ރާއްޖޭގައި ސީޕްލޭންގެ ހިދުމަތްދެމުން އަންނަ މައި ކުންފުނި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްްއޭ)ގެ ހިއްސާ ގަންނަން، މަޝްހޫރު ދެ އިންވެސްޓްމަންޓް ކުންފުނި ކަމަށްވާ ޗައިނާގެ ޓެންޕަސް ގްރޫޕް ކޯ އާއި އެމެރިކާގެ ބެއިން ކެޕިޓަލް އެލްޕީން ގުޅިގެން މަސައްކަތް ފަށައިފި އެވެ.
ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ 2013 ވަނަ އަހަރުން ފެށިގެން އޮންނަނީ އެމެރިކާގެ ބްލެކް ސްޓޯން ގްރޫޕުގަ އެވެ. މައިނޯރިޓީ ހިއްސާ އޮންނަނީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފްގެ ކާސާ ހޮލްޑިންގްސްގަ އެވެ.
ވިޔަފާރީގެ ހަބަރުތައް ގެނެސްދޭ ދުނިޔޭގެ މަޝްހޫރު ޓީވީ ޗެނަލެއް ކަމަށްވާ އެމެރިކާގެ ބްލޫމްބާގްގެ ވެބްސައިޓްގައި ބުނެފައި ވަނީ ޓީއެމްއޭގައި އޮންނަ ބްލެކް ސްޓޯންގެ ހިއްސާ ގަތުމަށް، ޓެންޕަސް ގްރޫޕް ކޯ އާއި ބެއިން ކެޕިޓަލް އެލްޕީން ގުޅިގެން ބިޑް ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
މިކަމާ ގުޅޭ މައުލޫމާތު އެނގޭ މީހަކާ ހަވާލާދީ ބްލޫމްބާގްގައި ބުނެފައި ވަނީ، އެ ދެ ކުންފުނިން ޓީއެމްއޭ އަގު ކޮށްފައިވަނީ ނުވަތަ ވެލިއުއޭޝަން ހަދާފައިވަނީ 500 މިލިޔަން ޑޮލަރުން ކަމަށެވެ. އަދި މުހިންމު ބައެއް ކަންކަމާ އަދިވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ބުނެފައި ވެއެވެ.
ބްލެކް ސްޓޯން ގްރޫޕުން މި އަހަރު ނިމުމުގެ ކުރިން ޓީއެމްއޭގެ ހިއްސާ ވިއްކާލާނެ ކަމަށާއި، ހިއްސާ ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ އިތުރު ކުންފުނިތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ބްލޫމްބާގްގައި ބުނެފައި ވެއެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.،
އެއާ ކްރާފްޓް އޮޕަރޭޓްކުރާ އެންމެ ބޮޑު ކުންފުންޏަށް ވުމަށް މަސައްކަތް ކުރަމުން އަންނަ، ޖަނަރޭޓަރާއި އިންޖީނު އުފައްދާ ޗައިނާގެ ޒޮންޝެން ގްރޫޕުން ވެސް ޓީއެމްއޭގެ ހިއްސާ ގަންނަން މި އަހަރުގެ ކުރީކޮޅު ޝައުގުވެރިކަން ފާޅުކުރި އެވެ. ނަމަވެސް، އެކަން މިހާރު އޮތީ ކިހާ ހިސާބެއްގައި ކަމެއް ސާފެއް ނުވެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ކުންފުނިން ރާއްޖޭގައި ދުއްވާ 46 ބޯޓުން އަހަރަކު 100،000 އަށް ވުރެ ގިނަ ދަތުރު އެކި ރިސޯޓްތަކަށް ކުރެ އެވެ.