ބީއެމްއެލްގެ ބެކް އެންޑް މެދުވެރިކޮށް ފްރޯޑްގެ އެއްވެސް އަމަލެއް ނުހިންގޭނެ ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.
ބީއެމްއެލް އެކައުންޓްތައް މެދުވެރިކޮށް އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލައާ ގުޅޭ ގޮތުން އެސްއޯއީ ކޮމިޓީގައި މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ބޭންކުން ބުނީ، ބޭންކް އެކައުންޓް މެދުވެރިކޮށް ގިނަ ފަހަރަށް ފްރޯޑް އަމަލުތައް ހިންގަނީ އެކައުންޓުގެ ވެރިފަރާތުގެ ފޯނުގެ ބައެއް ސެކިއުރިޓީ ކަންކަން ކޮމްޕްރޮމައިޒް ވެގެން ކަމަށެވެ. ގިނަ ފަހަރަށް އެފަދަ އަމަލުތައް ހިންގަނީ ވާޗުއަލްކޮށް އެ މީހެއްގެ ފޯނަށް ވަދެގެން ކަމަށް ބޭންކުން ބުންޏެވެ.
"ބޭންކުގެ ސިސްޓަމް ޕެނިޓްރޭޓް ވެގެން އެއްވެސް މިކަހަލަ ޓްރާންސެކްޝަނެއް ނުހިނގާނެ،" ބޭންކުގެ އޮފިޝަލަކު ވިދާޅުވި އެވެ.
ބޭންކުން ބުނީ، އާންމުގޮތެއްގައި އެކައުންޓްތަކުން ފައިސާ ވަގަށް ނެގުމުގެ މައްސަލަތައް ދިމާވަނީ، މެއިލް ނުވަތަ ފޯނުގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވާތީ ކަމަށެވެ. އެފަދަ ހާލަތްތަކުގައި ވާޗުއަލްކޮށް ފޯނުގެ އެޕްލިކޭޝަން މެދުވެރިކޮށް ބީއެމްއެލް އެކައުންޓުގައި ހުންނަ ފައިސާ ވަގަށް ނަގާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. އެފަދަ ހާލަތްތަކުގައި ބޭންކުން ފެންނަނީ އެ ކަސްޓަމަރަކު އަމިއްލަ އަށް އެ އެކައުންޓް ބޭނުން ކުރާ ކަމަށް ބީއެމްއެލް އިން ބުންޏެވެ. ބީއެމްއެލް އިން ބުނީ، މިފަދަ ހާދިސާތަކުގައި ވެސް ބީއެމްއެލް އަށް ފްރޯޑެއް ކަން ޝައްކުވެގެން އިންޓަނެޓް ބޭންކިން ހިދުމަތް އިން-އެކްޓިވޭޓް ކުރާ ކަމަށެވެ.
ބީއެމްއެލް އިން ބުނީ ފްރޯޑްގެ ބައެއް އަމަލުތައް ހިންގުމުގައި ޑޮލަރުގެ މުއާމަލާތް ކުރުމަށް ކަސްޓަމަރު އަމިއްލަ އަށް ވެސް އެކައުންޓުން ނުދަންނަ ފަރާތްތަކަށް ފައިސާ ޖަމާކޮށްފައި ވެސް އެބަހުރި ކަމަށެވެ.
އެކަމަކު ބޮންޑޭ ވިދާޅުވީ، ރައްޔިތުންގެ ފައިސާ ގެއްލުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި މިކަމުގައި ފިޔަވަޅު އެޅެން ޖެހޭ ކަމަށެވެ.
"އެހެންވީމަ 14 މިލިއަން ގެއްލުނު އިރު ދެ މިލިއަން ރުފިޔާ ހޯދުނު ކަމަށް މިވަނީ. މިކަމުގައި އަޅުގަނޑުމެންނަށް ކޮށްދެވޭނީ ކޮންކަމެއްތޯ؟ އެކަމަކު ތި ފަރާތަކުން ވިދާޅެއް ނުވޭ އަޅުގަނޑުމެންނަށް ކޮށްދެވޭނެ ކަމެއް. މިއީ ގާނޫނު ހަދާ މަޖިލީސް. މި ރާއްޖޭގައި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓާއި ފުލުހުންނާއި ހުރިހާ އެންމެން ވެސް މިތަނަށް ހާޒިރު ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ކޮމިޓީގައި ވަކި ކަސްޓަމަރެއްގެ މައުލޫމާތާ ގުޅޭ ގޮތުން މެންބަރުން ކުރި ސުވާލުުތަކަށް ބީއެމްއެލް އިން ޖަވާބު ދިނީ ކޮމިޓީ ސިއްރު ކޮށްގެންނެވެ. އެހެންވެ، އެ ކޮމެޓީގައި ދެއްކި ވަކިވަކި ކޭސްތަކުގެ މައުލޫމާތެއް ނުލިބެ އެވެ.