އެސްއެމްއީ ލޯނުގެ އިންޓަރެސްޓް ކުޑަކޮށް، އީދު ބަންދަށް ފަހު ދޫކުރަނީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ލޯނުގެ އިންޓަރެސްޓް ރޭޓު ކުޑަކޮށް، މި އީދު ބަންދަށް ފަހު އެ ލޯނު ދޫކުރަން ނިންމައިިފި އެވެ.


ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް (އެސްއެމްއީ) ނުވަތަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ކޮންމެ އަހަރަކު ވެސް ދައުލަތުގެ ބަޖެޓުން 50 މިލިއަން ރުފިޔާގެ ލޯނު ދޫކުރެ އެވެ. މި ސްކީމް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ދިވެހި އުފެއްދުންތެރިކަން އިތުރުކޮށް އެ ފަދަ ވިޔަފާރިތައް އިތުރަށް ތަރައްގީ ކުރުމަށެވެ.

ސްކީމް ހިންގުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރާއި އެ ބޭންކާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު އަހުމަދު އަންވަރާއި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި މި ލޯނުގެ އިންޓަރެސްޓް ނުވަޔަކުން ހަތް ޕަސެންޓަށް ކުޑަކުރަން ވަނީ ނިންމައިފަ އެވެ. އަދި ލޯނު ލިބުނު ފަރާތްތަކަށް އީދު ބަންދަށް ފަހު ލޯނުގެ ފައިސާ ބީއެމްއެލް އިން ދޫކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ލޯނަށް ކޮލިފައިވި ފަރާތްތަކަށް މިއީ ވަރަށް ބޮޑު އީދު ހަދިޔާއަކަށް ވެސް ވެގެން މި ދަނީ،" ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.

އީދު ބަންދަށް ފަހު ސަރުކާރު ހުޅުވޭނީ މި މަހުގެ 18ގަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި އެސްއެމްއީ ލޯނަށް މި އަހަރު 447 ފަރާތަކުން ކުރިމަތިލި އެވެ. އެ ފޯމުތަކުގެ ޓެކްނިކަލް އިވެލުއޭޝަން ފުރިހަމަކޮށް، ކޮމިޓީން ބަލަންޖެހޭ ކަންކަން ނިންމުމަށް ފަހު ލޯނު ލިބުނު ފަރާތްތަކަށް ވަނީ އެކަން އަންގާފަ އެވެ.

ޙުސައިން އަރީފު

5

ނޮޅިވަރަމް ދާއިރާ