ދިވެހި ޕްރިމިއާ ލީގުގައި އީގަލްސްއާ ދެކޮޅަށް ބިސް ބުރު ސްޕޯޓްސް މިއަދު ކުޅުނު މެޗުގެ ޖޯޒީގެ ކުލަ އެއްވައްތަރުވެ، ބިސް ބުރުން ގައުމީ ޓީމުގެ ޕްރެކްޓިސް ކިޓް ބޭނުން ކުރަން ޖެހިއްޖެ އެވެ. 

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗަށް އީގަލްސްއިން ބޭނުން ކުރީ އޮރެންޖް ކުލައިގެ ޓީޝާޓާއީ ކަޅު ކުލައިގެ ސޯޓާއި ހަމަ އެކުލައިގެ އިސްޓާކީނު ހިމެނޭ ޖޯޒީ ސެޓެވެ.

ލީގުގައި މުޅިން އަލަށް ވާދަކުރާ ބިސް ބުރުން، ބޭނުން ކުރަން ހަމަޖެއްސީ ރީނދޫކުލައިގެ ޓީޝާޓާއި ސޯޓް އަދި ހުދުކުލައިގެ އިސްޓާކީން ހިމެނޭ ޖޯޒީ ސެޓެވެ. 

ދެ ޓީމުގެ ޖޯޒީ އެއްވައްތަރުވުމުން، މައްސަލަ ކުރިމަތިވި އެވެ. މެޗުގައި ޓީމު ބީ އަކީ ބިސް ބުރެވެ. ޓީމު އޭ އަކީ އީގަލްސް އެވެ. ޓީމު އޭ އަށް ޖޯޒީ އިހްތިޔާރު ކުރުމުގައި އިސްކަން ލިބެ އެވެ. 

މީގެ ކުރީގެ ސީޒަންތަކުގައި އީގަލްސްގެ ފުރަތަމަ ކިޓްގެ ގޮތުގައި އެ ޓީމުން ބޭނުން ކުރަނީ ކަޅުކުލަ އެވެ. އޮރެންޖް ކުލައަކީ މީގެ ކުރިން އެ ޓީމުގެ ދެވަނަ ކިޓެވެ. އެކަމަކު އާ ސީޒަނުގެ ލީގުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗަށް އެ ޓީމުން ބޭނުން ކުރީ އޮރެންޖް ކުލަ އެވެ. 

ބިސް ބުރުގެ ފުރަތަމަ ކުލައަކީ ކަޅު ކުލަ އެވެ. އެނގިފައިވާ ގޮތުގައި އެ ޓީމުން ދަނޑަށް ގެންދިޔައީ ރަން ކުލައަކަށްދާ ރީނދޫ ކުލައިގެ ޖޯޒީ ބައި އެކަންޏެވެ. 

އެ ޓީމުން މެޗުގައި ބޭނުންކުރާނެ އެހެން ޖޯޒީ ބައެއް ދަނޑަށް ގެނެސްފައި ނުވުމުން، އެފްއޭއެމުގެ އޮފިޝަލުން ވަނީ އެ މެޗުގައި ބޭނުން ކުރަން ގައުމީ ޓީމުގެ ޕްރެކްޓިސް ޖޯޒީ ސެޓްގައި ހިމެނޭ، ނޫކުލައިގެ ޓީޝާޓް ބައި، ބިސް ބުރުގެ ކުޅުންތެރިންނަށް ދީފަ އެވެ. 

މެޗުގެ ނަތީޖާ ޑޮމިނޭޓް ކުރީ އީގަލްސްއިންނެވެ. ލީގަށް ފަރިތަ އެ ކްލަބުން ވަނީ 3-1 ން މެޗު ކާމިޔާބުކޮށްފަ އެވެ.  

މެޗުގެ 16 ވަނަ މިނެޓްގައި އީގަލްސް އަށް ލަނޑު ޖަހައި ދިނީ މިސްރުގެ ފޯވާޑް އާމިރު ޝުޢައިބު އަލް ސޯދިގު މުޙައްމަދެވެ. އޭގެ ފަހުން ޒައިން ޒަފަރު ނަތީޖާ ފުޅާކުރި އެވެ. 

ރާއްޖޭގެ އެންމެ މަތީ ލީގުގައި ބިސް ބުރުގެ ފުރަތަމަ ލަނޑު ޖެހީ ނައިޖީރިއާގެ ޑިފެންޑަރު އަލިއު އޯވޯލާބީ ފަތާއީ އެވެ. 

އީގަލްސްގެ ލީޑް މެޗުގެ 80 ވަނަ މިނެޓްގައި ފުޅާކުރީ ތަޖުރިބާކާރު އިސްމާއީލް އީސާ (މެސީ) އެވެ.