ބޮލީވުޑްގެ ފިލްމުތަކާއި ލަވަތައް ހިމެނޭ އެންމެ ބޮޑު ކަލެކްޝަން، އިރޮސް ނައު އުރީދޫން މިއަދު ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.

އުރީދޫން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އިންޑިއާގެ އިރޮސްއާ ގުޅިގެން ރާއްޖެ އަށް ތައާރަފް ކުރި އިރޮސް ނައު ކޮންޓެންޓް ޕްލެޓްފޯމް މެދުވެރިކޮށް، ބޮލީވުޑްގެ ފިލްމުތަކުގެ އިތުރަށް، އިންޑިއާގެ ވީޑިއޯ އަދި އޯޑިއޯ ކޮންޓެންޓް ބަލައިލެވޭނެ އެވެ. މި ޕްލެޓްފޯމަށް، ކޮމްޕިއުޓަރާއި ފޯނާއި ޓެބްލެޓް ފަދަ އިންޓަނެޓް ޑިވައިސްތަކުން ވަދެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ވަނީ އިރޮސް ނައު ބޭނުން ކުރަން ތިން ޕެކޭޖެއް ތައާރަފްކޮށްފަ އެވެ. އެއީ ދުވާލަކު ދެ ރުފިޔާ އަށް ލިބޭ "އިރޮސް ނައު - ޑެއިލީ" ޕެކޭޖާއި ހަފުތާ އަކު 15 ރުފިޔާ އަށް ލިބޭ "އިރޮސް ނައު - ވީކްލީ" ޕެކޭޖާއި މަހަކު 60 ރުފިޔާ އަށް ލިބޭ "އިރޮސް ނައު - މަންތުލީ" ޕެކޭޖެވެ. މި ޕެކޭޖުތަަކަށް، re.do/ErosNOW އިން ސަބްސްކްރައިބް ކުރެވޭނެ އެވެ.

އިރޮސް ނައުގެ އެޑެޕްޓިވް ސްޓްރީމިން ފީޗާ މެދުވެރިކޮށް، އުރީދޫގެ ނެޓްވޯކުގައި ބޮލީވުޑްގެ ފިލްމުތަކާއި ޓީވީ ސީރީސްތަކާއި އެހެން ވީޑިއޯ އަދި އޯޑިއޯ ކޮންޓެންޓް އެއްވެސް އިޝްތިހާރެއް ނުވަތަ މެދުކެނޑުމަކާ ނުލައި ތަޖުރިބާކޮށްލެވޭނެ އެވެ. އަދި ކޮންޓެންޓް ޑައުންލޯޑްކޮށްގެން، އޮފްލައިންކޮށް ވެސް ބަލައިލުމުގެ ފުރުސަތު މި ޕްލެޓްފޯމުން ލިބިގެން ދެ އެވެ.

އުރީދޫން ވަނީ އިންޑިއާގެ އެންމެ ބޮޑު ޑިޖިޓަލް އެންޓަޓެއިންމެންޓް ކުންފުނި ކަމަށްވާ ހަންގާމާއާ ގުޅިގެން، އެ ކުންފުނީގެ މަގުބޫލް މިއުޒިކް އެޕް، ހަންގާމާ މިއުޒިކް ޕްރޯ ވެސް މީގެ ކުރިން ރާއްޖެ އަށް ތައާރަފްކޮށްފަ އެވެ. މި އެޕް މެދުވެރިކޮށް، ބޮލީވުޑާއި ބައިނަލްއަގުވާމީ ޗާޓުތަކުން ހޮވާލެވިފައިވާ 3.5 މިލިއަނަށް ވުރެ ގިނަ ލަވަ ހައި ކޮލިޓީކޮށް އަޑުއަހައި އެ ލަވަތައް ޑައުންލޯޑް ކުރެވެ އެވެ.

އުރީދޫން މިއަދު ބުނީ ކުރިއަށް އޮތް ތަނުގައި ވެސް މި ފަދަ ބައިނަލްއަގުވާމީ ޑިޖިޓަލް ކޮންޓެންޓް ރާއްޖެ އަށް ތައާރަފް ކުރާނެ ކަމަށެވެ.