ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޒަރީރު ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ވާހަކަ ދައްކަވަނީ: މީރާގެ މަސައްކަތުގެ މާހައުލު އޮތީ ރަނގަޅަށް ނޫން ކަމަށް އޭނާ ވިދާޅުވި --- މިހާރު ފޮޓޯ/ނިޝާން އަލީ
15 ނޮވެމްބަރ 2025 - 14:13
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި 50 މީހުން ބޭނުންކުރަން ހުރީ އެންމެ ފާހާނާއެއް ކަމަށާއި އަދި މުވައްޒަފުން ވަކިވާ އަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންދާ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޒަރީރު ވިދާޅުވީ އަންނަ އަހަރަށް މީރާއަށް ކަނޑައަޅާފައިވާ ބަޖެޓާ މެދު މާ ބޮޑު ކަންބޮޑުވުމެއް ނެތް ކަމަށާއި އެކަމަކު އެ އިދާރާގެ މުވައްޒަފުންނަށް ރަނގަޅު ގޮތްތަކެއް ބޭނުންވާ ކަމަށެވެ.
އޭނާ ވިދާޅުވީ މީރާ އެންމެ ފުރަތަމަ އުފެދިގެން އައީ އޭރުގެ އެހެން އިދާރާތަކާ އަޅާ ބަލާއިރު ރަނގަޅު މުސާރައާއެކު ކަމަށާއި އެކަމަކު މިހާރު މީރާގައި ކުރަންޖެހޭ މަސައްކަތްތަކާ އަޅާ ބަލާއިރު ރަނގަޅު މުސާރައެއް ނުލިބޭ ކަމަށެވެ.
މިދިޔަ އަހަރު މީރާގައި ޓާންއޯވާ 17 ޕަސެންޓުގައި ހުރިއިރު އެ އަދަދު މިއަހަރު 21 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ދިމާވީ މީރާގެ ޓެކްނިކަލް މުވައްޒަފުންނަށް އެހެން ތަންތަނުން މާ ރަނގަޅު މުސާރަ އާއި ވަޒީފާގެ ފުރުސަތު ލިބޭތީ ކަމަށް ޒަރީރު ވިދާޅުވި އެވެ.
ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ބައެއް މެންބަރުން --- މިހާރު ފޮޓޯ/ނިޝާން އަލީ
ޒަރީރު ވިދާޅުވީ އެ އިދާރާގެ މަސައްކަތުގެ މާހައުލު ވެސް ހުރީ އެންމެ އެކަށީގެންވާ ގޮތަށް ނޫން ކަމަށެވެ. އެގޮތުން ބައެއް އޮފީސް އިމާރާތްތަކުގައި 50 މުވައްޒަފުން އެންމެ ފާހަނާއެއް ވެސް ބޭނުން ކުރަންޖެހޭ ކަމަށް ޒަރީރު ވިދާޅުވި އެވެ.
"އޭގެ ތެރޭގައި 50 މުވައްޒަފުންނަށް އެއް ފާހަނަ ބޭނުން ކުރަންޖެހޭ ތަންތަން ވެސް އެބަހުރި. އެއީ މަސައްކަތުގެ އެންވަޔަރްމެންޓް، މަސައްކަތް ކުރަންޖެހޭ ތަނުގެ ގޮތުން ވެސް ވަރަށް ބޮޑު ޗެލެންޖްތަކެއް. ވަރަށް ކުދި ޖާގަތަކެއްގައި ވަރަށް ކޮންޖެސްޓްކޮށް މަސައްކަތް ކުރަން ޖެހެނީ،" އޭނާ ވިދާޅުވި އެވެ.
އެ އިދާރާއަށް ގާތްގަނޑަކަށް 370 މުވައްޒަފުން ބޭނުން ވާއިރު އަދި އެޕްރޫވް ވަޒީފާތަކުގެ ގޮތުގައި 337 މަގާމު އޮތްއިރު އެ އިދާރާގައި މިހާރު މަސައްކަތް ކުރަނީ 290 އެއްހާ މުވައްޒަފުންނެވެ. އަދި ހުސްވެފައިވާ މަގާމުތަކަށް ހުޅުވާލިޔަސް، އެ ވަޒީފާތަކަށް މާބޮޑު ޝައުގުވެރިކަމެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު --- މިހާރު ފޮޓޯ/ނިޝާން އަލީ
"މީރާގެ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްލަން ބޭނުންވަނީ މުވައްޒަފުން ރީޓެއިން ކުރުން [ހިފެހެއްޓުން]. މީގައި ދިމާވާ މައްސަލައަކީ މީރާ ފަށައިގަތީ ދައުލަތުގެ އެހެން މުއައްސަސާތަކާ ތަފާތުކޮށް ތަފާތު ޕޭ ސްކޭލެއްގައި. އެހެން ނަމަވެސް މިދިޔަ 15 އަހަރު އެބައި ދަށްވަމުން ގޮސް މީރާގެ ކަންކަމުގައި މާބޮޑު ބަދަލުތަކެއް އައިސްފައި ނެތީމަ މިހާރު މީރާގެ މަސައްކަތުގެ ގަޑި އާއި ރެސްޓްރިކްޝަންތައް ލާފައި މާ ބޮޑު އެޓްރެކްޓިން ތަނަކަށް ނުވޭ،" އޭނާ ވިދާޅުވި އެވެ.
އެހެންވެ، މުވައްޒަފުންގެ މުސާރަ ބޮޑުކޮށް، މަސައްކަތުގެ މާހައުލު މިހާރަށް ވުރެ ރަނގަޅު ކުރުމަށް ހަރަދުތައް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މުވައްޒަފުންގެ ކަންކަން ރަނގަޅު ނުކުރާނަމަ، އެ އިދާރާގެ ޕާފޯމަންސް އެންމެ ރަނގަޅަށް ކުރިއަށް ގެންދަން ދަތިވާނެ ކަމަށެވެ.
އަންނަ އަހަރަށް މީރާއަށް ކަނޑައަޅާފައިވަނީ 117 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތުއްތުކަމަނާގެ އިބުރާހީމު
16 November 2025
ބަލަ އަހަރުމެން ބޭނުންކުރަން ހުންނަނީ ވެލާނާގެ4 އެއްގެ ޕަބްލިކް ޓޮއިލެޓެއް، ދުވާލަކަށް 500އެއްހާ މީހުން ބޭނުންކުރާ ފާޚާނާއެއް. ހަކުރުބޯ ބޭފުޅުން، އަވައްޓެރި ހުރިހާ ގައުމުގެއްގެ މަސައްކަތު މީހުން. މިހެން ގޮސް ލިސްޓު ކުރެވިދާނެ.
މިހާރުނޫސް
16 November 2025
ޕީއެސްއެމް ރޭޑިއޯ ބިލްޑިންގުން މުވައްޒަފުން ނެރެ ކުޑަ ސީލިންގކޮޅަކަށް ތޮއްޖައްސާފަ އެންމެ ފާހާނައެއް އެތާވެސް މޮޅެތި ވާހަކަ ނުދައްކާ
އޮފީސް
16 November 2025
ޕުލޭނުކޮށްގެން ބަޖެޓު ހަމަޖައްސައިގެން މީރާގެ ހައިބަތު ފެންނަވަރުގެ ފުރިހަމަ އިމާރާތާއި ވަސީލަތްތައް ހަމަޖެއްސުމަކީ އެތަނުގެ ވެރިންގެ ޒިންމާއެއް. އާންމުން ކާރީގައި ޝަކުވާކުރިޔަސް އެމީހުންނަށް ކުރެވޭނެކަމެއް ނޯންނާނެ.
އަޅުން
16 November 2025
މީހުންނަށް ބިރު ދެއްކުމާއި، މުވައްޒަފުންގެ ހައްގުތަކަށް އަރައިގަތުން އާނމު ތަނެެއްގެ ގޮތުގައި މީރާ ވަނީ ނަން މަޝްހޫރުވެފައި. ސިއްހަތަށް ވިސްނާފަވެސް ތިތަނަށް މީހުން ނުވަންނާނެ
ތެފައާސާ.
16 November 2025
މިސާލަކަށް މުވައްޒަފަކު އަލަތު ދަރިއަކަށް ބަނޑުބޮޑުވެގެން ލީވްއަކަށް އެޕްލައި ކުރަން އުޅުނީމާ، 2 ގުޅަ ބޭހުން ތިކަން ނިންމާލަން ވީނޫންހޭ ބުނެ މުވައްޒަފުންނާއި މުއާމަލާތްކުރާ ވެރިން ތިބޭ ތަނެއްގައި މުވައްޒަފުން ހަރުލާން ވަރަށް އުނދަގޫ ވާނެ ދޯ؟ މިއީ އަދި އެންމެ މިސާލެއް.
ލިބެންޖެހޭ ފައިސާ
16 November 2025
ބަލަ ޒަރީރު ގަޓު ނެތީނު، ޔަޒީދު ހާދަ ބުރަ މަސައްކަތުން ތިިހިސާބަށް ގެންދިޔަ މުއައްސަސާއެކޭ ތީ. މިހާރު މުޅިންވެސް ކަން ނުވެގެން ޝަކުވާ ތިކުރަނީ. މީހުން ހަރުލާނެ ގޮތަށް ބޮންޑު ނުކުރާތީ ވާ ގޮތް ތީ. ޓެކުހަށް މަކަރު ހަދާ ބަޔަކާ ‘ގުޅިގެން’ ހިންގޭނެ ތަނެއް ނެތް. ގައިމުވެސް ބޮޑެތި ރިސޯޓު އޯނަރުން ޓެކްސް އަށް މަކަރު ހަދާ ވަރާ ދައުލަތަށް ހަގީގަތުގަ ގެއްލޭ ވަރު، މިހާރު ވެރިކަން ކުރަން ހުރި މުއިއްޒުއަށް އިނގޭނެކަމާ މެދު ވެސް ޝައްކު.
ލޯނގް ޓާމް ސޮލިއުޝަން ބޭނުން
16 November 2025
ބޮންޑް ކުރެވޭނީ ވަކި މުއްދަތަކަށް
ތިމަރަފުށި
16 November 2025
މީރާގެ މެނޭޖްމަންޓް މާ އިންސްޕަޔަރިންގ ނުވެ، ރަނގަޅު މަސައްކަތެއް ނުކުރެވޭތީވެސް މުވައްޒަފުން ކެނޑިދާނެ ނޫންތޯ؟ މި ވާހަކަ ވެރިންގެ ފުށުން ނީވޭނެ، ދެއްތޯ؟
ވަލީދާ
15 November 2025
ޖީޓީޓީ - ޖެނެރަލް ޓޮއިލެޓް ޓެކްސް ގެ ނަމުގަ އާޓެކުހެއް ނަގަން ރާވަނީބާ؟
ސަހަލު
15 November 2025
މިއަދުތަ ތިވާހަކަ ދައްކަން އެނގުނީ؟ މީރާ އަށް މުވައްޒަފުންނަށް އަޅާލާ އޯގާތެރި ރަނގަޅު ވެރިން ލާންވީ
މީރާ
15 November 2025
މީހުން ދިރިއުޅޭ ގެ ތަކުގަ ދައުލަތުގެ އޮފީސް ހިންގާތީ ދޯ މައްސަލައަކީ