މިޔަހެލި ކޭމްޕުގެ ބައެއް ބައިވެރިން. މި ފަހަރުގެ ކޭމްޕުގައި މަދަނީ އެކި ޖައްމިއްޔާތަކުން ބައިވެރިވި. -- ފޮޓޯ: އުރީދޫ
24 ނޮވެމްބަރ 2022 - 12:55
އޮސްޓްރޭލިއާ ސަރުކަރުގެ އެހީގައި އުރީދު އާއި ޔޫއެންޑީޕީއާ ގުޅިގެން ކުރިއަށް ގެންދިޔަ ސޯޝަލް އިނޮވޭޓިވް ކޭމްޕު، "މިޔަހެލި" ނިންމާލައިފި އެވެ.
އެ ކޭމްޕަކީ މަދަނީ ޖައްމިއްޔާތަކަށް ހުޅުވާލައިގެން، ރާއްޖޭގައި ހުރި އިޖުތިމާއީ މައްސަލަތަކަށް އީޖާދީ ހައްލުތަކެއް ހޯދުމަށް ކުރިއަށް ގެންދިޔަ ކޭމްޕެކެވެ. މި ފަހަރުގެ ކޭމްޕުގައި މަޝްވަރާކޮށް ހިޔާލު ހުށަހަޅާފައިވަނީ، މީހުންނާއި ވެށީގެ ކުރިއެރުމާއި ތަރައްގީ އަށް ކުރެވިދާނެ ކަންތައްތަކެކެވެ.
މިޔަހެލި ޕްރޮގްރާމުގައި، މުޖުތަމައު އާއި ތިމާވެށީގެ މައްސަލަތަކަށް ސައިންސްގެ އެހީގައި ލިބެން ހުރި ހައްލުތަކާއި، އެންމެންގެ ބައިވެރިވުން ހިމެނޭ މުޖުތަމައުއެއް ބިނާ ކުރުމާއި، ހަމަހަމަ ފުރުސަތުތަކެއް ގާއިމު ކުރުމާއި ބެހޭ ގޮތުން ވެސް މަޝްވަރާކޮށް، ބައިވެރިންގެ ގިނަ ހިޔާލުތަކެއް ވަނީ ހުށަހަޅައިފަ އެވެ.
މުހިންމު ގިނަ ހިޔާލުތަކެއް ކޭމްޕުގެ ބައިވެރިން ހުށަހަޅާފައިވޭ. -- ފޮޓޯ: އުރީދޫ
މި އަހަރުގެ ކޭމްޕުގެ ތީމަށް 12 ޕްރޮޕޯޒަލެއް ހުށަހަޅާފައި ވާއިރު، ޖަޖުންގެ މާކުހުން އެއް ވަނަ ލިބުނީ އައިކޮންސް އެސޯސިއޭޝަނުގެ ޕްރޮޕޯސަލަށެވެ. ދެ ވަނަ ލިބުނީ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕަޔާޑް މޯލްޑިވްސްގެ ޕްރޮޕޯސަލަށެވެ. އަދި ތިން ވަނަ ލިބުނީ މޯލްޑިވްސް ކޮންޒަވޭޝަން ސޮސައިޓީ އަށެވެ.
އެ ކޭމްޕުގެ ވަނަތަކަށް ދިޔަ މަދަނީ ޖައްމިޔާތަކަށް އިނޮވޭޓިިވް ސޯޝަލް ޕްރޮޖެކްޓުތައް ހިންގުމަށް އެހީ ލިބޭނެ އެވެ.
މިޔަހެލި ކޭމްޕުގައި އެކި މައްސަލަތަކަށް ޒަމާނީ ގިނަ ހައްލުތަކެއް ވަނީ މަޝްވަރާ ކޮށްފަ. -- ފޮޓޯ: އުރީދޫ
އެ ކޭމްޕު ނިމުމުގެ ރަސްމިއްޔާތުގައި އުރީދޫގެ ޑިރެކްޓާ ހިއުމަން ރިސޯސް، ފަޒްނާ މަންސޫރު ވިދާޅުވީ ސަސްޓެއިނަބަލް ރަނގަޅު ބަދަލުތަކެއް ފެންނާނެ ގިނަ ހިޔާލުތަކެއް ލިބިނު ޕްލެޓްފޯމެއް ހޯދައިދިނުމަކީ އުފާކުރާ ކަމެއް ކަމަށެވެ. އަދި މި ފަހަރުގެ ކޭމްޕަކީ މަދަނީ ޖައްމިއްޔާތަކަށް ހުޅުވާލި ފުރަތަމަ ކޭމްޕުކަން ފާހަގަކުރައްވައި، ރަނގަޅު ހިޔާލުތަކެއް އެ ކޭމްޕުން ލިބުނު ކަމަށް ވެސް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ޔޫއެންޑީޕީގެ ޑެޕިއުޓީ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ވީރާ ހަކީމް ވިދާޅުވީ އެ ކޭމްޕުން އިޖާދީ ރަނގަޅު ހައްލުތަކެއް ހޯދުމަށް މަދަނީ ޖައްމިއްޔާތަކަށް އިންކްލޫސިވް މާހައުލެއް ހޯދައިދެވުނު ކަމަށެވެ.
މި އަހަރުގެ މިޔަހެލި ކެމްޕަކީ މަދަނީ ޖައްމިއްޔާތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ފުރަތަމަ ކޭމްޕެވެ. އެ ކޭމްޕުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މަދަނީ ޖައްމިއްޔާތަކުން ވަނީ ބައިވެރިވެފަ އެވެ. އެ ކޭމްޕަކީ 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ކޭމްޕެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy