ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާ ޕަބްލިކް ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމު ހިއްސާދާރުންނަށް ހުޅުވާލައިފި އެވެ. 

ޕަބްލިކް ޑިރެކްޓަރުގެ މަގާމަކީ މެޖޯރިޓީ ހިއްސާދާރުން ފިޔަވައި އެހެން ހިއްސާދާރުންގެ މެދުގައި ނެގޭ ވޯޓަކުން ހޮވާ އާންމު ހިއްސާދާރުން ތަމްސީލުކުރާ ފަރާތެވެ. އެ މަގާމަށް ހޮވޭ ފަރާތެއްގެ ދައުރު އޮންނާނީ އެ ފަރާތެއް އިންތިހާބުކުރާ އަހަރީ އާންމު ޖަލްސާއިން ފެށިގެން އޭގެފަހުން ބާއްވާ ދެވަނަ އަހަރީ އާންމު ޖަލްސާގެ ނިޔަލަށެވެ. އެ އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހު ބާއްވާ ދިރާގުގެ 37 ވަނަ އަހަރީ އާންމު ޖަލްސާގަ އެވެ.

ޝަރުތު ހަމަވާ އާންމު ހިއްސާދާރުން "ޕަބްލިކް ޑައިރެކްޓަރު ކަމަށް އެދޭ ފޯމު" އާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ސިޓީ އުރައެއްގައި ބަންދުކޮށް ދިރާގު ހެޑް އޮފީސުގެ ކޮމްޕެނީ ސެކްރެޓަރީ އަށް އެޑްރެސްކޮށް ނުވަތަ [email protected] އަށް އީމެއިލް މެދުވެރިކޮށް، އަންނަ މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 3 ޖެހުމާއި ހަމައަށް އެޕްލައިކުރެވޭނެ އެވެ.  އަދި އެޕްލިކޭޝަން ފޯމު ދިރާގުގެ އޭޖީއެމް ޕޭޖާއި ދިރާގުގެ ހެޑް އޮފީހުން ލިބެން ހުންނާނެ އެވެ. 

އެ މަގާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން އިވެލުއޭޓްކޮށް ޝޯޓްލިސްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ބޯޑުގެ އާރްއެންޖީ ކޮމިޓީން ކަމަށް ދިރާގުން ބުންޏެވެ. އެގޮތުން ޝޯޓްލިސްޓް ކުރުމަށްޓަކައި އެ މަގާމަށް އެދި ހުށަހަޅައިފައިވާ ފަރާތްތަކާ އިންޓަވިއު ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ އިވެލުއޭޝަން ޕްރޮސެސްއަށްފަހު ކޮމިޓީން ނިންމާ ނަންތައް ބޯޑުގެ ހުއްދައާއެކު އަހަރީ އާންމު ޖަލްސާގެ ނޯޓިސްގައި ހިމަނައި ވޯޓަށް އަހާނެ ކަމަށެވެ. އެ މަގާމަށް ހޮވޭނީ އެންމެ ގިނަ ވޯޓު ލިބޭ ފަރާތެކެވެ. ވޯޓު ދިނުމުގެ ފުރުސަތު ލިބޭނީ ޖަލްސާއަށް ހާޒިރުވާ ނުވަތަ އޮންލައިންކޮށް ބައިވެރިވާ ނުވަތަ ޖަލްސާގައި ހިއްސާދާރުން ތަމްސީލުކުރާ ފަރާތްތަކަށެވެ. ކޮންމެ ހިއްސާދާރަކަށް ނުވަތަ ހިއްސާދާރެއް ތަމްސީލުކުރާ ފަރާތަކަށް ވެސް ވޯޓު ދެވޭނީ އެ ފަރާތަކަށް ނިސްބަތްވާ ޖުމްލަ ހިއްސާގެ އަދަދަށް ކޮންމެ ހިއްސާއަކަށް ވޯޓެއްގެ އުސޫލުންނެވެ.