ބައެއް އިމާރާތްތަކާއި އުޅަނދުތަކުގައި ރޯކުރަން ގޮވާލި މައްސަލާގައި މިދިޔަ މަހު ހައްޔަރުކުރި އަލީ ޖުމާން އިތުރު 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުތަކުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތްވަރުދީ، ގޮވާލި މައްސަލައެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ހއ. ބާރަށު، ކުއްޅަވައްގޭ، އަލީ ޖުމާން ހައްޔަރުކުރީ މިދިޔަ އޮކްޓޫބަރު 22 ގަ އެވެ. 

ތަހުގީގުގެ ބޭނުމަށް އޭނާގެ ބަންދަށް އެންމެ ފުރަތަމަ ދިން 12 ދުވަހުގެ މުއްދަތު ހަމަވެ، އިތުރު 15 ދުވަހަށް ބަންދުކުރަން ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ. 

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން ޖުމާންގެ މައްޗަށް ފުލުހުން ކުރަނީ ޓެރަރިޒަމްގެ ތުހުމަތެވެ. 

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ޖުމާން، 25، ބުނީ ސަރުކާރުން ޔަހުދީންނަށް ބިންތައް ދޭތަން ބަލަން ނުތިބެވޭނެ ކަމަށާއި އިމާރާތްތަކާއި އުޅަނދުފަހަރުގައި ރޯކޮށް، ހަމަނުޖެހުން ހިންގައި މުޒާހަރާ ވެސް ކުރަންޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްގެ ރެޑްވޭވް ފިހާރަ ލޫޓުވާލަން ވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ. 

ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހު އިދާރާ އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހަން ގޮވާލި މައްސަލާގައި އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނެންޓް އަދި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަން ވެސް ހައްޔަރުކޮށް ތަހުގީގުގެ ބޭނުމަށް އޭނާ 15 ދުވަހަށް ވަނީ ބަންދުކޮށްފަ އެވެ.

ދައުލަތުގެ ތިން ބާރުގެ އޮފީސް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި ޒިހާން ސޯޝަލް މީޑިއާގައި ޕޯސްޓް ޖެހިތާ ގަޑިއިރެއް ފަހުން އޭނާ ވަނީ އެ ޕޯސްޓް ޑިލީޓްކޮށްފަ އެވެ.