ގއ. މާނާގަލާ؛ މަލްޓި ސްޕީޝީސް "ހެޗަރީ" އަޅައި، އެ ތަން ހިންގުމަށް އަކުއާ ބްރިޖް ގްރޫޕާ ހަވާލުކޮށްފި
05 ނޮވެމްބަރ 2022 - 18:44
ގއ. މާނާގަލާގައި މަލްޓި ސްޕީޝީސް "ހެޗަރީ" އެއް ހަދައި އެ ތަން ހިންގުމުގެ މަސައްކަތް ދުބާއީގެ ކުންފުންޏަކާ ސަރުކާރުން ހަވާލުކޮށްފި އެވެ.
އެ މަސައްކަތް ހަވާލުކުރީ އެ ގައުމުގެ އަކުއާ ބްރިޖް ގްރޫޕާ އެވެ.
އެ ތަން އިމާރާތްކޮށް ހިންގުމަކީ ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން ފިޝަރީޒް މިނިސްޓްރީން ހިންގާ "ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް" ގެ ތެރޭގައި ހިމެނޭ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން މާނާގަލާގައި އިމާރާތްކުރާ ހުރިހާ އިންފްރާސްޓްރަކްޗާއެއްގެ މަސައްކަތް މިހާރު ވަނީ ނިންމައިފަ އެވެ.
މާނާގަލާގެ ފުރަތަމަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ އޮފީސް އިމާރާތްތަކެއް
މަލްޓި ސްޕީޝީސް ހެޗަރީ އަކީ ކަނޑުގެ އެކި ކަހަލަ ދިރުންތައް އާލާކުރުމަށް އަޅާ ފެސިލިޓީއެކެވެ.
ފިޝަރީސް މިނިސްޓްރީން މިދިޔަ މަހުގެ 27 ގައި އަކުއާ ބްރިޖް ގްރޫޕާ ހަވާލުކުރި، ހެޗަރީ އެޅުމާއި ހިންގުމަށް 16 މިލިއަން ޑޮލަރު (246.8 މިލިއަން ރުފިޔާ) އެ ކުންފުނިން ހަރަދުކުރާނެ އެވެ. އެ ރަށުގެ ގާތްގަނޑަކަށް ހަތަރު ހެކްޓަރުގެ ބިން ހެޗަރީ ހެދުމަށް އެ ކުންފުންޏަށް ލިބޭނެ އެވެ.
މިދިޔަ ހަފުތާ ބުރާސްފަތި ދުވަހު ފިޝަރީސް މިނިސްޓްރީން އަކުއާ ބްރިޖް ގްރޫޕާ ހެޗަރީ އެޅުމުގެ މަޝްރޫއު ހަވާލުކުރި ރަސްމިއްޔާތުގެ ތެރެއިން --ފޮޓޯ: ފިޝަރީސް މިނިސްޓްރީ
އަކުއާ ބްރިޖުން ވާހަކަ ދެއްކެވި އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި، އެއްބަސްވުމުގެ ދަށުން ހެޗަރީ އިމާރާތްކޮށް ނިންމަން ޖެހެނީ އެއް އަހަރު ދުވަހުގެ މުއްދަތުގަ އެވެ. އެ ތަން ހިންގުމަށް އެ ކުންފުންޏަށް ދީފައި ވަނީ 20 އަހަރު ދުވަހެވެ.
ހެޗަރީގައި އާލާ ކުރާނީ މައިގަނޑު ގޮތެއްގައި އެމާއި ހުއިފިލަނޑާ އާއި ފާނަ ކަމަށާއި އޭގެ އިތުރުން ވެސް ގިނަ އަދަދެއްގެ މަސްމަހާމެހި އާލާކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އަކުއާ ބްރިޖް ގްރޫޕަކީ އެ ބާވަތުގެ މަސައްކަތްތައް ކުރުމުގައި ދުނިޔޭގައި މަގްބޫލު ކުންފުންޏެކެވެ. "އަކުއަކަލްޗާ" އަދި "ފިޝަރީޒް" ގެ ކަންކަން ހިންގާ ބެލެހެއްޓުމުގެ ތަޖުރިބާ ހުރި އެ ކުންފުނިން މިހާރު ވެސް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އަންނަނީ ބޮޑެތި ހެޗަރީތައް ހިންގަމުންނެވެ.
ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވޯލްޑް ބޭންކުން މިދިޔަ އަންގާރަ ދުވަހު ބޭއްވި ރާއްޖޭގެ ޕޯޓްފޯލިއޯ ހިއްސާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަަވަނީ ---ފޮޓޯ: ނިޝާން އަލީ | މިހާރު
ވޯލްޑް ބޭންކުން މިދިޔަ އަންގާރަ ދުވަހު ބޭއްވި ރާއްޖޭގެ ޕޯޓްފޯލިއޯ ހިއްސާކުރުމުގެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވަނީ މާނާގަލާގެ މަޝްރޫއުގެ މުއްދަތު އިތުރު ކޮށްދިނުމަށް އެ ބޭންކުގައި އެދިވަޑައިގެންފަ އެވެ.
އެ މަޝްރޫއުގެ މުއްދަތު އިތުރުކޮށްދޭން އެދިވަޑައިގަތީ ކޮވިޑްގެ ދުވަސްވަރާ ގުޅިގެން ދިމާވި ދަތިތަކާ ހެދި މަޝްރޫއު ކުރިއަށް ގެންދަން ގޮންޖެހުންތަކަކާ ކުރިމަތިވުމުންނެވެ. އެއީ މި އަހަރުގެ ނިޔަލަށް ނިންމަން ހަވާލު ކޮށްފައިވާ މަޝްރޫއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެރެބިއާ ކެންސަލްޑ ވިތް ވީޓޯ ޕަވަރ
06 November 2022
ޑުބާއީ އައުޓް !
މިލަދުންދެކުނު
06 November 2022
ކަރިންމަ ވައްޓަރޭ ކިޔާ ނ.އަތޮޅުގެ ބޮޑު ފަޅުރަށެއް އޮވޭ އެކޯކަލްޗަރޭ ކިޔާ ދީފަ ރައްޔިތުންނައްވާ ފައިދާއެއް ނުފެނެ.
ދޫނި ކުރަނގި
06 November 2022
ތި ކަހަލަ ހުރިހާ ރަށެއް ދީ ހުސްކުރަނި ތީ ކުރަނގި އަދި އެކިކަހަލަ ދޫނީއަރާ ނިދާ އާލަވަރަށެއް އެއްކޮޅުން ދޫނި ހިމަޔަށް ކުރާނެ އެނަށް ކޮޅުން އެއެޗެހި ނިދާ ބިސްއަޅާ އަރާ ހުރިހާ ރަށެއް ފިނޮޅެވެއްޖެޔާ ކުއްޔާނުނީ ވިއްކާ ހުސްކޮއްލާއިފި.މީ ކުރިޔާށް އޮތް މުސްތަޣް ބޮލަށް ބަލާ އިރު މި އެއްޗެހި ގެ ދިރުންތަށް ނެތިދާނެއް ކަންކަން މީ މަސްވެރިންނައް މީގަ ނުރަނގަޅު އަސަރު ކުރާނެކަން ކަން.ދެރަ
ޙިނި
05 November 2022
މިރާއްޖޭގައި ފުރުސަތު އޮތީ ބޭރުމީހުނައް
ކޮރަލް
05 November 2022
ޓޫރިޒަމް އަށް 99 އަހަރަށް ދޭއިރު މިފަދަ މަސައްކަތް ތަކަށް 50 އަހަރށް ދޭން ރަނގަޅެވެ.
އޮނަރަބްލް އަފީފު ދީދީ
05 November 2022
މަޝްރޫއަށް ތާއީދު. އަދި ތިއީ މުހިންމު ކަމެއްކަމަށްވެސް ޤަބޫލު ކުރަން. އެކަމަކު ބައިނަލްއަޤުވާމީ މާލީ އިދާރާތަކާއި އެކުވެރި ދައުލަތް ތަކުގެ ހިލޭއެހީގެ މިފަދަ މަޝްރޫއުތައް ބޭރުގެ ފަރާތް ތަކާއި ޙަވާލުކުރާއިރު ކަމާއިގުޅޭ ފަންނީ ދިވެހިން ތަމްރީނު ކުރުމުގެ އެއްވެސް ވާހަކައެއް ހިމެނުމެއްނެތި މިފަދަ ކަންކަން ކުރުމުން އަހަރުމެނަށް ދުވަހަކުވެސް ކުރިއެރުމެއް ލިބޭނެ ކަމަކަށް ނުދެކެން. މިސިޔާސަތު ޤާއިމްކޮށް ދިވެހިން ތަމްރީނުވާނެގޮތް ހޯދަންޖެހޭ.
އޮޑިހަނު
06 November 2022
ވ.ރަނގަޅު ވާހަކައެއް. ޓެކްނޮލޮޖީ ޓްރާންސްފާރ އަކީ ދިވެހި ސަރުކާރުތަކުން ދަންނަ އެއްޗެއްނޫން.
ގަމާރު ސަރުކާރު
06 November 2022
ފުރަތަމަ 100 ދުވަސް ތެރޭ މިފަދަ ޓެކްނޮލޮޖީ ޒަމާނެއްގަ ޓެކްނޮލޮޖީ މިނިސްޓްރީ އުވާލާ، ޒުވާން ޓެކްނޮކާފްޓަރުން އުފެއްދުމުގެ ފުރުސަތު ހަނިކޮށް ތިވާވެށި ދަޅަށް އެކަން ލީ ގައުމެއް މިދުނިޔޭން ދައްކަބަލަ! މިސަރުކާރަށް އައިސީޓީ އަކީ ހަމައެކަނި ކޮމްޕިއުޓަރާއި، މައިކްރޯސޮފްޓް. ލޯނު ނަގަނީވެސް އެކަމަށް. ބުއްދިއާ ވިސްނުމާއި އިލްމު ހުރީ ހަމައެކަނި ތިމާވެށިން. އެހެންވީމަ ގައުމީ ސައިންސް އެންޑް ޓެކްނޮލޮޖީ އިންސްޓިޓިއުޓެއް ވެސް އުފައްދަން ނޭނގެނީ.