ރާއްޖޭގެ މައި އެއާޕޯޓުން ދޭ ކާގޯ ހޭންޑްލިންގެ ހިދުމަތް އޮޓޮމޭޓް ކުރަން ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އޮޓޮމޭޓެޑް ކާގޯ ހޭންޑްލިން ސިސްޓަމެއް ކަމަށްވާ ކޯސިސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ގާއިމްކުރުުމުގެ އެއްބަސްވުމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ސިންގަޕޫރުގެ ސެޓްސް ކުންފުނިން ވަނީ ސޮއިކޮށްފަ އެވެ.

އެމްއޭސީއެލްގެ މައި އޮފީހުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި، އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އާއި ސެޓްސްގެ ވައިސް ޕްރެޒިޑެންޓް އޮފް ގޭޓްވޭ ސަޕޯޓް އެންޑް ޕްރޮޖެކްޓްސް ހައޮ ހޮކް އިންގެވެ.

ކޯސިސް ބެހެއްޓުމުގެ އެއްބަސްވުމުގައި މިދިޔަ ބުރާސްފަތި ދުވަހު ސޮއިކުރެއްވުމަށް ފަހު، އާދިލް (ވ) އާއި ހައޮ ހޮކް އިންގް ހަދިޔާ ބަދަލުކުރައްވަނީ.-- ފޮޓޯ: އެމްއޭސީއެލް
ކޯސިސް ބެހެއްޓުމުގެ އެއްބަސްވުމުގައި މިދިޔަ ބުރާސްފަތި ދުވަހު ސޮއިކުރެއްވުމަށް ފަހު، އާދިލް (ވ) އާއި ހައޮ ހޮކް އިންގް ހަދިޔާ ބަދަލުކުރައްވަނީ.-- ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލް އިން ބުނި ގޮތުގައި އެއާލައިންތަކާއި ކަސްޓަމާ ގުޅާލެވޭ ގޮތަށް ފަރުމާކޮށްފައިވާ ކޯސިސް ސިސްޓަމް މެދުވެރިކޮށް ކާގޯ ހޭންޑްލިންގެ މަސައްކަތް މިހާރަށް ވުރެ އަވަހަަށް ކުރެވޭނެ އެވެ. އެ ގޮތުން، ވައިގެ މަގުން ރާއްޖެ އެތެރެކޮށް އަދި ބޭރުކުރާ މުދާ ވަގުތުން ވަގުތަށް ޓްރެކް ކުރެވުމާއި އެ ތަކެއްޗާ ބެހޭ މައުލޫމާތު ރައްކާކުރުމުގެ އިތުރަށް، ކާގޯ ކްލިއާ ކުރުމުގެ ހުރިހާ ކަމެއް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

"ކޯސިސްގެ ޒަރީއާ އިން، ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ކާގޯ ހޭންޑްލިންގެ މަސައްކަތް ކުރެވުމާ އެކު، އޮންލައިންކޮށް އެއާވޭ ބިލުގެ ކަންކަން ބެލެހެއްޓޭނެ އެވެ،" އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައިވެ އެވެ.

ކޯސިސް ސިސްޓަމް އުފައްދަނީ ސިންގަޕޫރުގެ ޗަންގީ އެއާޕޯޓުގެ ހިދުމަތްތައް ބަލަހައްޓާ އަދި ރާއްޖޭގެ އިންފްލައިޓް ކޭޓަރިން ކުންފުނީގައި ވެސް ހިއްސާ އޮންނަ ސެޓްސް ކުންފުންޏާއި އިންޑިއާގެ އެންއައިއައިޓީ ޓެކްނޮލޮޖީސް ގުޅިގެންނެވެ. މި ސިސްޓަމް އޭޝިއާ އާއި ދެކުނު އެމެރިކާގެ 16 އެއާޕޯޓެއްގައި ބޭނުންކުރެ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މައި އެއާޕޯޓުން ކޮންމެ ކުއާޓަރަކު ބައި ލައްކައެއްހާ ގުޑްސް ޑެކްލެރޭޝަން ހަދަ އެވެ.