ރާއްޖޭގެ ޓޫރިޒަމްގެ ތާރީހުގައި މިހާތަނަށް އެއް މަސް ތެރޭގައި އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި މަހަކަށް މިދިޔަ ޑިސެމްބަރު މަސް ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެ އަށް ވަނީ 224،000 ޓޫރިސްޓުން އައިސްފަ އެވެ. މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައި ކަމަށް ރެކޯޑު ކޮށްފައި ވަނީ ފެބްރުއަރީ 2024 ގަ އެވެ. އެ މަހު ރާއްޖެ އަށް އައީ 217،000 ޓޫރިސްޓުންނެވެ. އެހެންވެ، މިދިޔަ ޑިސެމްބަރު މަހު ވަނީ މިއީ ތިން ޕަސެންޓުގެ ކުރިއެރުން އައިސްފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ އެ މަހުގެ 29 ވަނަ ދުވަހު އެވެ. އެއީ 9،900 ޓޫރިސްޓުންނެވެ. އެކަމަކު އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ޓޫރިސްޓުން އައި ކަމަށް މިހާތަނަށް ރެކޯޑު ކޮށްފައި ވަނީ ފެބްރުއަރީ 24، 2024 ގަ އެވެ. އެ ދުވަހު ރާއްޖެ އަށް 11،000 ޓޫރިސްޓުން އައިސްފައިވެ އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ އާއި ފެބްރުއަރީ އަދި މާޗު މަހު ވެސް ރާއްޖެ އަށް ދެ ލައްކަ އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ.

އެންމެ މަދުން ޓޫރިސްޓުން އައިސްފައިވަނީ އެ އަހަރުގެ މެއި މަހު އެވެ. އެ މަހު ރާއްޖެ އަށް އައީ 135،000 ޓޫރިސްޓުންނެވެ.

މިދިޔަ އަހަރު އެވްރެޖުކޮށް ދުވާލަކު ރާއްޖެ އަށް ޒިޔާރަތް ކޮށްފައި ވަނީ 6،100 ޓޫރިސްޓުންނެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 10 ޕަސެންޓުގެ އިތުރުވުމެކެވެ.

މިދިޔަ އަހަރު ނިންމާލި އިރު ރާއްޖެ އަށް 2.25 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ އެ އަހަރުގެ ފުރަތަމަ އަންދާޒާ އަށް ވުރެ ބައި ލައްކަ މަދު އަދަދެކެވެ.

ޓޫރިސްޓުންގެ އަދަދު މަދުވި ނަމަވެސް އަހަރު ނިމޭއިރު، އެ ދާއިރާ އިން ވަންނަ އާމްދަނީ ވަނީ އިތުރުވެފަ އެވެ. އަހަރު ނިމޭ އިރު ޓޫރިޒަމް ރިސީޓުގެ ގޮތުގައި 5.6 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެ އެވެ. އެއީ 16 ޕަސެންޓުގެ އިތުރުވުމެކެވެ.