ރާއްޖޭގެ ރިސޯޓެއް. ޓޫރިޒަމަށް ރަށްތައް ތަރައްގީ ކުރުމަށް 31 ޕްރޮޖެކްޓެއް ވަނީ ހުޅުވާލާފައި. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
29 ޖޫން 2025 - 18:50
ރާއްޖޭގައި މިހާތަނަށް ޓޫރިޒަމް ފުޅާނުވެ އޮތް އަތޮޅުތަކުގައި އެ ދާއިރާ ތަރައްގީކުރަން ވަރަށް ބޮޑެތި ލުއިތަކާ އެކު 31 މަޝްރޫއުއެއް ހިންގަން ޓޫރިޒަމް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިފަހަރު މަޝްރޫއުތައް ހިންގަން އިއުލާންކޮށްފައި ވަނީ، ހއ، ހދ، ށ، ތ، ލ އަދި އައްޑު އަތޮޅުގަ އެވެ.
އެ ރަށްތަކުގެ އަގުތައް ވެސް ވަނީ މީގެކުރިން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ގާތްގަނޑަކަށް 30-70 ޕަސެންޓު ހެޔޮކޮށްފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އޯޕަން ބިޑިން އުސޫލުންނާއި ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ރަށްތަކާއި ފަޅުތަކާއި ބިމުގެ ކުއްޔާ ބެހޭ ގަވައިދުގެ ދަށުން އެތަންތަނުގެ ލީޒް އެކުޒިޝަންގެ ހެކްޓަރަކަށް ކަނޑައަޅާފައިވާ ރޭޓުތައް ކުޑަކޮށްފައިވާ ކަމަށެވެ.
ކްލޯޒް ބިޑިންގެ ދަށުން ވެސް ރަށްތަކުގެ އަގުތަކަށް ބޮޑެތި ލުއިތަކެއް ވަނީ ކަނޑައަޅައިފަ އެވެ.
- ތ އަތޮޅުގެ ރަށްރަށަށް ލޮކޭޝަން ޕްރެމިއަމް އުނިކުރުން.
- ހއ، ހދ ،ށ، ތ އަދި އައްޑު އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރީމިއަމް އުނިކުރުން.
- ލ އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރެމިއަމް 150،000 އެމެރިކާ ޑޮލަރުން 100،000 އެމެރިކާ ޑޮލަރަށް ކުޑަކުރުން.
- ހއ، ހދ، ށ ތ އަދި ލ އަތޮޅުގެ ފަޅުތަކުގެ ޕްރީމިއަމް 30 ޕަސެންޓު ކުޑަކުރުން.
ރަށްތަކުގެ ޕްރީމިއަމް އަކީ، އެކުއިޒިޝަން ކޮސްޓް ހިސާބުކުރާ އިރު ހިމަނާ އަގެކެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، ކްރޮސް ސަބްސިޑީ އުސޫލުން ރަށްތަކާއި ފަޅުތައް ދޫކުރާ އިރު 20–40 ހެކްޓަރުގެ ރަށްތަކަށް ދީފައިވާ ސައިޒް ޕްރެމިއަމްތައް އުނިކޮށްފައިވާ ކަމަށެވެ. އަދި ހަ އަތޮޅުގެ 40 ހެކްޓަރަށްވުރެ ބޮޑެތި ރަށްތަކަށް ދީފައިވާ ސައިޒް ޕްރިމިއަމްތައް ދެ މިލިއަން ޑޮލަރުން އެއް މިލިއަން ޑޮލަރަށް ކުޑަކޮށްފައިވާ ކަމަށެވެ.
އޯޕަން ބިޑިން އުސޫލުން އަދި ކްރޮސް ސަބްސިޑީ އުސޫލުން ކުއްޔަށް ދޫކުރާ ތަންތަން ތަރައްގީކުރަން ދޭ ގްރޭސް ޕީރިއަޑް ހަމަވުމުގެ ކުރިން ތަން ތަރައްގީކޮށް ހުޅުވައިފި ނަމަ، އެ މުއްދަތުގައި ދައްކަން ޖެހޭ ކުލި ފަސްކޮށްދޭނެ އެވެ. އަދި ކުއްޔަށް ދޫކުރާ ތަންތަނުގެ ޑިއުޓީ މައާފް ކުރެވޭ އިންސަންތަ ވެސް 15 ޕަސެންޓަށް ވަނީ އިތުރުކޮށްފަ އެވެ.
އޭގެ ތެރޭގައި ރަށްތައް އަދި ފަޅުތައް ތަރައްގީ ކުރުމަށް ފަހު ގެންނަ ފަރުނީޗަރާއި، ކިޗަން އެޕްލައިންސް، އިކުއިޕްމަންޓް، އިލެކްޓްރޯނިކް އަދި އެމިނިޓީސް އިން ޑިއުޓީ މައާފްވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އޯޕަން ބިޑިންއަށް ހުޅުވާލާ ރަށްތަކާއި ފަޅުތަކުގެ ލީޒް އެކުއިޒިޝަން ބަހާލައިގެން ދެއްކޭނެ ކަމަށެވެ. އެ ލުއިތަކާ އެކު ޓޫރިޒަމް ތަރައްގީ ކުރަން ހުޅުވާލި އަތޮޅުތަކުގައި ޓޫރިޒަމް ފުޅާވެ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ކްލޯޒް ބިޑިންގެ އުސޫލުން ހއ އަތޮޅުން 2 ޕްރޮޖެކްޓް، ހދ އަތޮޅުން 5 ޕްރޮޖެކްޓް، ތ އަތޮޅުން 3 ޕްރޮޖެކްޓް، ލ އަތޮޅުން 2 ޕްރޮޖެކްޓް ހުޅުވާލާފައިވެ އެވެ. އަދި އޯޕަން ބިޑިންގެ އުސޫލުން ހއ އަތޮޅުން 3 ޕްރޮޖެކްޓް، ހދ އަތޮޅުން 5 ޕްރޮޖެކްޓް، ށ އަތޮޅުން 3 ޕްރޮޖެކްޓް، ތ އަތޮޅުން 2 ޕްރޮޖެކްޓް، ލ އަތޮޅުން 1 ޕްރޮޖެކްޓް ހުޅުވާލައިފައިވެ އެވެ.
އޯޕަން ބިޑިންގެ އުސޫލުން ދޫކުރާ ރަށްތަކުގެ އަގުތައް އުޅެނީ 1.5 މިލިއަން ޑޮލަރާއި 2.1 މިލިއަން ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ.
އޯޕަން ބިޑިން، ކްލޯޒް ބިޑިން އަދި ކްރޮސް ސަބްސިޑީ އުސޫލުން ޓޫރިޒަމަށް ރަށްތަކާއި ފަޅުތައް ތަރައްގީ ކުރަން ހުޅުވާލި އިރު، އެ މިނިސްޓްރީން ވަނީ ހަލާލު ޓޫރިޒަމްގެ ގޮތުގައި ފަސް ރަށެއް ނުވަތަ ފަޅެއް ތަރައްގީ ކުރަން ވެސް ހުޅުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރާސަރު
30 June 2025
ގޮތް ހުސްވީތޯ.؟؟؟ އެމްޑީޕީން ޅާރިހުސްވީމާވެސް ކުރީ ތިކަންތައް. ނަތީޖާއަކީ އިންވެސްޓަރުން ނުލިބުން. ރައްތައް ތިޔަކުރަނީ ކުރިޔަށްވުރެވެސް އިތުރު. ފްރީ ކުރި މިންވަރުބެސް މިވަނީ ބޮޑު. އިޤްތިޞާދު ފަހަތަށް. ކީހާޅެން ފަރިއްސައްވެ ނިމިއްޖެ. މސްކުޅިން ބުނެއުޅޭ މަލާމާތެއް ކުރިއްޔާ އެމަލާމާތެއް މަލާމާތް ކުރިމީހަކަށް ޖައްސަވާނޭ. ދިވެހި ވެރިކަމުގައި ވަރަށް ރީތިކޮށް އެކަން އެބަފެނޭ. މައުމޫނު ކުރިމަލާމާތް މައުމޫނުދެކެފި. އަންނިކުރިމަލާމާތް އޭނާދެކެފި. ދެންވެސް
ވަތަނީ
30 June 2025
އާމްދަނީ ހޯދޭނެ އިތުރުގޮތެއް ނެތިގެން އަވަސް ލާރިކޮޅެއްގެ ބޭނުމުގައި ރަށްތައް ސޭލް އަޅުވާލީ ދޯ! މީ ހަލާލް ޓޫރިޒަމް އަދި ޑިސްކައުންޓެޑް އައިލެންޑްސް މިއީ ޑައިވާރސިފިކޭޝަންގެ އާ ވައްތަރެއް. ޕީއެންސީގެ ވަޒީފާއަށްޓަކައި އަތްޖަހާނެތާ!
ކާނި އަބްދުﷲ
30 June 2025
ކަންކަން ކުރަން އިނގޭ މީހުން އައިސް ކަންކަން ހަމަޔަކަށް އަޅުވާ ގައުމުގެ އިގްތިސާދަށް އާރޯކަން މިގެންނަނީ. ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ދެކެން
ހަމްދާން އިދުރީސް
30 June 2025
ވަރަށް ރަނގަޅު ބަދަލެއް ކަމަށް ދެކެން. މީގެ ސަބަބުން ހަމަ ޔަގީނުންވެސް ޓޫރިޒަމް އިތުރަށް ފުޅާވެގެން ދާނެ
ކޮލަމާހުއްޓާ
30 June 2025
ގަންނާނެބާ...ގަންނާނެބާ...ގަންނާނެބާ....ގަންނާނެބާ....
ޓްރަލަލާ
30 June 2025
މިފަހަރު ކިތައް މަހުޖަނުން އުފެދުނުބާ ސަރުކާރު ހިންގާ ޕާޓީގެ ތެރެއިން؟ ކޮންމެ ސަރުކާރަކުން ކުރާ ކަމަކީ އަމިއްލަ މުދާހެން ގައުމުގެ ރިސޯސް ބެހުން!
ތެފައާސާ.
30 June 2025
ހަގީގީ ބޮޑު ސޭލް އަޅުވައިގެން ނުއަގުގައި ދޫކޮށްލައިގެންވިޔަސް ފައިސާފޮއްޗެއް ލިބޭތޯ ސަރުކާރުން މި ކުރައްވާ މަސައްކަތައް އައްސަރިބަހާއި ސާބަސް ރައްދުކުރަން. އަދި މިގޮތަށްވިޔަސް ލިބޭ ފައިސާފޮއްޗެއް ހޭދަކުރަންވާނީ އިތުރު ސިޔާސީ މަގާމުތަކަށް އައްޔަންކުރައްވާ ބޭކަލުންގެ މުސާރައަށް ކަމުގައިވެސް ދަންނަވަން!!
ދޮންކަރާ
30 June 2025
މިސަރުކާރުންވެސް ރީލޯޑް ކޮށްލީ ދޯ؟ ތީކީ އެއްގޮތަކަށްވެސް ޓޫރިޒަމް ކުރިއަރުވަން ކުރާކަމެއްނޫން. ތީ ނުހައްގުން މުއްސަނދިވާން މައުމޫނުއިރުންސުރެ ގެންގުޅޭ ފޯމިއުލާއެއް. ރަށްލިބެނީ ސަރުކާރުގެ ބައިވެރިއަކަށް. އޭނަ ތިތަބަކަށް ލައިގެން އިންވެސްޓަރުން ހޯދަން ހިނގާނީ. ވިއްކާލީމައި ލިބޭއެތިން ކިކްބެކް އެހޯދަ ދިން މީހާއަށް. ރަށްއޮންނާނީ ނުހެދި. އިޚްލާސްތެރިކަމެއް ހުރިއްޔާ ނުހެދިހުރި 156 ރަށް ހެދޭނެގޮތެއް ހޯދާނެ. ނުއަގުގައި ތިރަށްތައްވިއްކާލުމަކީ ވައްކަމެއް.
ގފަ
30 June 2025
ލައްކަ ލާރި ޖީބަށް ވަންނާނެ.
ހޯޕީ
30 June 2025
ހުސްކުރާ ސޭލެއް ތަ؟