08 ޖުލައި 2025 - 14:06
މޫދުގައި ހިނގި އެކި ހާދިސާތަކުގައި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭ 112 ޓޫރިސްޓަކު މަރުވެފައިވާ ކަން ރައްޔިތުންގެ މަޖިލީހުގައި ފުލުހުން އާއްމުކުރި ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.
ޗުއްޓީއަށް ރާއްޖެ އަންނަ ޓޫރިސްޓުން މޫދުގައި މަރުވާ މައްސަލަ މަޖިލީހުގެ ގަވައިދުގެ ކޮމިޓީގައި ފެންމަތިކުރީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
އޭނާ ވިދާޅުވީ ފުލުހުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު، ފަސް އަހަރުގެ ތެރޭގައި އެހާ ގިނަ އަދަދެއްގެ ޓޫރިސްޓުން މަރުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. މިއީ ހައްލު ހޯދަން ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
މިފަދަ މައްސަލަތައް އެހާ ބޮޑަށް އިތުރުވި އިރު ވެސް މިކަމާ ގުޅޭ ގަވާއިދެއް ވޭތުވެދިޔަ ފަސް އަަހަރުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީއަށް އެކުލަވާނުލެވި އޮތް ކަމަށް ވިދާޅުވެ ކަންބޮޑުވުންފާޅުކުރެއްވި އެވެ.
"މިހާ ބޮޑު ޑިލޭތަކެއް އުޅުމަކީ، ހަމަ ސީރިއަސް ކޮންސާނެއް. މިހާ ހައްސާސް ކަމެއްގައި ގައުމަށް ހަމައެކަނި ބޭރު ފައިސާ ވަންނަ ގޮތް އެއީ ޓޫރިޒަމަކީ. އެހެންވީމަ ހަތަރު އަހަރު ފަސް އަހަރު ސާކިއުލާއެއް ނެރެގެން ހިފަހައްޓާ ލެވޭ ވަރަށް ވުރެ މިއީ އެއަށް ވުރެ މުހިއްމު ކަމަކަށްވާތީ ތިބޭފުޅުންނާ މިވާހަކަ މި ދެކެވެނީ،" ކުޑޫ ވިދާޅުވި އެވެ.
ފުލުހުން އާއްމުކުރި ވޭތުވެދިޔަ ފަސް އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މޫދުގެ އެކި ހާދިސާތަކާ ގުޅިގެން މަރުވާ ޓޫރިސްޓުންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް ވަނީ އިތުރުވެފަ އެވެ. އެންމެ ގިނަ ޓޫރިސްޓުން މަރުވީ ގެނބިގެންނެވެ.
ފުލުހުން ބުނީ މިދިޔަ އަހަރު އެކަނި ވެސް ގެނބިގެން 20 އަށް ވުރެ ގިނަ ޓޫރިސްޓުން މަރުވި ކަމަށެވެ. ވޭތުވެދިޔަ ފަސް އަހަރަށް ބަލާއިރު ގެނބުނު ޓޫރިސްޓުންގެ އަދަދު 68 އަށް އަރަ އެވެ. ޑައިވިނާއި ސްނޯކްލިން އަށް ގޮސް އުޅެނިކޮށް 42 ޓޫރިސްޓަކު ވަނީ މަރުވެފަ އެވެ. އަދި ސްނޯކްލިން އާއި ޑައިވިންގައި އުޅެނިކޮށް، އުޅަނދެއްގައި ޖެހިގެން އެކަކު މަރުވެ، ނުވަ މީހަކަށް ވަނީ އަނިޔާވެފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނިޔާޒް ވިދާޅުވީ، އެކްސްކާޝަންތަކަށް ދިއުމާއި މޫދު ހަރަކާތްތަކުގައި އުޅުމުގައި އަމަލުކުރާނެ ގަވައިދެއް ހަދަމުން އަންނަ އިރު މިދިޔަ އަހަރު އެކަމާ ގުޅޭ އެޑްވައިޒަރީއެއް ވެސް އެ މިނިސްޓްރީން ނެރެފައިވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އައިޝަތު އަލީ ވިދާޅުވީ މިންގަނޑުތަކެއް ހެދެންދެން ވެސް އެކަމަށް ހައްލު ހޯދަން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިންގަނޑުތަކެއް ހެދީ ގަވައިދެއް ހެދެންދެން ވަގުތުން ވަގުތަށް ވެސް ވަކި ޕްރޮޓޮކޯލްތަކެއް ފޮލޯކުރުމަށް،" އޭނާ ވިދާޅުވި އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި އެފަދަ ހާދިސާތައް ނުހިނގާނެ ގޮތަކަށް އާ ގަވާއިދުގެ ތެރެއިން ކަންކަން ކުރުމަށް ހިދުމަތްދޭ ފަރާތްތަކަށް މަޖުބޫރު ކުރުވައި، ޒިންމާދާރު ކުރެވޭނެ ގޮޮތްތައް ހަމަޖެހިގެންދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާސިމް
09 July 2025
މަޓީ ބަލަނީ 500 ޑޮލަރ މާރުނުކޮއް ވޭތޯ. ޓުއަރިޒަމްގެ އުސޫލްތަށް ހަރުދަނާކޮއް ރައްކާތެރިކަން އިތުރުކުރާކާށް މަސައްކަތެއްނިކުރެ. ބްލެކްގަ ޑޮލަރުވިއްކަން މިވެރިން އުޅެނީ.
އަހުމަދޭ
09 July 2025
ކޮންމެ މަހަކު ގާތްގަނޑަކަށް 2 މީހުން. މިއީ މިހާރަށްވުރެ ސީރިއަސްކޮށް ބަލައި ފިޔަވަޅު އަޅަންޖެހޭކަމެއް.
ޑރ. ރާމީ ޙަސަން (ޕީ.އެން.އެފް)
09 July 2025
ތޯރިޤް އުޅުއްވަނީ 5 މިލިއަން ގަސް އިންދުމުގަ. ދެ މިނިސްޓްރީ އެއް ކުރުން ގޯސް! 5 މިލިއަން ގަސް އިންދާނީ ގަސް އިންދުމާއި ބެހޭ އެގްރިކަލްޗަރ މިނިސްޓްރީ އިން!
ބަޑިތަކުރު
09 July 2025
ތަޖްރިބާނެތް ބަޔަކު ނުވަތަ ފަތަން ނޭނގޭ ބަޔަކު އެއްވެސް ޒިންމާއެއްނަގާނެ ބަޔަކު ނެތި އަމިއްލައަށް ހަދާނެ އެއްޗެއްހަދަން ދޫކޮށްލީމާ އަދި ތިޔަށްވުރެވެސް މަރުވާ މީހުންނާއި ގެއްލުންވާ މީހުން ގިނަވެދާނެއެވެ. މިވަރުންވެސް އެހާބޮޑެތި އަގުތަކުގައި ދެވޭ ޚިދްމަތްތަކުގެ ފެންވަރު ބަލައި އިޞްލާޙުކުރަން ކުރެވޭކަމެއް ނުފެންނަނީ ކީއްވެބާވައެވެ.
އަލީ ބިން ޒައިދު
08 July 2025
އަހަރަކަށް 22 މީހުން. ދެރަ ކަން ކަންކަން.
ތަފާސް ހިސާބު
09 July 2025
އެއީ ޓުއަރިސްޓުން އައި ޢަދަދުން ބަލަންޏާ 0.001 އިންސައްތަ، އެގޮތަށް ބެލީމާ ވަރަށް ކުޑަ އަދަދެއް، އެވެސް މަދު ކުރެވޭނެ
ކޮވިޑުބާ
08 July 2025
ކޮވިޑަށް ވުރެ ގޯސް
ދެރަ
09 July 2025
ކޮވިޑު ވެކްސިނަށްވުރެ ގޯސް
ޢެޑްމުންޑޯ
08 July 2025
ކުޑަ އަދަދެއްނޫން ، ހިތާމަހުރި ، ގައުމު ބޮއްސުންލީމާ އެއްވެސް ކަމެއްރަގަޅަށް ނުބެލެހެއްޓޭނެ ،
އ
08 July 2025
ވަރައް ބޮޑެތި އިހުމާލު އޮވެގެން 16 ދުވަހުން މަރެއް... މީތި ކަޑައެއްނުންތަ?
ކޮރަލް
08 July 2025
ތިޔަ ވާހަކަ ސަރުކާރަކަށް އަދި ރިސޯޓް ތަކަށް ވެސް މުހިއްމެއް ނުވެ އެވެ. މުހިއްމު ވާނަމަ ހާދިސާ ތައް ދިރާސާ ކޮށް ކަންކަން ރަނގަޅު ކުރަން ފިޔަވަޅު ތަކެއް އަޅާނެ އެވެ. ކޮންމެ ކަމެއްވެސް މީޑިޔާގަ ނުލިޔަނީސް ރަނގަޅު ކުރާކަށް ނޫޅެ އެވެ.
ޑޮކްޓާރ. ބަނާނާ
08 July 2025
ބިދޭސީ މީހާބޯޓުން ފުންމާލާ ގޮތަށް ޓީޝާޓް ލައިގެން ސެކިއުރިޓީ / ޓެކްނިޝަން ވަޒީފާ ގައި އުޅެނީ. ލިޔަން ކިޔަން ނޭގޭއިރު ވާހަކަ ދައްކަންވެސް ނޭގޭ. ކީއްވެތޯ ސަރުކާރު އެކަމަކާއި ގުޅޭ މިނިސްޓްރީއިން ޓެސްޓު ހައްދާ ސެޓްފިކެޓް/ ތައުލީމީ ފެންވަރުބަލާ މިބާވަތުގެ ވަޒީފާ ތަކަށް ލައިސަންސް ދޫނުކުރަނީ. ޢެއްވެސް ހުއްދައެއްނެތި ކިތަށް ބިދޭސީންތޯ މިފަދަމަސައްކަތް އެ ކުރަނީ. ޒިއްމާވާނެ ފަރާތެއް ނެތް!!!