މިދިޔަ އެޕްރީލް މަހު މަރުވި ލެޖެންޑަރީ ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭގެ ހަނދާނުގައި އިންޑިއާގެ ކުޅަދާނަ މިއުޒިކް ކޮމްޕޯޒަރު އޭއާރު ރަހުމާން ގެނެސްދޭ ހާއްސަ ޓްރިބިއުޓް ލަވައެއްގެ ޓީޒާ ދައްކާލައިފި އެވެ.

ރަހުމާން އެ ޓީޒާ އާންމުކޮށްފައި ވަނީ އިއްޔެ ފަހަގަކުރި ދުނިޔޭގެ މިއުޒިކް ދުވަހާ ދިމާކޮށެވެ. އުމުރުން 92 އަހަރުގައި އާޝާ މަރުވީ މިދިޔަ އެޕްރީލް މަހު 12 ގަ އެވެ. 

މި ލަވައަކީ އާޝާ ދުނިޔޭގައި ހުރި ދުވަސްވަރު ރަހުމާންއާ އެކު ކިޔާފައިވާ ފޯރިގަދަ ޑުއެޓް ލަވައެކެވެ. އެ ލަވައަށް ބައިނަލްއަގުވާމީ ފެންވަރުގެ ކްލެސިކަލް ރާގުތަކެއް ގެނައުމުގެ ގޮތުން، ލަންޑަނުގެ ވަރުގަދަ "ޓްރިނިޓީ ލެބަން މިއުޒިކް ކޮލެޖް"ގެ މިއުޒީޝަނުންނާ އެކު އެ ދެ ފަންނާނުން ވަނީ މަސައްކަތް ކޮށްފަ އެވެ.

މި ލަވައާ ބެހޭ ގޮތުން ރަހުމާން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި ލަވައަކީ އާޝާ ދުނިޔޭގައި ހުރި އިރު ދެކުނު ވަރަށް ބޮޑު ހުވަފެނެއް ކަމަށާއި މި ޕްރޮޖެކްޓަށް ލިބޭ ލޯތްބާއި ޝުކުރު އޭނާއަށް ފެންނާނެ ނަމައޭ ހިތަށް އަރާ ކަމަށެވެ. އަދި އާޝާގެ އަޑަކީ އިންޑިއާގެ އިތުރުން މުޅި ދުނިޔޭގެ މިއުޒިކަށް ވެސް ލިބުނު ވަރަށް އަގުބޮޑު ހަދިޔާއެއް ކަމަށް ރަހުމާން ސިފަކުރި އެވެ.

ލަވަ ރެކޯޑް ކުރި ދުވަސްވަރުގެ ހަނދާންތައް އާކުރަމުން ރަހުމާން ބުނީ އާޝާ ބޭނުންވީ މި ލަވައަކީ ވަރަށް މަޖާ އަދި އެނާޖެޓިކް ލަވައަކަށް ހެދުމަށް ކަމަށާއި، ރެކޯޑިން ކުރިއަށް ދިޔައިރު އޭނާ ދެއްކި ހިތްވަރަކީ އޭނާއަކީ ލެޖެންޑެއްކަން ސާބިތުކޮށްދޭ ސިފައެއް ކަމަށެވެ. 

ރަހުމާން އާއި އާޝާއަކީ މިދިޔަ ވިއްސަކަށް އަހަރު ތެރޭގައި ކާމިޔާބު ގިނަ ލަވަތަކެއް އުފައްދާފައިވާ ދެ ފަންނާނުންނެވެ. އޭގެ ތެރޭގައި "ރަންގީލާ ރޭ" އާއި "ތަންހާ ތަންހާ" އާއި "ކަހީން އާގް ލަގޭ" އަދި "ރާދާ ކައިސޭ ނާ ޖަލޭ" ކަހަލަ މަގުބޫލު ލަވަތައް ހިމެނެ އެވެ.

މި ލަވަ ވަރަށް އަވަހަށް ރިލީޒްކުރާނެ ކަމަށް ރަހުމާން ބުންޏެވެ.