އިނގިރޭސިވިލާތުގެ ޕްރިންސް ވިލިއަމް އުފައްދަވާފައިވާ ތިމާވެށްޓާ ބެހޭ އެވޯޑު "ދި އާތުޝޮޓް ޕްރައިޒް 2026"ގެ ހަފުލާ އިންޑިއާގެ މުމްބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ހަފުލާ ހޯސްޓްކުރުމުގެ ފުރުސަތު ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރަށް ލިބިއްޖެ އެވެ.
މިއީ މި އެވޯޑު ހަފުލާ އިންޑިއާގައި ބާއްވާ ފުރަތަމަ ފަހަރެވެ.
"ދި އާތުޝޮޓް ޕްރައިޒް"އަކީ ތިމާވެށި ރައްކާތެރިކުރުމަށާއި ދުނިޔެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކަށް ހައްލު ހޯދައިދޭ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އަގުބޮޑު އިނާމެކެވެ.
މި އަހަރުގެ ހަފުލާގައި ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ތިމާވެށީގެ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަ ބަޔަކު ބައިވެރިވާނެ އެވެ.
ޕްރިންސް ވިލިއަމްއާ އެކު ލަންޑަނުގައި ނަގާފައިވާ ވީޑިއޯއެއް ކަރަން ސޯޝަލް މީޑިއާގައި އާންމުކުރުމާ އެކު ގިނަ ބަޔަކަށް ހައިރާންކަން ވެސް ލިބުނެވެ.
އެއް ބަޔަކު ބުނީ "މިއީ ދުވަހަކު ވެސް ވެދާނެ ކަމަށް ހީކުރި ކަމެއް ނޫން" ކަމަށެވެ. އަނެއް ބަޔަކު ވަނީ ކަރަން އާންމު އެންޓަޓެއިންމަންޓް ސްޓައިލާއި އިނގިރޭސި ޝާހީ އާއިލާގެ ހަފުލާއެއްގެ ރަސްމީ ސިފައާ ދެމެދު ހުރި ތަފާތަށް އަލިއަޅުވާލައި މަޖާ ކޮމެންޓްތައް ވެސް ކޮށްފަ އެވެ.
އާތުޝޮޓް ޕްރައިޒަކީ 2020 ވަނަ އަހަރު ޕްރިންސް ވިލިއަމް އިސްނަންގަވައިގެން ފެއްޓެވި އިނާމެކެވެ. ކޮންމެ އަހަރަކު ވެސް ތިމާވެށީގެ އެކި ދާއިރާތަކުން އެންމެ މޮޅު ހައްލުތައް ހުށަހަޅާ ފަސް މީހަކަށް، ކޮންމެ މީހަކަށް އެއް މިލިއަން ޕައުންޑުގެ އިނާމެއް ދެ އެވެ. މިފަހަރު މި އިނާމަށް 15 ފައިނަލިސްޓަކު ވާދަކުރެ އެވެ.
މި އަހަރުގެ "ދި އާތުޝޮޓް ޕްރައިޒް" ހަފުލާ މުމްބާއީގައި ބާއްވަނީ އަންނަ ނޮވެމްބަރު މަހު 17 ގަ އެވެ.