ބީޑީސީން ދެމުން އައި ހިދުމަތްތައް އަދިވެސް ހިލޭ ދޭނެ: އިކޮނޮމިކް މިނިސްޓްރީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގެ ނަމުގައި ސަރުކާރުން ކުންފުންޏެއް އުފެއްދި ނަމަވެސް ބިޒްނަސް ޑިވެލޮޕްމަންޓް ސެންޓަރު (ބީޑީސީ) ތަކުން ދެމުން އައި ހިދުމަތްތައް އަދިވެސް ހިލޭ ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.


ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ކުންފުންޏެއް ރައީސް އަބްދުﷲ ޔާމީން އުފެއްދެވީ އިއްޔެ އެވެ. ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުނީގެ މަގުސަދަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާ ބެހޭ ސެންޓަރުތައް ހިންގައި އަދި އެ ވިޔަފާރީގެ ދާއިރާ ކުރިއެރުވުމެވެ.

ބީސީސީއާ ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ވެލިއު ޗެއިން އެންޑް ކެޕޭސިޓީ ބިލްޑިން ސްޕެޝަލިސްޓް އަހުމަދު މުމްތާޒް ވިދާޅުވީ ބީސީސީން ކުރިޔަށް އޮތްތަނުގައި އާމްދަނީ ހޯދުމަށް ދެ ކަމެއް ކުރާނެ ކަމަށެވެ. ނަމަވެސް އަތޮޅުތަކުގައި ހުރި ބީޑީސީތަކުން ދެމުން އަންނަ ހިދުމަތްތައް ހިލޭ ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަތޮޅުތަކުގައި ހުރި ބިޒްނަސް ސެންޓަރުތަކުން ވިޔަފާރިކުރުމަށްވުރެ ބޮޑަށް އިސްކަންދޭނީ އެސްއެމްއީތަކާ ގުޅިގެން މަސައްކަތްކޮށް، ރާއްޖޭގެ އުފެއްދުންތެރިކަން ވިހާ ބޮޑަކަށް ކުރިޔަށް ގެންދިއުން. އެއީ އެއް ކުންފުނީގެ އެއް މަގުސަދު،" މުމްތާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނިން މައިގަނޑު ވިޔަފާރިއެއްގެ ގޮތުގައި ކުރިޔަށް ގެންދާނީ ހުޅުމާލޭގައި ހަ ބުރިއަށް އަލަށް ހަދާ އިންޑަސްޓްރިއަލް ޕާކު ތަރައްގީކޮށް، އެކި ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދުކުރަނީ އެތަނުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދިއުން. އެގޮތުން މެކަނައިޒްކޮށް ތަފާތު ދިވެހި އުފެއްދުންތައް އުފެއްދޭނެ ނިޒާމެއް ގާއިމުކުރެވިގެންދާނެ. އޭގެ މާނައަކީ ބަލްކްކޮށް އެތަނުގައި އެއްޗެތި އުފައްދައި އެކަމުގެ އެހީތެރިކަން ލިބިގެންދާނެ،" މުމްތާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުޅުމާލޭގައި ހަދާ އިންޑަސްޓްރިއަލް ޕާކުގައި ޕެކޭޖިން ސެންޓަރުގައި ތަފާތު އުފެއްދުންތައް ތައްޔާރުކުރުމާއި އޮފީސް ޖާގަ އާއި ކުދި ވިޔަފާރިވެރިންނަށް ގުދަން ކުރެވޭނެ ގޮތްތައް ވެސް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި އެތަނަކީ ކުދި ވިޔަފާރިތަކަށް ތަފާތު ގިނަ ފުރުސަތުތަކެއް ލިބޭނެ ތަނަކަށް ވެގެންދާނެ ކަމަށް ވެސް މުމްތާޒު ވިދާޅުވި އެވެ.

"އަތޮޅުތަކުގައި ހުރި ހުރިހާ ބިޒްނަސް ސެންޓަރުތައް ވެސް މީގެ ތެރެއަށް އައުމުން ވަރަށް ފުރިހަމައަށް މިކަން ކުރެވިގެންދާނެ. ހަގީގަތުގައި އިންޑަސްޓްރިއަލް ޕާކާއި ބިޒްނަސް ސެންޓަރުތަކުން ކުރެވޭ މަސައްކަތުން ލިބޭ އާމްދަނީން އަޅުގަނޑުމެން ފުރަތަމަ ވޯކިން ކެޕިޓަލް ރެއިސްކުރާނީ،" އޭނާ ވިދާޅުވި އެވެ.

މުމްތާޒު ވިދާޅުވީ ބީސީސީގެ ހަރަކާތްތައް ވަކި ހިސާބަކަށް ފުޅާކުރެވެންދެން ސަރުކާރުގެ ބަޖެޓުން ވެސް އެހީތެރިކަން ލިބޭނެ ކަމަށެވެ.