ޓްރީޓޮޕް ހޮސްޕިޓަލުން ބޭއްވި ހިތާނީ ކޭމްޕު ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ބޭއްވި މި ކޭމްޕުގައި 200 އަށް ވުރެ ގިނަ ކުދިން ވަނީ ހިތާނުކޮށްފަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހިތާނީ ކޭމްޕުގައި އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ތަޖުރިބާކާރު ސާޖިކަލް އަދި ޔޫރޮލޮޖީ ޓީމަކުންނެވެ.

މި ޓީމުގައި ހިމެނެނީ ޑރ. ހުސައިން ހަދީވް އާއި ޑރ. އުކްތަމް އަބްދުﷲ އާއި ޑރ. މައުމޫން އާސިމާއި ޑރ. އިބްރާހީމް މުއުމިނާއި ޑރ. މުހައްމަދު ޝަރީފާއި ޑރ. އަބްދުﷲ އުބައިދު އެވެ.

ޓްރީ ޓޮޕުން ބުނީ، ޑޮކްޓަރުންގެ ޓީމުން ކުދިންނަށް ދީފައިވާ ހިދުމަތްތަކާއި ކުދިންނާ އެކު ބެހެއްޓި ގާތްކަން، އެ ކުދިންގެ ބެލެނިވެރިން ފާހަގަކޮށްފައިވާ ކަމަށެވެ. 

ޓްރީ ޓޮޕުން ހިންގާ ހިތާނީ ކޭމްޕަކީ ބެލެނިވެރިންނަށް ލުއިފަސޭހަވާނެހެން ހުރިހާ ހިދުމަތެއް ހިމަނައިގެން، ފަރުމާކޮށްފައިވާ ޕެކޭޖެކެވެ.

އެ ޕެކޭޖުގެ ތެރޭގައި ހިތާނުކުރުމުގެ ކުރިން ހަދަންޖެހޭ ލެބޯޓްރީ ޓެސްޓުތަކާއި ކޮންސަލްޓޭޝަންތަކުގެ އިތުރުން، އޮޕަރޭޝަންގެ ހުރިހާ ހަރަދަކާއި ބޭނުންވާ ބޭހާއި އޮޕަރޭޝަނަށްފަހު ދޭންޖެހޭ ފޮލޯ-އަޕް ހިދުމަތްތައް ހިމެނެ އެވެ. މި ކޭމްޕުގައި ހިތާނުކުރި ކޮންމެ ކުއްޖަކަށް ހާއްސަ ހަދިޔާއެއް ދީފައިވާއިރު، ހޮސްޕިޓަލުގެ ރޫމް އަޕްގްރޭޑް ކުރުމުގެ ފުރުސަތު ވެސް ހާއްސަ އަގުތަކެއްގައި ވަނީ ފޯރުކޮށްދީފަ އެވެ.

ޓްރީ ޓޮޕުން ބުނި ގޮތުގައި. މި ފަހަރުގެ ކޭމްޕަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ.

އެ ހޮސްޕިޓަލުން މިހާރު ވަނީ ކުރިއަށް އޮތް ކޭމްޕުގެ ތައްޔާރީތައް ވާން ފަށައިފަ އެވެ. އެ ކޭމްޕު ބާއްވަން ހަމަޖެހިފައިވާ ތާރީހުތައް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ބުންޏެވެ.