނިޔޭގެ ޗެމްޕިއަންކަން ސްޕެއިނުން ދެވަނަ ފަހަރަށް ހޯދައިފި އެވެ. 

ސްޕެއިނުން ނަތީޖާ ބަދަލު ކުރީ އިތުރު ވަގުތުގައި، ފެރާން ޓޯރޭޒް ޖަހައިދިން ލަނޑުންނެވެ. އިތުރު ވަގުތުގެ ދެ ހާފް އާޖެންޓީނާއިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. 

ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

އެ ހާފުގައި މެޗުގެ ބޮޑުބައެއް ކޮންޓްރޯލް ކޮށްގެން ކުޅުނީ ސްޕެއިންގެ ޓީމުންނެވެ. ބޯޅަ ހިފަހައްޓައިގެން 64 ޕަސަންޓް ޕާސް، އެ ޓީމުން ފުރިހަމަ ކުރި އެވެ.

ފެރާން ތޯރޭޒް، ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮތޯ: އޭއެފްޕީ
ފެރާން ތޯރޭޒް، ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮތޯ: އޭއެފްޕީ

އެކަމަކު އާޖެންޓީނާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލަން ސްޕެއިނަށް ވަނީ އުނދަގޫތަކަކާ ކުރިމަތި ވެފަ އެވެ.

މެޗުގެ ކުރީކޮޅު ސްޕެއިނަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ޑެނީ އޮލްމޯ އާއި ލަމީން ޔަމާލްގެ ގުޅިގެން އުފެްއްދި ފުރުސަތުގައި ޔަމާލް ފޮނުވާލި ނުރައްކާތެރި ހަމަލާ، އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓީނޭޒް ދިފާއު ކުރި އެވެ.

ފުރަތަމަ ހާފުގައި އާޖެންޓީނާގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ. ކެޕްޓަން ލިއޮނަލް މެސީ އަދި ހޫލިއަން އަލްވަރޭޒް ފަދަ މުހިންމު ކުޅުންތެރިން ތިބީ ބާކީވެފައި ކަހަލަގޮތަކަށެވެ.

މެޗުގައި މެސީ: އޭނާ އަށް މާ ބޮޑު ކަމެއް ނުކުރެވުނު --- ފޮޓޯ: އޭއެފްޕީ
މެޗުގައި މެސީ: އޭނާ އަށް މާ ބޮޑު ކަމެއް ނުކުރެވުނު --- ފޮޓޯ: އޭއެފްޕީ

ސްޕެއިންގެ ގޯލަށް އަމާޒުކޮށް އެއްވެސް ހަމަލާއެއް ވެސް އާޖެންޓީނާއަކަށް، އެ ހާފުގައި ނުއުފެއްދުނެވެ. އަދި ސްޕެއިންއާ ދެކޮޅަށް ކޯނަރެއް ވެސް ހޯދިފައެއް ނުވެ އެވެ.

ހާފު ނިމެން ދަނިކޮށް ސްޕެއިންގެ މާކް ކުކުރޭޔާ ވަނީ ނުރައްކާތެރި ހަމަލާއެއް އާޖެންޓީނާގެ ގޯލަށް ފޮނުވާލާފަ އެވެ. ނަމަވެސް އެ ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

އެ ހާފުގައި އާޖެންޓީނާއަށް އެހެން ގޮންޖެހުމެއް ވެސް ކުރިމަތިވި އެވެ.

ސްޕެއިން އުފެއްދި ހަމަލާއެއް، އާޖެންޓީނާގެ ކީޕަރު މާޓީނޭޒް ދިފާއު ކުރަނީ: އާޖެންޓީނާ ޓީމުން އެންމެ މޮޅު ކުޅުމެއް ދެއްކީ މާޓީނޭޒް --- ފޮޓޯ: އޭއެފްޕީ
ސްޕެއިން އުފެއްދި ހަމަލާއެއް، އާޖެންޓީނާގެ ކީޕަރު މާޓީނޭޒް ދިފާއު ކުރަނީ: އާޖެންޓީނާ ޓީމުން އެންމެ މޮޅު ކުޅުމެއް ދެއްކީ މާޓީނޭޒް --- ފޮޓޯ: އޭއެފްޕީ

އެ ޓީމުގެ ޑިފެންޑަރު ލިސަންޑްރޯ މާޓީނޭޒަށް އަނިޔާވެގެން ހާފުގެ ފަހުކޮޅުގައި ބަދަލު ކުރަން ޖެހުނެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ 38 އަހަރުގެ ތަޖުރިބާކާރު ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ އެވެ.

ތައުރީފާއި ފާޑުކިޔުން އަމާޒުވި ހާފް ޓައިމް ޝޯ

މިއީ ފީފާ ވޯލްޑް ކަޕްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބޭއްވި ހާފްޓައިމް ޝޯ، އެވެ. ފައިނަލް މެޗުގެ ދެ ހާފުގެ ދެމެދުގައި  ވަރަށް ކުލަގަދަކޮށް ކުޅުނު ޝޯ އަށް، ފުޓްބޯޅަ ސަޕޯޓަރުންގެ ފާޑުކިޔުމާއި ތައުރީފު އޮހުނެވެ.

މި ޝޯ އަށް ހާއްސަކޮށް، ފީފާއިން ވަނީ ފުރަތަމަ ފަހަރަށް ހާފް ޓައިމްގައި އާންމު އުސޫލުން ދޭ ވަގުތަށް ވުރެ ގިނަ ވަގުތު ހާފް ޓައިމަށް ދީފަ އެވެ. އާންމުކޮށް ދެނީ 15 މިނެޓްގެ ބްރޭކެކެވެ. އެަކަމަކު 11 މިނެޓުގެ މިއުޒިކީ ޝޯގެ ހަރަކާތް ބޭއްވުމަށް، 27 މިނެޓާއި ސިކުންތު ހޭދަވި އެވެ. 

ވޯލްޑް ކަޕް ފައިނަލްގެ ހާފްޓައިމް ޝޯގެ ތެރެއިން ރޮނާލްޑީނިއޯ، މަޑޯނާ އަދި ރޮނާލްޑޯ --- ފޮޓޯ: މައިކަލް ރީގަން | ގެޓީ އިމޭޖަސް
ވޯލްޑް ކަޕް ފައިނަލްގެ ހާފްޓައިމް ޝޯގެ ތެރެއިން ރޮނާލްޑީނިއޯ، މަޑޯނާ އަދި ރޮނާލްޑޯ --- ފޮޓޯ: މައިކަލް ރީގަން | ގެޓީ އިމޭޖަސް

އާ ބަދަލާ އެކު ފީފާއިން ޓާގެޓް ކުރީ 17 މިނެޓާއި 20 މިނެޓާ ދެމެދު ބްރޭކަކަށެވެ. އެކަމަކު ޝޯގެ ލޮޖިސްޓިކް މަސައްކަތްތަކަށް ހޭދަވި ވަގުތާ އެކު ގާތްގަނޑަކަށް ބައިގަޑިއެއްހާ އިރަށް ހާފް ޓައިމް ދެމިގެން ދިޔަ އެވެ.

މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މަޑޯނާ، ޝަކީރާ، ބީޓީއެސް އަދި ޖަސްޓިން ބީބާ ފެނިގެންދިޔަ މި ޝޯ އަކީ ދުނިޔޭގެ ކުޑަކުދިންގެ ތައުލީމަށް 100 މިލިއަން ޑޮލަރު ހޯދުމަށް ގްލޯބަލް ސިޓިޒަންއާ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މި ޝޯ ފެށިގެންދިޔައީ މަޑޯނާގެ ފޯރިގަދަ ހުށަހެޅުމަކުންނެވެ. ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑުން ކަމަށްވާ ރޮނާލްޑޯ ނޒާރިއޯ އާއި އަދި ރޮނާލްޑީނިއޯ ގައުޗޯއާ އެކު މެޑޯނާ ސްޓޭޖުން ފެނުނެވެ. އޭގެ ފަހުން ޝަކީރާ އަދި ބާނާ ބޯއި ވަނީ މިއަހަރުގެ ވޯލްޑް ކަޕް އެންތަމް "ޑައި ޑައި" ހުށަހަޅާދީ 80,000 އަށްވުރެ ގިނަ ސަޕޯޓަރުން ފޯރީގައި ޖައްސާފަ އެވެ.

ވޯލްޑް ކަޕް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން އައިޝޯސްޕީޑް ހުށަހަޅައިދެނީ. --- ފޮޓޯ: ހެކްޓަރ ވިވާސް | ފީފާ، ގެޓީ އިމޭޖަސް
ވޯލްޑް ކަޕް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން އައިޝޯސްޕީޑް ހުށަހަޅައިދެނީ. --- ފޮޓޯ: ހެކްޓަރ ވިވާސް | ފީފާ، ގެޓީ އިމޭޖަސް

އަސްކަރީ ހިދުމަތަށްފަހު އެނބުރި އައި ކޭޕޮޕް ބޭންޑް ބީޓީއެސްއާ އެކު ޝޯގެ ފޯރި ވަނީ އިތުރަށް ގަދަވެފަ އެވެ. އަދި ޖަސްޓިން ބީބާ ލަވަ ހުށަހަޅާދިނެވެ. އެއަށް ފަހު ކޮލްޑްޕްލޭގެ ކްރިސް މާޓިން އިސްވެ ހުރެ ޝޯ ނިންމާލީ ހުރިހާ ފަންނާނުން އެކުވެގެން ގެނެސްދިން ހާއްސަ ލަވައަކުންނެވެ.

މި ބޮޑު ހަރަކާތަށް ގިނަ ބައެއްގެ ތައުރީފު ލިބުނު ނަމަވެސް، ފުޓްބޯޅައަށް ލޯބިކުރާ ބައެއް ފަރާތްތަކުގެ ފާޑުކިއުން ވަނީ އަމާޒު ވެފަ އެވެ. 

ހާފްޓައިމް ޝޯއަށް ހާއްސަކޮށް ދިގުލައިގެންދިޔަ 27 މިނެޓުގެ ބްރޭކަށް އެނބުރި އައިސް، ދެ ވަނަ ހާފު ވެސް ސްޕެއިން ޑޮމިނޭޓް ކުރި އެވެ. 

ހާފް ޓައިމްގައި ކުރިއަށް ގެންދިޔަ ސްޓޭޖް ޝޯގެ ތެރެއިން
ހާފް ޓައިމްގައި ކުރިއަށް ގެންދިޔަ ސްޓޭޖް ޝޯގެ ތެރެއިން

އެ ހާފުގައި ސްޕެއިނުން ވަނީ އާޖެންޓީނާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފަ އެވެ. ދެވަނަ ހާފުގައި އެ ޓީމުން 15 ހަމަލާ އުފެއްދި އެވެ. އޭގެ ތެރެއިން ނުވަ ހަމަލާ ގޯލަށް އަމާޒުވި އެވެ. 

އާޖެންޓީނާގެ ކީޕަރު އެމީ މާޓީނޭޒް ވަނީ ހުށިޔާރުކަމާ އެކު އެ ހުރިހާ ބޯޅައެއް ދިފާއު ކޮށްފަ އެވެ. އޭނާ ވަނީ މެޗުގެ ފަހުކޮޅު ޕެޑްރީ އަދި ޕައު ކުބާސީ ފޮނުވާލި ނުރައްކާތެރި ހަމަލާތައް ވެސް ހުއްޓުވާފަ އެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް އާޖެންޓީނާގެ އެޓޭކިން ލައިން ފެނުނީ ވަރަށް ބަލިކޮށެވެ. މުޅި މެޗުގެ 90 މިނެޓު ހަމަވިއިރު ވެސް މެސީ ލީޑް ކުރި އާޖެންޓީނާ އަށް ސްޕެއިންގެ ގޯލާ ނުރައްކާތެރި ހަމަލާއެކޭ ކިޔާވަރުގެ އެއްވެސް ހަމަލާއެއް އުފެއްދިފަ އެއް ނުވެ އެވެ.

ދެވަނަ ހާފު އާޖެންޓީނާއިން ނިންމާލީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސްޕެއިން އިން އުފައްދަން އުޅުނު ކައުންޓަ އެޓޭކް ހުއްޓުވަން ކުބާސީ އަށް، އެންޒޯ ފެނާންޑޭޒް ފައުލު ކުރުމުން، ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ. 

ނަތީޖާ ބަދަލު ކުރީ އިތުރު ވަގުތުގެ ދެވަނަ ހާފުގައި 

މެޗުގެ ފުރިހަމަ ވަގުތުގައި ނަތީޖާ އަށް ބަދަލެއް ނައުމުން ކުރިމަތިލީ އިތުރު ވަގުތުގެ ދެ ހާފަށެވެ. އާޖެންޓީނާ އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅުނު އިރު ވެސް އެ ޓީމުގެ ގޯލް ފޫއަޅުވާލުމުގައި ސްޕެއިން އަށް، އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ކާމިޔާބެއް ނުހޯދުނެވެ. 

އެކަމަކު އިތުރު ވަގުތުގެ ދެވަނަ ހާފަށް ނުކުމެ، ސްޕެއިންއިން ނަތީޖާ ބަދަލު ކުރި އެވެ. 

ފައިނަލް މެޗުން ސްޕެއިން މޮޅުވުމުން، އެ ޓީމުގެ ކެޕްޓަން ރޮޑްރީ ޓީމުގެ ކުޅުންތެރިންނާ އެކު ތަށި އުފުލާލަނީ.ފޮޓޯ: ހުއާން މަބްރޮމާޓާ | އޭއެފްޕީ
ފައިނަލް މެޗުން ސްޕެއިން މޮޅުވުމުން، އެ ޓީމުގެ ކެޕްޓަން ރޮޑްރީ ޓީމުގެ ކުޅުންތެރިންނާ އެކު ތަށި އުފުލާލަނީ.ފޮޓޯ: ހުއާން މަބްރޮމާޓާ | އޭއެފްޕީ

މެޗުގެ 106 ވަނަ މިނެޓުގައި ފެރާން ޓޮރޭޒް ޖަހައިދިން ލަނޑުން 1-0 ގެ ނަތީޖާއަކުން ސްޕެއިން ވަނީ އާޖެންޓީނާގެ މައްޗަށް ކުރި ހޯދާފަ އެވެ.

މި ލަނޑު ޖެހުމަށް ސްޕެއިންގެ މިޑްފީލްޑުން ވަނީ އާޖެންޓީނާގެ ވަރުބަލިވެފައިވާ ޑިފެންސް ހާސްކަމުގެ ތެރެއަށް ވައްޓާލާފަ އެވެ.

ނިކޯ ވިލިއަމްސް ހުރަސްކޮށްލި ރީތި ބޯޅަ، ފެރާން ޓޮރޭޒް ވަނީ ވަރަށް ހުށިޔާރުކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ. އޭނާ ފޮނުވާލި މި ހަމަލާ ހުއްޓުވަން އާޖެންޓީނާގެ މާޓީނޭޒްއަށް އެއްވެސް ފުރުސަތެއް ނުލިބުނެވެ.

ލަނޑަށް ފަހު ސްޕެއިން ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ
ލަނޑަށް ފަހު ސްޕެއިން ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

ވޯލްޑް ކަޕް ފައިނަލް މެޗަށް ޓްރަމްޕާ އެކު ގައުމުތަކުގެ ވެރިން، އާޖެންޓީނާގެ ރައީސް ވަޑައިނުގަންނަވާ

ފައިނަލް މެޗު ބައްލަވާލެއްވުމަށް، މުބާރާތް ބާއްވި ތިން ގައުމުގެ ވެރިން ކަމަށްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މެކްސިކޯގެ ރައީސް ކްލައުޑިއާ ޝީންބައުމް އަދި ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވަޑައިގެންނެވި 

ފައިނަލުގައި ކުޅުނު ދެ ޓީމުގެ ތެރެއިން ހާޒިރުވެ ވަޑައިގެންނެވީ ސްޕެއިންގެ ލީޑަރުން އެކަންޏެވެ. އެ ގައުމުގެ ރަސްގެފާނު ފެލިޕޭ ހައެއް އަދި ރާނީ ލެޓީޒިއާގެ އިތުރުން ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ސްޓޭޑިއަމްގައި ތިއްބެވި އެވެ. 

ފައިނަލް މެޗުގެ ފެށުމުގެ ކުރިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ) ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްއާ ސަލާމް ކުރައްވަނީ، އަރިހުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ (މ) އިންނަވަނީ. --- ފޮޓޯ: ޗާލީ ޓްރިބަލޯ / އޭއެފްޕީ
ފައިނަލް މެޗުގެ ފެށުމުގެ ކުރިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ) ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްއާ ސަލާމް ކުރައްވަނީ، އަރިހުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ (މ) އިންނަވަނީ. --- ފޮޓޯ: ޗާލީ ޓްރިބަލޯ / އޭއެފްޕީ

ނަމަވެސް އާޖެންޓީނާގެ ރައީސް ހާވިއޭ މިލެއި މެޗަށް ވަޑައިނުގަންނަވަ އެވެ. މީގެ ކުރިން ވެސް އާޖެންޓީނާއިން އެންމެ ފަހުން ކާމިޔާބު ކުރި ކޮޕާ އެމެރިކާ މުބާރާތުގެ އެންމެ މެޗެއް ވެސް ބައްލަވަން އޭނާ ވަޑައިނުގަންނަވަ އެވެ. 

އާޖެންޓީނާގެ ރިޕޯޓްތައް ބުނާގޮތުން އޭނާ މެޗަށް ވަޑައިނުގެންނެވީ ކުރިންވެސް އަމަލުކުރާ ފަދައިން ސިހުރަށް އިތުބާރު ކުރައްވައިގެންނެވެ. އޭނާ އިހްތިޔާރު ކުރެއްވީ ރިޔާސީ ގަނޑުވަރުގައި ހުންނަވައިގެން މެޗު ބެއްލެވުމަށެވެ.

ތައްޓާއި މެޑަލް ހަވާލުކޮށް ދެއްވީ ވެސް ޓްރަމްޕާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެވެ.