ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކޮށް، ފުރުސަތުތައް ފަހިވާނެ ގޮތަށް ދައުލަތުގެ އޮފީސްތައް ކުރިޔަށް ގެންދާ ޕްރޮކިއުމަންޓުތަކުގައި ވަކިވަކި ފަރާތްތަކާއި ދާއިރާތަކަށް އިސްކަންދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް އާންމުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި އެ އުސޫލުގައިވާ ގޮތުން ފަސް މިލިއަން ރުފިޔާ އަށް ވުރެ ކުޑަ އަގެއްގެ ޕްރޮކިއުމަންޓުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިމެނޭ ނަމަ އެ ކެޓަގަރީގެ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ ފަރާތަކަށް އެ މަސައްކަތެއް ހަވާލުކުރާނެ އެވެ.
އުސޫލުގައިވާ ގޮތުން 500,000ރ. އަށް ވުރެ ކުޑަ އަގުގެ އިމާރާތް ކުރުމުގެ މަޝްރޫއުތައް މިހާރު ހާއްސަ ކޮށްފައި ވަނީ ނޭޝަނަލް ކޮންޓްރެކްޓާސް ރަޖިސްޓްރީގެ ގްރޭޑް 7 ގައި ހިމެނޭ ކޮންޓްރެކްޓަރުންނަށެވެ. އަދި 500,000ރ. އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ މަޝްރޫއުތައް ހާއްސަ ކޮށްފައި ވަނީ އެ ރަޖިސްޓަރީގެ ގްރޭޑް 4، 5، 6 އަދި 7 ގެ ކޮންޓްރެކްޓަރުންނަށެވެ.
ދައުލަތުގެ އޮފީސްތަކުން ކުރިޔއަށް ގެންދާ ފަސް މީލިއަން ރުފިޔާއަށް ވުރެ ދަށް ޕްރޮކިއުމަންޓްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ކުންފުނިތައް ހިމެނޭ ނަމަ ޕްރޮކިއުމެންޓް ހަވާލުކުރަން ނިންމާނީ އެފަދަ ކުންފުނިތަކުގެ ތެރެއިން ޝަރުތު ހަމަވާ އަދި އިވެލުއޭޝަނުން އެންމެ މަތިން މާކްސް ހޯދާން ކުންފުންޏަށް ކަމަށް އާ އުސޫލުގައި ބަޔާންކޮށްފައި ވެ އެވެ.
އޭގެ އިތުރުން ފަސް މިލިއަން ރުފިޔާ އަށް ވުރެ އަގު ކުޑަ ބީލަންތަކުގެ ތެރޭގައި އެ ރަށަކަށް ނިސްބަތްވާ ފަރާތެއް ހިމެނޭ ނަމަ އެ ބީލަމުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ރޭންކު ކޮށްފައިވާ އަގަށް ވުރެ 10 ޕަސެންޓް ކުޑަ ނަމަ، އެ ރަށެއްގެ ކުންފުންޏަށް އިސްކަން ދޭނެ ކަމަށް އުސޫލުގައި ވެ އެވެ.