ބުލޫ ސްޕޯޓްސްގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ބުރު ސްޕޯޓްސް ކްލަބް، އެފްއޭ ކަޕްގެ ތިންވަނަ ހޯދައިފި އެވެ.
މުބާރާތުގެ ސެމީ ފައިނަލުން ބަލިވި ދެ ޓީމުގެ ދެމެދުގައި މިއަދު ކުޅުނު ތިންވަނަ ހޮވި މެޗުގައި، ބުރުގެ ލަނޑުތައް ޖެހީ ތަޖުރިބާކާރު ޑިފެންޑަރު އަހްމަދު އަބްދުﷲ (ލިލީ) އާއި އަބްދުﷲ ޔާމީން (ޔާން) އަދި މުހައްމަދު ޖޫދު އިސްމާއީލެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި، ބުރުގެ ފުރަތަމަ ލަނޑު ލިލީ، ޖެހީ ޕެނަލްޓީއަކުންނެވެ. އެ ޓީމުގެ އަލީ ހަމްދާން އަށް، ބުލޫގެ ޑިފެންޑަރު އަހްމަދު ލޫތު، އެ ޓީމުގެ އޭރިއާގެ ތެރެއިން ފައުލު ކުރި އެވެ. ލިބުނު ޕެނަލްޓީ، ލިލީ ވަނީ ހަމަޖެހިލާފައި ގޯލްގެ ތެރެއަށް ފޮނުވާލައިފަ އެވެ.
އޭގެ 10 މިނެޓް ފަހުން ޔާން ވަނީ ބުރުގެ ދެވަނަ ލަނޑު ޖަހައިފަ އެވެ. ބުލޫގެ ހާފުގެ ތެރެއިން ގާސިމް ތޯއިފް ފޯރުކޮށް ދިން ޕާސް ލިބިގަނެ ޔާމީން ވަނީ އޭރިއާގެ ތެރެއަށް ވެދެ ގޯލްގެ ތެރެއަށް ފޮނުވާލައިފަ އެވެ. ޔާމީން ފޮނުވާލި މި ބޯޅަ ގޯލުގެ ތެރެއަށް ވަނީ ބްލޫގެ ކީޕަރު މުހައްމަދު އަޝްފާގު އަޔޫބުގެ އަތްދަށުން ކަހަލަ ގޮތަކަށް ދަނޑި ކައިރިންނެވެ. ޔާމީން ފޮނުވާލި މި ބޯޅަ ގޯލުގެ ތެރެއަށް ވަނީ ބްލޫގެ ކީޕަރު މުހައްމަދު އަޝްފާގު އަޔޫބުގެ އަތްދަށުން ކަހަލަ ގޮތަކަށް ދަނޑި ކައިރިންނެވެ.
މެޗުގެ 82 ވަނަ މިނެޓްގައި ޖޫދު ލަނޑު ޖެހީ އޭރިއާގެ ބޭރުން ފޮނުވާލި ބޯޅަ ގޯލްގެ މަތީ ކަނަށް ވައްދާއލައިގެންނެވެ. ބުލޫގެ އޭރިއާގެ ރޮނގުމަތިން، ބުރުގެ ހަސަން ގައިސް މުހައްމަދު އަތުން ބުލޫގެ ޑިފެންޑަރު ބޯޅަ ހޯދަން އުޅުމުން އޭނާ ބޯޅަ ފަހަތަށް ޕާސްކޮށްލީ އޭރިއާ ބޭރުގައި ޖޫދު ހުރުމުންނެވެ. ޖޫދު ވަނީ އެއްފަހަރުން ޖަހައި އެ ބޯޅަ ގޯލްގެ މަތީ ކަނަށް ވައްދާލައިފަ އެވެ.
ބުލޫގެ ހަމައެކަނި ލަނޑު ޖެހީ ހަސަން ޔާނިއު އެވެ. އެ ލަނޑުގައި އެ ޓީމުގެ އަލީ ޝާމް މުހައްމަދު ޝައިރްގެ ހިއްސާ ބޮޑެވެ. ކައުންޓަ އެޓޭކްގައި އަލީ ޝާމް އަށް ލިބުނު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަންނަން ދިޔައިރު އޭނާގެ ކަިއރީގައި ބުރުގެ ދެ ޑިފެންޑަރު ވިއްދާފައި ތިއްބެވެ. އޭނާގެ ކުރިމަތީގައި ވިއްދާފައި ހުރި ޝަމްވީލް މުހައްމަދު (މީދޫ ބޮންޑާ) ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއަށް ވަނެވެ.
އޭނާ ފޮނުވާލި ބޯޅަ ބުރުގެ ކީޕަރު ހަސަން އަލީފް ދިފާއު ކުރުމުން އެ ބޯޅަ ދިޔައީ ގޯލް ކުރިމަތިން ހުރަސްވާށެވެ. ނަމަވެސް ބޯޅަ، ޔާނިއު ވަނީ ގޯލް ލައިން މަތިން ގޯލްގެ ތެރެއަށް ވައްދާލައިފަ އެވެ.
މިދިޔަ އަހަރު ރަޖިސްޓަރީ ކުރި ބްލޫ ސްޕޯޓްސް ކްލަބަކީ، ނިއު ރޭޑިއަންޓްގެ ކުރީގެ ޗެއާމަން އަހްމަދު ވާސިފްގެ ހިއްސާ އޮންނަ ކްލަބެކެވެ. އެފްއޭ ކަޕަކީ ރަސްމީ ފުޓްބޯޅައިގައި އެ ޓީމުގެ ފުރަތަމަ މުބާރާތެވެ.
މިފަހަރު އެފްއޭ ކަޕްގައި އަށް ޓީމު ވާދަކުރުމުން، މުބާރާތް ފެށީ ކުއާޓާ ފައިނަލުންނެވެ. ބްލޫ ސެމީ އަށް ދަތުރު ކުރީ އީގަލްސް ބަލި ކުރުމަށް ފަހު އެވެ، ސެމީ ފައިނަލުގައި އެ ޓީމު ބަލިވީ ނިއު ރޭޑިއަންޓް އަތުންނެވެ.
އެ ޓީމު ދަނީ ތިންވަނަ ޑިވިޝަނުގައި ވާދަކުރަން ތައްޔާރު ވަމުންނެވެ.
ވާސިފް މިހާރު މަސައްކަތް ކުރަނީ އެފްއޭއެމްގެ ކޮމްޕްޓީޝަން ޑިޕާޓްމެންޓްގަ އެވެ.