ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ދަތިކަމުގެ ތެރޭގައި ކުއްޔަށް އުޅޭ ގެއިން ނެރުމުގެ ކުރިން ދެ މަސް ދުވަހުގެ ނޯޓިސް އެބަޔަކަށް ދޭން ލާޒިމުކޮށް ސަންސެޓް ގާނޫނެއް މިއަދު މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ހުށަހެޅުއްވި "ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ބިލު 2020" ގައި ބުނެފައި ވަނީ އެގްރިމެންޓަކާ ނުލައި ކުއްޔަށް ދީފައިވާ ތަންތަނުން ވެސް މީހުން ނެރެވޭނީ ނޯޓިސް ދީގެން ކަމަށެެވެ. އަދި ގެއިން ނެރޭއިރު އިޖުރާތްތަކެއް ފުރިހަމަ ކުރުމަށް ވެސް އެ ބިލުން ލާޒިމްކުރެ އެވެ.
ނޯޓިސް ދޭ މުއްދަތުގެ ތެރޭގައި އެ ގެއަކުން އަސާސީ ހިދުމަތްތައް ކަނޑާލައިގެން ނުވާނެ ކަމަށް ވެސް ބިލުގައި ވަނީ ބުނެފަ އެވެ. ކުއްޔަށް އުޅޭ މީހުންގެ މިނިވަންކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ތަން ކުއްޔަށް ދީފައި ހުންނަ ފަރާތުން ކޮށްގެން ނުވާނެ ކަމަށް ވެސް ބިލުގައި ބުނެ އެވެ. އެކަންކަމާ ހިލާފަށް އަމަލުކުރާ މީހުންނަށް ކަނޑައަޅާފައިވާ އަދަބަކީ 5،000ރ. އިން ޖޫރިމަނާ ކުރުމެވެ.
ބިލުގައި ބުނެފައިވާ ގޮތާ ހިލާފަށް މީހަކު އަމަލު ކޮށްފި ނަމަ އެކަން ހައުސިން މިނިސްޓްރީއަށް ހުށަހެޅުމުގެ ހައްގު އޮވެ އެވެ. އެ ޝަކުވާތައް ބެލުމުގައި އަމަލުކުރާނެ ގަވައިދެއް ހައުސިން މިނިސްޓްރީން އެކުލަވާލަން ޖެހޭނެ ކަމަށް ވެސް ބިލުގައި ވަނީ ބުނެފަ އެވެ.
ސަރުކާރަށް ލާޒިމް ކޮށްފައިވާ ކަންކަން:
- ދިރިއުޅޭނެ ތަނެއް ނެތް މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުން
- ކާބޯތަކެތި ހޯދޭނެ ގޮތެއް ނެތި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުން
- މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ވަގުތީ ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖެއްސުން
މި ބިލްގައި ބުނެފައިވާ ގޮތުގައި ކޮވިޑް-19ގެ މި މުއްދަތުގެ ތެރޭގައި ރަހުނު ތަންފީޒު ކުރުމުގެ އެއްވެސް ކަމެއް ކުރިއަކަށް ނުގެންދެވޭނެ އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އާންމު އުސޫލުން މީހުން ވަޒީފާއިން ވަކިިކުރުމާއި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވުމާއި މުސާރަތައް ކުޑަކުރުން ވެސް އެ ބިލުގެ ދަށުން މަނަ އެވެ. އެކަމަކު ވަޒީފާ ދޭ ފަރާތަށް ނުރަނގަޅު އަސަރުތަކެއް ކުރުމުގެ ސަބަބުން އާމްދަނީ ދަށްވެ، މުވައްޒަފުންނަށް ކުރިން ދެވޭ މުސާރަތައް ނުދެވޭ ނަމަ، އެފަދަ ފިޔަވަޅުތައް އެޅުން ހުއްދަ އެވެ.
ވަޒީފާ ދޭ ފަރާތްތަކަށް ލާޒިމު ކަންކަން:
- ކަރަންޓީންގައި ހުންނަ އިރު ހާއްސަ ޗުއްޓީ ދިނުން
- ދަތުރުފަތުރާ ގުޅިގެން އަޅަން ޖެހޭ ހާއްސަ ފިޔަވަޅުތަކެއްގެ ސަބަބުން ވަޒީފާއަށް ދިއުމަށް ހުރަސް އެޅޭ މީހުންނަށް ހާއްސަ ޗުއްޓީ ދިނުން
- އާއިލީ ޒިންމާގެ ޗުއްޓީތައް ހަމަޖައްސައި ދިނުން
- ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންނަށް ސަލާމުގެ ޗުއްޓީ ހަމަޖައްސައި ދިނުން
- ކޮވިޑް-19އާ ގުޅިގެން ވަޒީފާއިން ވަކިކުރާ މީހުންނަށް ޓްރެބިއުނަލްގައި މައްސަލަ ޖެއްސުމުގެ ފުރުސަތު ފަހިކޮށް ދިނުން
ބިލްގައި ވަނީ ބައެއް ޓެކްސްތައް ދެއްކުން ވަގުތީ ގޮތުން ފަސްކުރަން ވެސް ހުށައަޅައިފަ އެވެ. އެގޮތުން އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ނަގަމުން އަންނަ ވިތުހޯލްޑިވްސް ޓެކްސް އާއި އިންޓަރިމް ޕޭމަންޓް ދެއްކުން ފަސްކޮށްދޭން ޖެހެ އެވެ.
އެ ބިލް ހުށަހެޅުއްވި މަގުސަދެއް ކަމަށް މެމްބަރު ހުސައިން މުހައްމަދު ދީދީ ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް މެދުވެރިވެފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ޒަރޫރީ ބޭނުންތައް ފުއްދަން ދަތިވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި ކޮވިޑް-19ގެ ސަބަބުން ބޯހިޔާވަހިކަން ގެއްލިފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާ ވަހިކަން ހޯދައި ދިނުން ވެސް މަގުސަދެއް ގޮތުގައި ވިދާޅުވި އެވެ.