އަހަރުގެ ބެލޮން ޑޯ އެވޯޑު އިނގިރޭސި ފޯވާޑް ހެރީ ކޭން ކާމިޔާބުކޮށްފި އެވެ.
މިއީ ފާއިތުވި 25 އަހަރުގެ ތެރޭގައި ދުނިޔޭގެ އެންމެ ޝަރަފުވެރި ފަރުދީ އެވޯޑު އިނގިރޭސި ކުޅުންތެރިޔަކު ހޯދި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ ވޯޑް ހޯދި އިނގިރޭސި ކުޅުންތެރިޔަކީ 2011 ގެ އެވޯޑް ކާމިޔާބު ކުރީ އިނގިރޭސި ފޯވާޑް މައިކަލް އޮވެން އެވެ.
އުމުރުން 33 އަހަރުގެ ކޭން އެވޯޑް ގެންދިޔައީ ސްޕެއިންގެ ފޯވާޑް ލަމީން ޔަމާލާއި ފްރާންސްގެ ފޯވާޑް ކިލިއަން އެމްބާޕޭއާ ވާދަކޮށެވެ.
ފްރާންސްގެ ކުޅިވަރު ނޫސް ލެކީޕް އިން އިންތިޒާމްކުރާ މި އެވޯޑު ކޭންއަށް ލިބުނީ ޔޫރަޕުގެ ރަން ބޫޓު އެވޯޑް ހޯދުމާއި، ބެޔާން މިއުނިކަށް ބުންޑެސްލީގާ ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރުމުގެ އިތުރުން، މިއަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް އިނގިރޭސި ޓީމު ގެންގޮސްދިނުމުގައި އަދާކުރި މުހިންމު ދައުރާ އެކު އެވެ.
"މި އަހަރު ވަރަށް އުނދަގޫ. އަހަންނާ ދެކޮޅަށް ބެލަންޑޯ އެވޯޑްގައި ވާދަކުރީ އާދަޔާހިލާފު މޮޅު ކުޅުންތެރިން. "އަހަރެން ހުރީ ބުނާނެ އެއްޗެއް ވެސް ނޭނގިފައި. ލަންޑަންގައި ހުރެ މި އެވޯޑު ލިބުން ވަކިން ހާއްސަ،" ލަންޑަންގެ ޕެލޭޑިއަމް ތިއޭޓަރުގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަމުން ކޭން ބުންޏެވެ.
މި މަހުގެ ކުރީކޮޅު ކޭން ވަނީ އިނގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިނުމުގެ ރެކޯޑާ ހަމަކޮށްފަ އެވެ. އޭނާ ވަނީ އިނގިރޭސި ޓީމަށް ކުޅެދިން 125 މެޗުން 91 ލަނޑު ހަމަކޮށްފާ އެވެ.
އަންހެނުންގެ ބެލޮން ޑޯ އެވޯޑު ސްޕެއިންގެ އެލެކްސިއާ ޕުޓެޔާސް އެވެ. އިނގިރޭސި ސުޕަ ލީގުގެ ކްލަބް ލަންޑަން ސިޓީ ލަޔަނެސަސްއަށް މިހާރު ކުޅެުންދާ އެލެކްސިއާ، އެ އެވޯޑް ހޯދީ ތިންވަނަ ފަހަރަށެވެ.
މިދިޔަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން ކޭން ވަނީ ކްލަބާއި ގައުމީ ޓީމަށް 89 ލަނޑު ޖަހައި ދީފާ އެވެ. މީގެ ތިން އަހަރު ކުރިން، އޭރު އުމުރުން 30 އަހަރުގެ ކޭން ހޯދުމަށް ބެޔާން މިޔުނިކުން 100 މިލިއަން ޔޫރޯ ހަރަދުކުރުމުން ބައެއް ފާޑުކިއުންތައް އަމާޒުވި އެވެ.