އޮޑިޓާ ޖެނެރަލް ނިޔާޒީ: ބ. އަތޮޅު ރަށެއް ރިސޯޓް ހަދަން ކުއްޔަށް ދިނުމުގައި ދައުލަތުގެ އިދާރާތަކުގެ އިހުމާލު އެބައޮތް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވޭ --- ފޮޓޯ/މިހާރު
26 އޮކްޓޯބަރ 2025 - 14:41
ބ. އަތޮޅުގެ ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ރައްކާތެރިކޮށްފައިވާ ސަރަހައްދަކުން، ރިސޯޓެއް ތަރައްގީ ކުރުމަށް ރަށެއް ދިނުމުގައި އުސޫލުތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ބ. އަތޮޅުގެ ބަޔޮސްފިއާ ރިޒާވާ ގުޅޭގޮތުން ހެދި ތިމާވެށީގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ޓޫރިޒަމް މިނިސްޓްރީން އެ އަތޮޅު ބަތަލާ 20 އަހަރަށް ކުއްޔަށް ދޭން އެއްބަސްވުން އެކުލަވާލީ، އެރަށަކީ ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ރަށެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމުގެ ކުރިން ކަމަށެވެ.
އެރަށް ކުއްޔަށް ދީފައިވަނީ އަކަމީޓަރަކަށް ހަތަރު ޑޮލަރުގެ ރޭޓުންނެވެ. އެކަމަކު އެރަށް ކުއްޔަށް ނެގި ފަރާތުން އަދި މިނިސްޓްރީން ވެސް އެ ރަށުގެ ސައިޒް މީރާއަށް އަންގާފައިނުވާތީ ކުލި ދައްކަންޖެހޭ އަދަދު އެއްބަސްވުން އުވާލި ތާރީހާ ހަމައަށް ވެސް ހިސާބު ނުކުރެވޭ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.
ބަތަލާ ހިމެނޭ ސަރަހައްދު، ރައްކާތެރިކޮށް ދަމަހައްޓާ ތަނެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖޫން، 2011 ގަ އެވެ. އެރަށް ރައްކާތެރި ސަރަހައްދަކަށް ކަނޑައެޅިއިރު ވެސް އެރަށަކީ ފިޝަރީޒް މިނިސްޓްރީގެ ދަށުން ވަރުވާއަށް ދޫކޮށްފައިވާ އޮތް ރަށެކެވެ. އަދި ފިޝަރީޒް މިނިސްޓްރީން ކުއްޔަށް ދިން ފަރާތަށް އެ އެއްބަސްވުން އުވާލިކަން އެ މިނިސްޓްރީން އަންގާފައިވަނީ އޭގެ ގާތްގަނޑަކަށް ތިން އަހަރު ފަހުން ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
"ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި މިރަށް ހިމެނޭ ސަރަހައްދު ކަނޑައަޅާފައިވީ ނަމަވެސް ހިމާޔަތް ކޮށްފައިވާ ތާރީހުން ފެށިގެން (ތިން އަހަރާއި ދެ މަސް) ވަންދެން އެރަށަކީ އެހެން ފަރާތަކުން ކުލި ދައްކާ، ބޭނުން ކުރަމުގެ ހުއްދަދީފައިވާ ރަށެއް،" އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ މުއްދަތުގެ ތެރޭގައި ރަށް ބޭނުންކޮށްފައިވަނީ ތިމާވެއްޓާ ރަށްޓެހި ރައްކާތެރި ގޮތަކަށްކަން ކަށަވަރު ކުރެވެން ނެތް ކަމަށް ވެސް އޮޑިޓް އޮފީހުން ބުންޏެވެ. އަދި އެރަށް ހިމެނޭ ސަރަހައްދު ހިމާޔަތް ކުރަން ކަނޑައެޅިއިރު އެންވަޔަމެންޓް މިނިސްޓްރީން އެރަށަކީ ކުއްޔަށްދީފައިވާ ރަށެއް ވެސް ބަލާފައިނުވާ ކަމަށް އެ ރިޕޯޓްގައިވެ އެވެ. އެހެންވެ، އެއް މިނިސްޓްރީން ނިންމާ އެފަދަ ނިންމުންތަކުގެ މައުލޫމާތު ފަސޭހައިން ކަށަވަރުކޮށް، އަޕްޑޭޓްތައް ބެލޭނެ ނިޒާމެއް ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
ބަތަލާ ރިސޯޓު ހެދުމަށް ޓޫރިޒަމް މިނިސްޓްރީން އެއްބަސްވުން ހަދާފައިވަނީ އޮކްޓޫބަރު 2013 ގަ އެވެ. އެކަމަކު އެ އެއްބަސްވުމުގެ މައުލޫމާތު މީރާއަށް ހިއްސާކޮށްފައިވަނީ ޖުލައި، 2016 ގަ އެވެ. އަދި އޭގެ އެއް މަސް ފަހުން ޓޫރިޒަމް މިނިސްޓްރީން ވަނީ އެ އެއްބަސްވުން އުވާލައިފަ އެވެ. އަދި އެ ރަށް ފަހުން ވަނީ އެއްކޮށް ގިރައިގެން ގޮސްފަ އެވެ.
ޓޫރިޒަމް މިނިސްޓްރީ މައުލޫމާތުތައް ފޯރުކޮށްދިނުމުގައި އެހާ ގިނަ ދުވަސްތަކެއްވި ނަމަވެސް، މީރާއަށް އެ މައުލޫމާތު ލިބުމާއެކު ވަނީ އެ ރަށް ކުއްޔަށް ހިފި ފަރާތުގެ ކިބައިން ކުލި ހޯދުމަށް މަސައްކަތް ކޮށްފަ އެވެ. އަދި އެ ކުންފުނިން ފޯރުކޮށްދިން މައުލޫމާތަށް ބިނާކޮށް އެރަށުގެ ކުލި މީރާއަށް ދައްކާފައިވެ އެވެ. އެކަމަކު ޓޫރިޒަމް މިނިސްޓްރީން އެރަށުގެ ލޭންޑް އޭރިއާއާ ގުޅޭ ލިޔެކިޔުން ހުށަހަޅާފައި ނުވާތީ، ކުލީގެ ގޮތުގައި މީރާއަށް ދެއްކި އަދަދުގެ ސައްހަކަން އޮޑިޓް އޮފީހަށް ކަށަވަރު ނުކުރެވޭ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.
އެރަށް ޓޫރިޒަމްގެ ބޭނުމަށް ދޫކުރި މުއްދަތުގައި އެރަށަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދަކަށް ވާތީ، އެރަށުގައި ކުރުން މަނާ ކަންތައްތަކެއް ކަނޑައަޅާފައިވެ އެވެ. ނަމަވެސް އެރަށުގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުއެއް ހިންގާފައިވާކަން ބަޔޮސްފިޔާ ރިޒާވް އޮފީހުން އަންގާފައި އޮތް ނަމަވެސް، އެ ކަން ސަރުކާރުން ބަލައި، ފިޔަވަޅު އަޅަފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.
އެހެންވެ، އެ ރަށް ކުއްޔަށް ދިނުމުގައި ޓޫރިޒަމް މިނިސްޓްރީގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާ ނުކުރާ ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސިކުނޑި
26 October 2025
އޮޑިޓް އޮފީހަކީ އޭރަކު އޮންނަ ސަރުކާރަކަށް ސިޔާސީ ހުޅު ރޯކޮށްދޭ ބައެއް! އެއްވެސް އިތުބާރެއްވެސް ބާރެއްވެސް އޮތް ބައެއްނޫން! ބޮޑު މުސާރަ ކައިގެން ތިބޭ .. ތަކެއް!
ކޮރަލް
26 October 2025
ސަރުކާރުގެ އިދާރާ ތަކެއް އިހްމާލް އެއް ނުވާނެ އެވެ. އިދާރާތަކާ ހަވާލުވެ ހުންނަ މީހުންގެ ތެރެއިން ބަޔަކު އިހްމާލް ވީ އެވެ. އެބަޔަކާ ދެކޮޅަށް މިހާރުވެސް ސަރުކާރުން ބޭނުންނަ މަ ފިޔަވަޅު އެޅޭނެ އެވެ. މައްސަލަ ބަލަން އޮޑިޓަރު ޖެނެރަލް އޮފީހުން ލަފާ ދީ ބަލާށެވެ.
މައްސަލަ
26 October 2025
ހަބަރުގަ ބައެއް މައުލޫމާތު މަދީ، މައްސަލަ ބަލައި ފިޔަވަޅު އަޅަން ލަފާދީފަ އެބައޮތް އޮޑިޓުން
ރާއްޖެ
26 October 2025
އިހުމާލުވި އެއްވެސް މީހަކަށް ފިޔަވަޅެއް ނާޅާހާ ހިނދަކު ތިއީ ބޭކާރު ވާހަކައެއް.
ރަށް ނެތުން
26 October 2025
ރިޕޯޓުގަ އެބައޮތް އެތަން ދިރާސާނުކޮށް ތޮށިލި ވާހަކާއާ އެރަށް އެކަށް ގިރައިގެން ދިޔަކަންވެސް. މީކިހާ ބޮޑު ގެއްލުމެއް
ކުމާރިކާ
26 October 2025
ސުރުހީ ބަލާފަ ހީވީ ބަތަލާއަކު ކުއްޔަށް ދީގެން އުޅެނީހެން.
މިއައު
26 October 2025
ނޫމަޑި މައްސަލައިގަ ބައިތުލް މާލުން އެވަރު ދައްކަން ޖެހުނު ސަބަބު ވެސް ބަލާލަ ދީފާނަންތަ؟
ނަބީލި
26 October 2025
މިހާރު ދުނިޔެމަތީގަ މި ރަށް ނުވެސް ނެތް، ބޮއެފުށި، ވޭފުށިވެސް ގެއްލިގެން ހިގައްޖެ،