ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަށް އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި ހަދިޔާކުރި އަސްކަރީ މަނަވަރު މިރޭ ހިދުމަތަށް ނެރެފި އެވެ. 

ރާއްޖޭގެ އަސްކަރިއްޔާއާ އަލަށް އިތުރުވި އުޅަނދު މިރޭ ކޮމިޝަން ކޮށްދެއްވީ ރައީސް އަދި ސިފައިންގެ އެންމެމަތީވެރިޔަ ޑރ. މުހައްމަދު މުއިއްޒެވެ.

"އިމާދުއްދީން"ގެ ނަން ދީފައިވާ މި މަނަވަރަކީ މުޅިން އަލަށް ބަނދެފައިވާ އެންމެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ މަނަވަރެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެ އެވެ. 

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެ އަށް ހަދިޔާކުރި އަސްކަރީ މަނަވަރު މިރޭ ހިދުމަތަށް ނެރެނީ.---ފޮޓޯ: ރައީސް އޮފީސް
އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެ އަށް ހަދިޔާކުރި އަސްކަރީ މަނަވަރު މިރޭ ހިދުމަތަށް ނެރެނީ.---ފޮޓޯ: ރައީސް އޮފީސް

ދިވެހި ސިފައިން ވަނީ މި މަނަވަރު ބޭނުން ކުރާނެ ގޮތުގެ ތިން މަސް ދުވަހުގެ ތަމްރީނެއް ފުރިހަމަކޮށްފަ އެވެ. އޮސްޓްރޭލިއާ އިން ރާއްޖެ އަށް މަނަވަރު ކުރި 14 ދުވަހުގެ ދަތުރު އޮޕަރޭޓް ކޮށްފައިވަނީ ވެސް ދިވެހި ސިފައިންނެެވެ. މިއީ ދިވެހި ސިފައިން ކަނޑުމަގުން ކުރި އެންމެ ދިގު ދަތުރު ވެސް މެ އެވެ. 

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެ އަށް ހަދިޔާކުރި އަސްކަރީ މަނަވަރު ރައީސް މުއިއްޒު މިރޭ ބައްލަވާލައްވަނީ.---ފޮޓޯ: ރައީސް އޮފީސް
އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެ އަށް ހަދިޔާކުރި އަސްކަރީ މަނަވަރު ރައީސް މުއިއްޒު މިރޭ ބައްލަވާލައްވަނީ.---ފޮޓޯ: ރައީސް އޮފީސް

އޮސްޓްރޭލިއާގެ ހިލޭ އެހީގެ ދަށުން މި މަނަވަރު ހަދިޔާކުރަން ނިންމާފައިވާ ކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. 

އޮސްޓްރޭލިއާ އިން ހަދިޔާކުރި އަސްކަރީ މަނަވަރު ކޮމިޝަން ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އޮސްޓްރޭލިއާ އިން ހަދިޔާކުރި އަސްކަރީ މަނަވަރު ކޮމިޝަން ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މަނަވަރު ކޮމިޝަން ކުރަން ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރު ކުރުމަކީ ރައީސް އެންމެ އިސްކަމެއް ދެއްވާ ސިޔާސަތު ކަމަށެވެ. އެކަން ހާސިލުކުރުމަށްޓަކައި ކަނޑުގެ ބާރަކަށް ދިވެހި އަސްކަރިއްޔާ ހަދާނެ ކަމަށް ރައީސް ހާމަކުރައްވާފައިވާ ކަން ހިލްމީ ފާހަގަކުރެއްވި އެވެ. 

އެ ސިޔާސަތުގެ ދަށުން މީގެ ކުރިން ތުރުކީ އިން ރާއްޖެ އަށް އަސްކަރީ މަނަވަރެއް ވަނީ ހޯދައިފަ އެވެ. އަދި މިހާރު މި ވަނީ އޮސްޓްރޭލިއާ އިން ވެސް މުޅިން އަލަށް ބަނދެފައިވާ މަނަވަރެއް ރާއްޖެ އަށް ރައީސް މުއިއްޒު ހޯދައިދެއްވާފައި ކަމަށް ހިލްމީ ވިދާޅުވި އެވެ. 

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެ އަށް ހަދިޔާކުރި އަސްކަރީ މަނަވަރު މިރޭ ކޮމިޝަން ކޮށްދެއްވުމަށް ފަހު، ރައީސް މުއިއްޒާއި ޑިފެންސް މިނިސްޓަރު ހަސަން ރަޝީދާއި ސިފައިންގެ ބައެއް އިސް އޮފިސަރުން އަދި އޮސްޓްރޭލިއާ ސަރުކާރުގެ ބައެއް މަންދޫބުން އެ މަނަވަރު ކައިރީގައި ފޮޓޯއަކަށް ހުއްޓި ވަޑައިގެން.---ފޮޓޯ: ރައީސް އޮފީސް

އޭނާ ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެންމެ ތަންކޮޅެއް ވެސް ދޫނުކޮށް އެ ތަންތަން ދިވެހި ކަނޑުގެ އަސްކަރިއްޔާއިން ބަލަހައްޓަމުންދާނީ އެއްވެސް ފަސްޖެހުމެއް ނެތި ކަމަށެވެ.