އެއާޕޯޓުގެ އާ ރަންވޭގެ އަމަލީ މަސައްކަތް ހޯމަދުވަހު ފަށަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގެ އަމަލީ މަސައްކަތް އަންނަ ހޯމަދުވަހު ފަށާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.


"މިހާރު"އާ ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އާ ރަންވޭ އަޅާ ސަރަހައްދު ހިއްކުމުގެ މަސައްކަތް މިހާރު ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށެވެ. އަދި މި މަސް ނިމެންވާއިރަށް، ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމައިލެވޭނެ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އަންނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ރަންވޭގެ އަމަލީ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް. މިހާރު ކުރިއަށް ދަނީ އެ މަސައްކަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް،" އޭނާ ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ ހެދުމަށް ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖުލައި 25 ވަނަ ދުވަހު އެވެ.

އެއާޕޯޓް ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން އަޅާ ރަންވޭގެ ބިން ހިއްކުމުގެ އިތުރުން ފިއުލް ފާމަކާއި ކާގޯ ފެސިލީޓީއެއް ހަދަން ބޭނުންވާ ބިން ވެސް މި ޕްރޮޖެކްޓްގެ ދަށުން ހިއްކަ އެވެ.

އެއާޕޯޓްގެ ދެވަނަ ރަންވޭ ތަރައްގީ ކުރުމުގެ 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) ގެ މަޝްރޫއުގެ ދަށުން ހަދަނީ 3،400 މީޓަރު ދިގު 60 މީޓަރު ފުޅާ ރަންވޭއެކެވެ. އަދި 120،000 ޓަނުގެ ކާގޯ ޓާމިނަލަކާއި 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލްފާމެއް ހެދުން ވެސް ހިމެނެ އެވެ. އާ ރަންވޭ އަޅަން ހަވާލުކޮށްފައިވާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)ން ބިން ހިއްކަން ފެށީ އެއް ޑްރެޖަރުންނެވެ. އަދި އެ ޕްރޮޖެކްޓަށް ފަހުން އިތުރު ދެ ޑްރެޖަރު ގެނެސް އެއް ފަހަރާ ތިން ޑްރެޖަރުން ދަނީ ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.